ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބު، ރެއާލް މެޑްރިޑުން ރޭ ލީގު ބުރުގައި ކުޅުނު މެޗުގައި އޮލިމްޕިއާކޮސް ބަލިކުރި އިރު، ޕީއެސްޖީން ދެފަހަރަށް ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށްފިއެވެ.

ރެއާލުން 3-4 އިން ގްރީސްގައި މޮޅުވި އިރު، އެޓީމުގެ ހަތަރު ގޯލްވެސް ޖަހައިދިނީ ކިލިއަން އެމްބާޕޭއެވެ. އެންމެ ހަތް މިނެޓް ތެރޭގައި އެމްބާޕޭ ހެޓްރިކެއް ފުރިހަމަ ކުރި އިރު، އެމްބާޕޭއަކީ ޔޫރަޕްގެ އަވޭ މެޗެއްގައި ހަތަރު ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.

އެމްބާޕޭއަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޓޮޕް ސްކޯރާވެސް މެއެވެ. އޭނާ ވަނީ ފަސް މެޗުން ނުވަ ގޯލް ޖަހައިފައެވެ. މޮޅާއެކު ރެއާލް އޮތީ ފަސްވަނައިގައެވެ. އެއީ ފަސް މެޗުން 12 ޕޮއިންޓާއެކުގައެވެ.

މެޗުގެ އަށްވަނަ މިނެޓުގައި އޮލިމްޕިއާކޮސްގެ ޗިގީނިއޯ ގޯލް ޖެހި ނަމަވެސް 22 ވަނަ މިނެޓާއި 24 ވަނަ މިނެޓުގެ އިތުރުުން 29 ވަނަ މިނެޓުގައި ގޯލްތައް ޖަހައި، އެމްބާޕޭ ހެޓްރިކް ފުރިހަމަ ކުރިއެވެ. އެ ގޯލްތަކަށް އެސިސްޓް ކޮށްދިނީ ވިނީޝިއަސް ޖޫނިއާއި އާދާ ގޫލާ އަދި އެޑުއާޑޯ ކަމަވިންގާއެވެ.

ވިނީޝިއަސްއާއި ރެއާލް ކޯޗު ޒަބީ އެލޯންސޯ މައްސަލަތަކެއްގައި އުޅޭކަމަށް ނޫސްތައް ބުނެފައިވާ އިރު، ރޭގެ މެޗުގެ ފުރަތަމަ 11 އަށް އޭނާ ނުކުތީ މެދުކެނޑުމަކަށްފަހުއެވެ.

ދެވަނަ ހާފުގައި މެހްދީ ތަރޭމީގެ ގޯލަކުން އޮލިމްޕިއާކޮސް އަނެއްކާވެސް އުންމީދެއް ހޯދިއެވެ. އެ ގޯލަށް 10 މިނެޓްވެސް ނުވަނީސް އަނެއްކާވެސް އެމްބާޕޭގެ ގޯލަކާއެކު ރެއާލް ލީޑު ފުޅާކުރިއެވެ.

މެޗު ނިމެން ދަނިކޮށް، 81 ވަނަ މިނެޓުގައި އައްޔޫބް އެލް ކާބީ އޮލިމްޕިއާކޮސްއަށް އިތުރު ގޯލެއް ޖެހި ނަމަވެސް ރެއާލުން ނަތީޖާ ހިފަހައްޓާލިއެވެ.

ރޭ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން ކުޅުނު މެޗުގައި އެޓީމާ ދެކޮޅަށް ޓޮޓެންހަމްއިން ދެފަހަރަށް ލީޑު ނެގި ނަމަވެސް، ޕީއެސްޖީން ވަނީ 5-3 އިން މޮޅުވެފައެވެ.

ރިޗާލިސަންގެ ގޯލުން ޓޮޓެންހަމް ލީޑު ނެގި އިރު، ވިޓީނިއާގެ ހެޓްރިކުން ހާލަތު ބަދަލުކޮށްލިއެވެ. އޭނާގެ ހެޓްރިކާއެކުވެސް ޓޮޓެންހަމްއިން ހިތްވަރުކޮށްފައިވާ އިރު، ދެވަނަ ހާފުގައި ރެންޑަލް ކޯލޯ މުއާނީގެ ދެ ގޯލް ފެނިގެން ދިޔައެވެ. ޕީއެސްޖީން މޮޅު ޔަގީންކުރީ ވިލިއަމް ޕަޗޯއާއި ފަބިއަން ރުއީޒްގެ އިތުރު ގޯލްތަކަކާއެކުގައެވެ.