ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އެ މަގާމަށް ސަމީރު އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި، 57 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މަގާމަށް ސަމީރު އައްޔަންކުރަން ނުފެންނަ ކަމަަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަޖިލީހުގެ ރުހުން ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އެކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލީ ސަމީރު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާކުރެއްވުމަށް ނިންމެވުމާ ގުޅިގެން، އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްވެސް ކުރިމަތިލެއްވިއެވެ.

ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއެވެ. ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވިއެވެ.

މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ ލޯފާމެއްގައެވެ. މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ސަމީރު މާސްޓާސް ޑިގްރީ ހެއްދެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިންނެވެ.