ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މާޗު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އެގޮތަށް ކޯޓުން ނިންމީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު އޮތުމުންނެވެ. އެ މުއްދަތު ހަމަވުމުން ބޭއްވި ބަންދު އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކުރިއެވެ. އެގޮތަށް ނިންމީ ހެއްކެއް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތް ކަމަށް ބުނެ އެވެ.
ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
ޝަމްއާންގެ ފަރާތުން އެ ދެ އަމުރުވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިމަހުގެ 15 ގައެވެ. އެ ދުވަހު އެ މައްސަލައަށް ކަނޑައެޅި ވަގުތު ހަމަވުމުން، މެދުކެނޑުމަކަށްފަހު ދެން އަޑުއެހުންތައް ކުރިއަށް ގެންދިޔައީ މެންދުރެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ޝަމްއާންގެ ދިފާއީ ވަކީލުން ވަނީ ހަައިކޯޓުގައިވެސް ފާހަގަކުރި ނުކުތާތައް ފާހަގަކޮށްފައެވެ. އެގޮތުން ޝަމްއާނަށް މަނީލޯންޑަރިން އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުކޮށްފައިވާ އިރު، އެ މައްސަލައިގެ ތަހުގީގުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައިވެރިވުން ނެތް ކަމަށް ފާހަގަކުރިއެވެ.
ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައިވަނީ އެ ތުހުމަތުތަކަކީ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޭސީސީ އާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ހެދުމަށް ނުވަތަ އޭސީސީން ވަކިން މައްސަލަ ތަހުގީގު ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުވާކޮށްފައިވަނީ، ޝަމްއާނަށް ވެސް ތުހުމަތުކުރާ ކުށްތަކުގައި ކަމަށާއި ނަމަވެސް ހައިކޯޓުން ޔާމީން ދޫކޮށްލަން ނިންމި ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ. އަދި މަނީލޯންޑަރިން ކުށުގެ ގިނަ މައްސަލަތަކެއް ކޯޓުތަކުން ބަލަމުންދިޔަ ނަމަވެސް، މިހާތަނަށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރީ ހަމައެކަނި ޝަމްއާން ކަމަށްވެސް ވަކީލު ވިދާޅުވެފައިވެއެވެ.
ނޫރުއްސަލާމް ވިދާޅުވެފައި ވަނީ ހައިކޯޓުގެ ހުކުމާއި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް، ޝަމްއާން ވަގުތުން މިނިވަން ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް ދެއްވުމަށް އެދޭ ކަމަށެވެ.
ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސިކިއުޓާ ހައްވާ ނާހީ ވިދާޅުވެފައިވަނީ ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓަށް އެކަށީގެންވާ ގާނޫނީ ބަހުސެއް ހުށަހެޅިފައިނުވާ ކަމަށާއި އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިނުވާ ކަމަށެވެ.
ހައިކޯޓުން ނިންމާފައިވަނީ އަމަލު ދެނެގަތުމުގެ މަސައްކަތް އޭސީސީއާ ނުލައި ވެސް ފުލުހުންނަށް ކުރިއަށް ގެންދެވޭނެ ކަމަށާއި އޭސީސީން ތަހުގީގުކުރަން ޖެހޭނީ ވަކި މަރުހަލާއެއްގައި ކަމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށް ނާހީ ވިދާޅުވެފައިވެއެވެ.
ޔާމީންގެ ގަޒިއްޔާއާއި އެކި ގަޒިއްޔާތަކާ ހަވާލާދީ ބަންދުން ދޫކޮށްލުމަށް މީގެ ކުރިން މައްސަލަތަކުގައި ހައިކޯޓުން އަމުރުކުރި ނަމަވެސް އެ ހުރިހާ މައްސަލަތަކަކީ ވެސް ތަހުގީގު ނިންމައި ދައުވާކޮށްފައިވާ މައްސަލަތައް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުން މިއަދު އެ މައްސަލައިގައި ހުކުމްކުރި އިރު ހުކުމަށް ވާސިލުވި ރައުޔުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލުގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ގާނޫނާއި ހިލާފުވާ ސަބަބެއް ޝަމްއާންގެ ފަރާތުން ޝަރީއަތަށް ސާފުކޮށްދެވިފައިނުވާ ކަމަށެވެ.
އަދި ހެއްކައް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތްނަމަ ޝަރީއަތް ނިމެންދެން ބަންދުކުރެވިދާނެ ކަމަށާއި އޭސީސީ އާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުހަދައިވެސް އަދި އޭސީސީގެ ބައިވެރިވުމެއް ނެތިވެސް ހިޔާނާތުގެ ތުހުމަތުވާ މީހުން ބަންދު ކުރުމަށް އެދެވިދާނެ ކަމަށާއި ނަމަވެސް ހިޔާނާތުގެ މައްސަލަ ފުލުހުންނަށް އެކަނި ތަހުގީގު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ރައުޔުގައި ވިދާޅުވީ ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުރިއިރު އޭނާއެކު މަސައްކަތްކުރި ބަޔަކު، މި މައްސަލައިގައި ހެކިންގެ ގޮތުގައި ތިބުމަކީ ޝަމްއާން ހެއްކައް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތުން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެގޮތަށް އެކަން ދެކޭނަމަ އެކަމަށް ބާރު ދޭ ހެކިތަކެއް ހުށަހަޅަންވާނެ ކަމަށާއި މިހާތަނަށްވެސް ޝަމްއާން ހެކިންނަށް ނުފޫޒު ފޯރުވުމަށް ކުރި އަމަލެއްގެ މައުލޫމާތު ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
އެހެންވެ ޝަމްއާންއާ ގާތްގުޅުމެއް ނުވަތަ އޭނާ އާއެކު މަސައްކަތް ކުރި ބަޔަކު ހެކިންގެ ގޮތުގައި ތިބިތީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ގޯސްކޮށް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. ނަމަވެސް ޝަމްއާން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ފަނޑިޔާރު ޝުޖޫން ވަނީ ތާއީދު ކުރައްވައިފައެވެ.
ފަނޑިޔާރު ޝަހީދުވެސް ވަނީ ޝަމްއާން 15 ދުވަހަށް ބަންދުކުރުމަށް ކުރި އަމުރަށް ތާއީދު ކުރައްވައިފައެވެ.
ފަނޑިޔާރު ޝަހީދުގެ ރައުޔަށް ފަނޑިޔާރު އަބްދުﷲ ހަމީދު ތާއީދު ކުރެއްވުމުން މި މައްސަލައިގައި ފަނޑިޔާރުންގެ އައުލަބިއްޔަތުން ކުރި ހުކުމުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށާއި އެއީ ފަނޑިޔާރުންނަށް ގާނޫނުން ލިބިދޭ އިހުތިޔާރެއް ކަމަށާއި އޭސީސީގެ ބައިވެރިވުމެއް ނެތި ތުހުމަތު ކުރެވޭ ފަރާތް ބަންދުކުރަން ފުލުހުންނަށް އެދެވިދާނެ ކަމަށެވެ.
ހުކުމުގައި އިތުރަށް ވަނީ އޭސީސީގެ ބައިވެރިވުމެއް ނެތި ހިޔާނާތުގެ މައްސަލަތައް ފުލުހުންނަށް ތަހުގީގު ކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައިފައެވެ.
މުހައްމަދު އިޝާން
ސުޕްރީމް ކޯޓް
ސުޕުރީމްކޯޓުގެ ފަނޑިޔާރުންނައް އެމަގާމު ވަރައްމުހިއްމުވާނެ އަދުލުއިންސާފުކޮޅެއްބިދާނެ އެކަމަކު އެވަރުގެ މަގާމެއްނުލިބޭނެ
ރަޝީދު - 1 އަހަރު ކުރިން