ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ފަހުވަގުތު އެތުލެޓިކޯ މެޑްރިޑް ބަލިކުރި އިރު، ޗެލްސީ ކައިރިން ބަޔާން މިއުނިކުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ކުޅުން ރޭ ފަށާފައިވާ އިރު، މިރޭ ކުޅުނު މެޗުތަކަކީވެސް ޓީމުތަކުގެ ފުރަތަމަ މެޗުތަކެވެ. ލިވަޕޫލުން މިފަހަރު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުތީ އަމިއްލަ ދަނޑުގައެވެ.

އެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެންމެ ފަހު މިނެޓުގައި އެޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފެށުން ދިޔަ ގޮތުން ލިވަޕޫލުން މެޗު ފަސޭހައިން ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އެހެން އެކަން ވެގެން ނުދިޔައީ އެތުލެޓިކޯއިން މެޗުގެ އޮއިވަރު އަނބުރާލުމުންނެވެ. މެޗު ފެށިގެން ފުރަތަމަ 20 ވަރަކަށް މިނެޓުގައި ލިވަޕޫލުން މުޅި މެޗު ޑޮމިނޭޓްކޮށް، ނުރައްކާވެސް ކުރިއެވެ.

މެޗުގެ ފުރަތަމަ ހަ މިނެޓު ތެރޭގައި ލިވަޕޫލުން ދެ ގޯލުވެސް ޖެހިއެވެ. ފުރަތަމަ ގޯލު ހަތަރު ވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން ޖެހީ މުހައްމަދު ސަލާހްގެ ޕާހަކުންނެވެ. އޭގެ ދެމިނެޓު ފަހުން ސަލާހް އިތުރު ގޯލެއް ޖަހައި މެޗު އެޓީމު ކޮޅަށް އަނބުރާލި އިރު، އޭގެފަހުންވެސް ސަލާހް ވަނީ ނުރައްކާ ކޮށްފައެވެ.

އޭގެ އިތުރުން އަލަށް ކުޅުނު އެލެކްސެންޑްރާ އިސާކަށްވެސް ފުރުސަތުތައް ލިބިގެން ދިޔައެވެ.

އެ ފޯމުގައި ކުޅެމުންދިޔަ ލިވަޕޫލަށް މަޑު ޖެހުނީ ހާފު ނިމެންދަނިކޮށް މާކޮސް ލޮރެންޓޯ ޖެހި ގޯލުންނެވެ. އެ ގޯލާއެކު ދެވަނަ ހާފަށް ނުކުމެ، ލޮރެންޓޭގެ އިތުރު ގޯލަކާއެކު އެތުލެޓިކޯއިން އެއްވަރުކުރިއެވެ.

ފަހުވަގުތު ފޯރިގަދަކޮށް ފެނުނު މެޗުން ލިވަޕޫލް މޮޅުވީ ކެޕްޓަން ވާޖިލް ވެން ޑައިކް ޖެހި ގޯލުންނެވެ. އެ ގޯލަށްފަހު ހޫނުވެގެން ގޮސް، އެތުލެޓިކޯ ކޯޗު ޑިއޭގޯ ސިމިއޯނީއަށް ރަތް ކާޑުވެސް ދައްކަން ޖެހިފައިވެއެވެ.

ޗެލްސީން އަވޭގައި ރޭ ބަޔާން މިއުނިކް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ޓްރެވޯ ޗަލޯބާ އަތުން ބައިކޮޅަށް ވަން ގޯލަކުން ބަޔާނުން ލީޑު ނަގާފައިވާ އިރު، އޭގެ ހަތް މިނެޓު ފަހުން ބަޔާނަށް ލިބުނު ޕެނަލްޓީއެއްގައި ހެރީ ކޭން ވަނީ މެޗުގެ ނަތީޖާ ފުޅާކޮށްފައެވެ.

ޗެލްސީން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ކޯލް ޕާމާގެ ގޯލެއް ފުރަތަމަ ހާފުގައި ފެނުނު ނަމަވެސް، ދެވަނަ ހާފަށް ނުކުމެ އަނެއްކާވެސް ކޭން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.

ކޭން މިހާތަނަށް ސީޒަނުގައި 10 ގޯލު ޖަހާފައިވާ އިރު، ރޭގެ މެޗަކީ އޭނާ މި ސީޒަނުގައި ކުޅުނު ހަވަނަ މެޗެވެ.

މެޗުގެ ފަހުކޮޅުގައި ޗެލްސީން ނުރައްކާކޮށް، އިތުރު ގޯލަކާ ގާތަށްވެސް ޖެހިލިއެވެ. ޕާމާ ކުރިއަށް ޖެހި ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރުން ނިންމީ ޕާމާ އެ ބޯޅައަށް މަސައްކަތް ކުރި އިރު، އޮފްސައިޑް މަގާމެއްގައި އޮތް ކަމަށެވެ.