އެންމެފަހުގެ ޗެމްޕިއަން ސްޕެއިންގެ އިތުރުން ފްރާންސާއި ޖަރުމަނު އަދި ޕޯޗުގަލްއިންވެސް ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ދެވަނަ ލެގުގެ މެޗުތައް ރޭ ފޯރިއާއެކު ކުރިއަށް ގޮސްފައިވާ އިރު، ތިން މެޗެއް އިތުރު ވަގުތަށް ގޮސްފައިވެއެވެ. އަދި އޭގެ ތެރެއިން ދެ މެޗެއްގެ ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީއަށް ގޮސްގެންނެވެ.
އިތުރު ވަގުތަށް ނުގޮސް، ނިމިފައި ވަނީ ޖަރުމަނާއި އިޓަލީ ވާދަކުރި މެޗެވެ. އެ ދެ ޓީމު ވާދަކުރި ދެވަނަ ލެގު ރޭ، 3-3 އިން ނިމިފައިވާ އިރު، ޖަރުމަނުން ސެމީއަށް ދިޔައީ އެގްރިގޭޓް 5-4 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޖަރުމަނުގެ ގޯލުތައް ޖޯޝުއާ ކިމިކާއި ޖަމާލް މުސީއާލާ އަދި ޓިމް ކްލެއިންޑިއެންސްޓް ޖެހި އިރު، އިޓަލީގެ ގޯލުތައް ދެވަނަ ހާފުގައި ކާމިޔާބުކުރީ މޮއިސް ކީންއާއި ޖިއަކޯމޯ ރަސްޕަޑޯރީއެވެ. ކީން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ފްރާންސުން ފުރަތަމަ ލެގުގައި ކްރޮއޭޝިއާ ކައިރިން 2-0 ބަލިވެފައި އޮވެ، ރޭ ދެވަނަ ލެގަށް ނުކުތް އިރު، އަމިއްލަ ދަނޑުގައި ފްރާންސް ވަނީ ނަތީޖާ އަނބުރާލައިފައެވެ. މައިކަލް އޮލީސޭއާއި އުސްމާން ޑެމްބެލޭގެ ގޯލުތަކުން އެގްރިގޭޓް ނަތީޖާ އެއްވަރުކުރުމުން މެޗުގެ އިތުރު ވަގުތަށް ގޮސްފައިވާ އިރު، އިތުރު ވަގުތުގައި ކިލިއަން އެމްބާޕޭ ނުރައްކާ ކުރި ނަމަވެސް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.
ޕެނަލްޓީގައި ފްރާންސް މެޗު ކާމިޔާބުކުރި 5-4 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލްވެސް ފުރަތަމަ ލެގުގައި ޑެންމާކު ދަނޑުގައި 1-0 އިން ބަލިވެފައި އޮވެ ރޭގެ މެޗަށް ނުކުތް ނަމަވެސް، އެޓީމުން ވަނީ އަމިއްލަ ދަނޑުގައި 5-2 ގެ ނަތީޖާއަކުން މޮޅުވެ، ނަތީޖާ އަނބުރާލައިފައެވެ.
ފުރަތަމަ ކޮޅުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް ޔޮކީމް އެންޑަސަން އަތުން ބައިކޮޅަށް ވަން ގޯލަކުން ޕޯޗުގަލް ލީޑު ނެގިއެވެ. ދެވަނަ ހާފުގައި އަނެއްކާވެސް ރަސްމުސް ކްރިސްޓެންސަން ގޯލެއް ޖަހައި ޑެންމާކަށް މެޗު އެއްވަރުކޮށްދިން ނަމަވެސް، ރޮނާލްޑޯ ދެވަނަ ފަހަރަށް ޕޯޗުގަލްއަށް ލީޑު ނަގައިދިނެވެ.
އޭގެފަހުން 76 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ޑެންމާކަށް އެގްރިގޭޓުން ކުރި ހޯދައިދިން ނަމަވެސް، ޓްރިންކާއޯ ޖެހި ގޯލުން ޕޯޗުގަލް ލީޑު ނަގައި މެޗު އިތުރު ވަގުތަށް ގެންދިޔައެވެ.
އިތުރު ވަގުތުގައި ޕޯޗުގަލްގެ ގޯލުތައް ޖެހީ ޓްރިންކާއޯއާއި ގޮންކާލޯ ރާމޯސްއެވެ.
ސްޕެއިނާއި ނެދަލޭންޑްސްގެ ފުރަތަމަ ލެގު އެއްވަރުވެގެން ނިމުނު އިރު، ރޭ ދެވަނަ ލެގުގެ އިތުރު ވަގުތުވެސް ނިމުނީ އެއްވަރުވެގެންނެވެ. އެއީ 3-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެން ދިޔައީ ފޯރިގަދަ ވާދަވެރި ކުޅުމެކެވެ.
މިކޭލް އޮޔަރުޒަބާލް ސްޕެއިނަށް އަވަސް ލީޑެއް ނަގައިދިން ދިން ނަމަވެސް، ދެވަނަ ހާފު ކުރީކޮޅުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެމްފިސް ޑިޕާއީ ވަނީ ނެދަލޭންޑްސްއަށް އެއްވަރު ކޮށްދީފައެވެ. އޮޔަރުޒަބާލްގެ ދެވަނަ ގޯލަކާއެކު އަނެއްކާވެސް ސްޕެއިން ލީޑު ނެގި ނަމަވެސް، އިޔާން މާޓްސަން ވަނީ 79 ވަނަ މިނެޓުގައި އަނެއްކާވެސް މެޗު އެއްވަރު ކޮށްފައެވެ.
އެ ނަތީޖާއާއެކު އިތުރު ވަގުތަށް ގޮސް، ފުރަތަމަ ލީޑު ނެގީ ސްޕެއިންނެވެ. އެއީ ލެމީން ޔަމާލް ޖަހައިދިން ގޯލަކުންނެވެ، އެ ގޯލާއެކު ސްޕެއިން މޮޅުވާން ދަނިކޮށް، މެޗު އެއްވަރުކުރީ ޒަވީ ސިމޮންސްއެވެ. ޕެނަލްޓީގައި ސްޕެއިން މެޗު ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ.
ސެމީގައި ސްޕެއިނާއި ފްރާންސް ވާދަކުރަން ޖެހޭ އިރު، ޕޯޗުގަލް ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު