އިންގްލެންޑް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑާ ހެރީ ކޭން ހަމަކުރި މެޗުގައި އޭނާގެ ގޯލްތަކުން ޗެކް ރިޕަބްލިކް ބަލިކުރި އިރު، ސްޕެއިންގެ ފުރިހަމަ ރެކޯޑު ދަމަހައްޓައިފިއެވެ.
ޔޫއޭފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ތިނެއްގައި އިންގްލެންޑުން ރޭ އަމިއްލަ ގައުމުގައި ޗެކް ބަލިކުރީ 3-0 އިންނެވެ. އަދި ސްޕެއިނުން ރަށުން ބޭރުގައި ކްރޮއޭޝިއާ ބަލިކުރީ 2-1 އިންނެވެ.
މިފަހަރު ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން ވަނީ 12 ޕޮއިންޓާއެކު ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ. ނޭޝަންސް ލީގު އޭގެ ގްރޫޕްތަކުން އެއްވަނަ އަދި ދެވަނަ ކުއާޓާއަށްދާ އިރު، އެ ގްރޫޕްގެ ދެވަނައިގައި އިންގްލެންޑް އޮތީ ހަތަރު މެޗުން ނުވަ ޕޮޮއިންޓާއެކުގައެވެ. ކްރޮއޭޝިއާ ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތް އިރު، ޗެކް ވަނީ ފުލުގައި އޮވެ ކަޓައިފައެވެ. އެއީ ހަތަރު މެޗުންވެސް ޕޮއިންޓެއް ނުލިބިއެވެ.
އިންގްލެންޑް މެޗު ރޭ ހާއްސަވީ ކެޕްޓަން ކޭންއަށެވެ. ރޭގެ މެޗަކީ އޭނާ އިންގްލެންޑް ޖާޒީގައި ކުޅުނު 125 ވަނަ މެޗެވެ. އެ އަދަދާއެކު ކޭން ވަނީ އިންގްލެންޑް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ޕީޓާ ޝިލްޓަންގެ ރެކޯޑާ ހަމަކޮށްފައެވެ. ދެން ކުޅޭ މެޗުން ކޭން އެ ރެކޯޑު މުގުރައިލާނެއެވެ.
ކޭންގެ ފަރާތުން މެޗުގައި ތަފާތު ފެނުނު އިރު، ތިން ގޯލުގައިވެސް އޭނާގެ ހިއްސާ އޮތެވެ. އޭގެ ތެރެއިން ދެ ގޯލް ކޭން ޖެހި އިރު، 27 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގީ ކޭންގެ ހުރަހެއް، ވްލަޑިމީރް ސުފާލް ގައިގައި ޖެހި ބައިކޮޅަށް ވަނުމުންނެވެ.
އޭގެ 13 މިނެޓު ފަހުން އިންގްލެންޑުން ލީޑު ފުޅާކުރި އިރު، އެ ގޯލަކީ އެލިއޮޓް އެންޑަސަން މެދުތެރެއިން ދުއްވާލި ބޯޅައެއް މޯގަން ރޮޖާސް ޖައްސާލުމާއެކު ކޭން ޖަހައިދިން ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ކޭންގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، އޭގެ އިރުކޮޅެއްފަހުން ދެވަނަ ގޯލް ޖަހައި އިންގްލެންޑަށް މޮޅު ޔަގީންކޮށްދިނެވެ.
ސްޕެއިނުން ފޯމު ދަށްކޮށް އޮތް ކްރޮއޭޝިއާ ކައިރިން ރޭ މޮޅުވީ ފަހަތުން އަރައެވެ. ސްޕެއިން ބަލިނުވެ އެތައް ދުވަހެއް ވެފައިވާ އިރު، ރޭގެ މެޗުގައި އެޓީމު ދިޔައީ ބަލިވުމުގެ މިސްރާބަށެވެ.
ކުރީކޮޅުގައި ކްރޮއޭޝިއާގެ ޖޮސިޕް ސްޓަނިސިޗް ފޮނުވާލި ހަމަލާ ސްޕެއިން ކީޕަރު އުނައި ސިމޮން މަތަކުރި އިރު، އެ ޕްރެޝަރު ހިފަހައްޓައި، 17 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. ގޯލް ޖެހީ އިވާން ޕެރިސިޗެވެ.
އޭގެ ފަހުން ނިކޮލާ ވްލާސިޗަށް ލިބުނު ފުރުސަތު ބޭނުން ނުކުރެވި ދިޔައިރު، ދެވަނަ ހާފަށް ސްޕެއިން ކޯޗު ޑެ ލަ ފުއެންޓޭ ވަނީ މިކޭލް މެރީނޯ ނެރެފައެވެ. އެހިސާބުން އޭނާ މެޗު އަނބުރާލީ ދެ ގޯލް ޖަހައިގެންނެވެ.
މެރީނޯގެ ފުރަތަމަ ގޯލް 61 ވަނަ މިނެޓުގައި ފެނުނު އިރު، މެޗުގެ 79 ވަނަ މިނެޓުގައި ޕެރިސިޗަށް ދެއްކި ރަތް ކާޑާއެކު ކްރޮއޭޝިއާއިން ޗެމްޕިއަނުން ހިފަހައްޓަން ކުރި މަސައްކަތް އުނދަގޫވި އިރު، މެރީނޯގެ ދެވަނަ ގޯލް ފެނުނީ 88 ވަނަ މިނެޓުގައެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ކޮމެންޓް