ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދެ މިލިއަން ޑޮލަރު ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް (ހެލްތު މިނިސްޓްރީ / ދިވެހި ދައުލަތް) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި ހެލްތު ޕޯސްޓްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާ ސިއްހީ ހިދުމަތާބެހޭ ސާމާނުތަކަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ކަމަށްބުނެ ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ކުރި ދައުވާގެ މައްސަލައެކެވެ.
ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި މި ދައުވާގައި ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދުނީ ދައުލަތުން ދައްކަން ޖެހޭ ކަމަށް އެ ފަރާތުން ބުނާ ދެ މިލިއަން ޑޮލަރާއި ދައުލަތުން މި ފައިސާ ދައްކާފައި ނުވާތީ، ސާޗާޖަށް ލިބެން ޖެހޭ 3.6 މިލިއަން ޑޮލަރާއެކު ޖުމުލަ 5.1 މިލިއަން ޑޮލަރު ދައުލަތުން ނަގައިދުނުމަށެވެ.
ނަމަވެސް 28 މާޗް 2023 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ސާޗާޖުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 3.6 މިލިއަން ޑޮލަރަކީ ނަގައިދެވޭނެ ފައިސާއެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެ ތަކެއްޗަށް ދައްކަން ޖެހޭ ކަމަށް ސެންޓަ އެންޓްޕްރައިސަސް އިން ބުނެފައިވާ ދެ މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުންފުންޏަށް ފައިސާ ލިބިދިނުމުގެ ގޮތުން އެ އަހަރުގެ އޭޕްރީލް މަހުގެ 28 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކަން އެ ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް ހުކުމާ މެދު ހިތްހަމަނުޖެހިގެން ހެލްތު މިނިސްޓްރީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ 11 ގައި ހައިކޯޓުން ހުކުމްކުރީ ސިވިލްކޯޓުގެ ހުކުމް ބާތިލުކުރާން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމާއި ސިވިލްކޯޓުގެ ހުކުމް ކުރީ، ޝަރުއީ އަދި ގާނޫނާ ހިލާފަށް ކަަމަށް ނިންމައިދިނުމަށާއި، އެ ފައިސާއަކީ ދައުލަތުން ދޭން ޖެހޭ ފައިސާއެއް ނޫންކަަމަށް ކަނޑައަޅިދިނުމަށް އެދި އެ ހުކުމްތައް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ދަށު ކޯޓާއި ހައި ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކި ގަރީނާތަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކަަމަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް