ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ވެރިކަންކުރާ ޕީއެންސީއަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ އީސީގައި ރަޖިސްޓްރީ ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށެވެ.
31 ޑިސެމްބަރު 2024ގެ ނިޔަލަށް ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދު އަދި ފައިސާ ބެހި ގޮތް:
- ޕީއެންސީގައި 68،968 މެންބަރުން/ 13.3 މިލިއަން ރުފިޔާ
- އެމްޑީޕީގައި 43،755 މެންބަރުން/ 8.4 މިލިއަން ރުފިޔާ
- ޖުމްހޫރީ ޕާޓީގައި 13،826 މެންބަރުން/ 2.6 މިލިއަން ރުފިޔާ
- އަދާލަތު ޕާޓީގައި 9.049 މެންބަރުން/ 1.7 މިލިއަން ރުފިޔާ
- އެމްޑީއޭގައި 9،210 މެންބަރުން/ 1.7 މިލިއަން ރުފިޔާ
އީސީން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރިއިރު ޕީއެންސީއަށް ސައްހަނޫން ފޯމު ހުށަހަޅައިގެން މެންބަރުން އިތުރުކުރި މައްސަލަތަކެއް ވަނީ ފެންމަތިވެ، ފުލުހުންނާއި އީސީން ދަނީ އެ މައްސަލަ ބަލަމުންނެވެ.
އީސީގެ ނައިބު ރައީސް ސަލާހު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ބަލާފައިވާނީ 31 ޑިސެމްބަރު 2024ގެ ނިޔަލަށް ކަމަށާއި އެ މުއްދަތުގެ ނިޔަލަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތައް ބަލައި ޕާޓީގެ ދަފުތަރުން އެ މީހަކު އުނިކޮށްފައިވާ ކަމަށެވެ.
ޕީއެންސީއާ ގުޅޭ ގޮތުން މިހާރު ބަލަމުންދަނީ އެ މުއްދަތުގެ ފަހުން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލިސް ފާސްކުރިއިރު އެމްޑީއޭ އަދި އަދާލަތު ޕާޓީގައި 10،000 މެންބަރުން ހަމަވާ ކަމަށާއި އެހެންވެ އެ ދެ ޕާޓީގައި 10،000 މެންބަރުން މިހާރު ހަމަނުވި ނަމަވެސް ފައިސާ ދޫކުރަން ނިންމީ ކަމަށެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން