ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ދޭއްގައި ނެދަލޭންޑްސްއިން ގްރީސް ކޮޅަށް ހަތް ގޯލް ޖަހައިގެން މޮޅުވި އިރު، ޖަރުމަނުން ސާބިއާ ކައިރިންވެސް މޮޅުވެއްޖެއެވެ.

ޒަވީ ހެނާންޑޭޒް ކޯޗު ކޮށްދެމުންދާ ނެދަލޭންޑްސްއިން އަމިއްލަ ދަނޑުގައި 7-0 އިން ގްރީސް ބަލިކުރި އިރު، ޖަރުމަނުން ސާބިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިވަގުތު ނެދަލޭންޑްސްއިން ފަސް މެޗުން 11 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ޖަރުމަނާއި ގްރީސްއަށް މިހާތަނަށް ލިބިފައި ވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ. ގްރޫޕުން ދެޓީމު ކުއާޓާ ފައިނަލަށް ދާ އިރު، އެ ޖާގަތައް ޔަގީންވެގެން ދާނީ ދެ ކުޅޭ މެޗުތަކުންނެވެ. ހޯމަ ދުވަހު ޖަރުމަނުން ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އިރު، ގްރީސްއިން ދެން ކުޅޭނީ މިހާތަނަށް ފަސް މެޗުންވެސް ބަލިވެފައި އޮތް ސާބިއާއާ ދެކޮޅަށެވެ.

ނެދަލޭންޑްސްއިން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފަސް ގޯލް ޖެހިއެވެ. ހަވަނަ މިނެޓުގައި ކްރައިސެންސިއޯ ސަމާވިލް ނެދަލޭންޑްސްއަށް ލިޑު ނަގައިދިން މެޗުގައި ޓިޖާނީ ރެއިންޑާސް ހެޓްރިކް ފުރިހަމަ ކުރިއެވެ. އެއީ ފުރަތަމަ ހާފުގައެވެ. އެ ހާފުގައި ދެން އަނެއް ގޯލް ޖަހައިދިނީ ޖޫރިއަން ޓިމްބާއެވެ.

ޓިމްބާ ދެވަނަ ހާފުގައިވެސް ގޯލް ޖެހި އިރު، އެންމެފަހު ގޯލް ޖަހައިދިނީ ޑޮނެޔެލް މާލެންއެވެ.

ޖަރުމަނުން ކުޅުނު މެޗުގެ ތިންވަނަ މިނެޓުގައި އެޓީމުން ލީޑު ނެގީ ސާބިއާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ 11 މިނެޓް ފަހުން ފްލޯރިއަން ވާޓްސް ޖަރުމަނަށް ދެވަނަ ގޯލެއް ޖަހައިދިން އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ބްރަޖާން ގްރޫޑާ ޖަރުމަނަށް އިތުރު ގޯލެއް ޖަހައިދިނެވެ.

ރޭގެ މެޗަކީ ގްރޫޑާއަށް ޖަރުމަނު ޖާޒީގައި ފުރަތަމަ މެޗެވެ. ޔާގަން ކްލޮޕް ކޯޗުކަން ކޮށްދެމުންދާ ޖަރުމަނު ކޮޅަށް ސާބިއާގެ ހަމައެކަނި ގޯލް ޖަހައިދިނީ ސަރްދާން ބަބިޗެވެ.