އަޔަލެންޑާއި އިޒްރޭލް ޔޫއެފާ ނޭޝަންސް ލީގު ބީގައި ކުޅުނު ދެވަނަ މެޗުގެ ފުރަތަމަ ހާފަށްފަހު، ޓަނަލް ތެރެއިން އިޒްރޭލް ކުޅުންތެރިޔަކު އަޔަލެންޑްގެ އެތުލެޓިކްސް ކޯޗު، ޑަމިއެން ޑޮޔެލް ގަޔަށް ކުޅުނު ޖެހި މައްސަލައެއް ޔޫއެފާއިން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އަޔަލެންޑާއި އިޒްރޭލް، މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ކުޅުނު ދެމެޗަށްވެސް އޮތީ ސަމާލުކަން ބޮޑުވެފައެވެ. ފަލަސްތީނުގެ ގައްޒާ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އިޒްރޭލާ ދެކޮޅަށް ނޭޝަންސް ލީގު މެޗުތައް ކުޅެން އަޔަލެންޑްގެ ކުޅުންތެރިންވެސް ވަނީ ދެކޮޅު ހަދައިފައެވެ.
އަޔަލެންޑަކީ އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑުއުފުލަމުންދާ އެއް ގައުމެވެ. އިޒްރޭލުން ފަލަސްތީނުގެ އެތައް އާންމުންނެއް ޝަހީދުކުރަމުންދާ އިރު، އެތައް ކުޅިވަރު އެތުލީޓުންތަކެއްވެސް އިޒްރޭލުގެ ނިރުބަވެރި ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ކުޅުންތެރިންވެސް ހިމެނެއެވެ. އެހާލަތަށް ކަންކަން ގޮސްފައި އޮތް ނަމަވެސް ފީފާއިން އަދިވެސް އިޒްރޭލް ފުޓުބޯޅައިން ބޭރުކޮށްފައެއް ނުވެއެވެ.
އެ ކަންކަމުގައި އަޔަލެންޑް ރައްޔިތުންވެސް އިޒްރޭލް މެޗު ބޭން ކުރަން ގޮވާލި އިރު، ދެމެޗުވެސް ކުޅުނީ ނިއުޓްރަލް ދަނޑުތަކުގައެވެ. އަޔަލެންޑް ދެމެޗަށް ނުކުތީ މެޗު ކުޅޭނެތޯ ކުޅުންތެރިން ކިބައިން ވޯޓަކަށްވެސް އަހައިގެންނެވެ. އަޔަލެންޑްގެ ކީޕަރު ގެވިން ބަޒޫނޫ ވަނީ އިޒްރޭލާ ދެކޮޅަށް ނުކުޅެންވެގެން ސްކޮޑުންވެސް ބޭރުވެފައެވެ.
މެޗު ފެށުމުގެ ކުރިން އިޒްރޭލުގެ ގައުމީ ސަލާމަށް އަޔަލެންޑުން އިސް ޖަހައިގެން ތިބި އިރު، ކަޅު ބޭންޑްވެސް އަޅާފައިވެއެވެ. އަދި އިޒްރޭލް ކުޅުންތެރިންނާ އަޔަލެންޑް ކުޅުންތެރިން ސަލާމްވެސް ނުކުރެއެވެ. ފުރަތަމަ މެޗު ހަންގޭރީގެ ޑެބްރެސެންގެ ނަގްޔާޑޭ ސްޓޭޑިއޯންގައި ކުޅުނު އިރު، އެމެޗުން އަޔަލެންޑް މޮޅުވީ 3-0 އިންނެވެ. ދެން ކުޅުނު މެޗު ސާބިއާގެ ޓީއެސްސީ އަރީނާގައި ކުޅެ 1-1 އިންވީ އެއްވަރެވެ.
އެމެޗުގެ ފުރަތަމަ ހާފު ނިންމާފައި ކުޅުންތެރިންނާއި އޮފިޝަލުން ޑްރެސިން ރޫމަށް ވަން ގަޑީގައި އިޒްރޭލް ކުޅުންތެރިޔަކު އަޔަލެންޑްގެ ޓްރެއިނަރު ގަޔަށް ކުޅު ޖެހިކަމަށް އަޔަލެންޑްގެ ކޯޗު ހެއިމީރް ހަލްގްރިމްސަން ވަނި ޔަގީން ކޮށްދީފައެވެ. އިޒްރޭލް ކޯޗު ރޭން ބެން ޝައިމޮން ބުނީ އެ މަންޒަރު ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ދަނޑުގައި ތިބި ބައެއް ސެކިއުރިޓީ ގާޑުންނާ ހަވާލާދީ، އެކަން ހިނގިކަމަށް ނޫސްތައް ބުނެއެވެ.
ޔޫއެފާއިން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި، އެކަމުގައި އަވަސް ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ކޮމެންޓް