ރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުސަތު ދީފިކަމަށް ޕްރޮސިކިއުޓާ ޖެނެރަން (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓެއް ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބެލި މައްސަލައެއްގައި ކަމަށެވެ. އެ މައްސަލައަކީ ކުޑަކުއްޖެއްގެ އުމުރުން އަށް އަހަރުން ފެށިގެން 18 އަހަރާ ހަމައަށް (10 އަހަރު ދުވަސް ވަންދެން) އެކި ފަހަރު މަތިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށްކުރި ދައުވާއެއްކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ދައުވާ ސާބިތުވެ، ދައުވާ ރައްދުވާ މީހާ 54 އަހަރަށް ޖަލަށްލުމަށް އިއްޔެ އެެ ކޯޓުން ވަނީ ހުކުމްކޮށްފައިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާ ލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ..،" ޕީޖީ އޮފީހުން ބުންޏެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބެލި އެ މައްސަލައިގައި އަނިޔާވި ކުއްޖާ ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ކޯޓަށް ހުށަހަޅާފައިވަނީ ޕީޖީ އޮފީސް މެދުވެރިކޮށް ކަމަށާއި އަނިޔާވި ލިބުނު ފަރާތުން ވަނީ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަނިޔާ ލިބުނު ކުއްޖާގެ ފަރާތުން ކޯޓަށް އެ ސްޓޭޓްމެންޓް ނުވަތަ ބަޔާން އިއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓާ އަލްމާސް މުބާރިކް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ޖިނާއީ މައްސަލަތަކުގެ ތެރެއިން އަނިޔާ ލިބޭ މީހުން ނުވަތަ ވިކްޓިމްސް ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، ދެން އެންމެ ބޮޑު އިސްކަމެއްދެނީ ވިކްޓިމުން، ބާރުވެރިކުރުވަން ކަމަށެވެ.
އެގޮތުން ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ޑިމޮކްރެޓިކް މުޖުތަމައުތަކުން ކުރާކަމެއްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާ ލިބުނު ކުއްޖާއަށް ކޯޓުގައި އެ ކުއްޖާގެ ބަސް އިއްވުމުގެ ފުރުސަތު ލިބިދިނުމަށް މި އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުސަތު ދެއްވާފައިވާތީ މި އޮފީހުން އެކަމަށް މަރުހަބާ ކިޔަމެވެ. މި އޮފީހުން މިގެންދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާޑް ނިޒާމަކަށް މިސްރާބު ޖަހަމުންނެވެ" ޕީޖީ އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް