ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ލިވަޕޫލް ކަޓުވާލައި ޕީއެސްޖީން ކުއާޓާ ފައިނަލް ޔަގީން ކުރި އިރު، ބަޔާން މިއުނިކާއި އިންޓަ މިލާންގެ އިތުރުން ބާސެލޯނާއިން ވެސް ކުއާޓާ ޔަގީން ކޮށްފިއެވެ.
ލިވަޕޫލާއި ޕީއެސްޖީން ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗަށް ނުކުތް އިރު، ޕެރިހުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ފައިދާ ނަގައިގެން ލިވަޕޫލް ރޭގެ މެޗަށް ނުކުތް ނަމަވެސް ޕީއެސްޖީން ވަނީ ފުރިހަމަ ވަގުތުގައި 1-0 ގެ ލީޑެއް ނަގައި، ޕެނަލްޓީއާ ހަމައަށް މެޗު ގެންގޮސްފައެވެ.
ޕެނަލްޓީގައި ޕީއެސްޖީން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ލެގުގައިވެސް ތަފާތު މޮޅަށް ކުޅުނު ޕީއެސްޖީން ރޭގެ މެޗު ފެށީ ވެސް ވަރުގަދަ ކޮށެވެ. އެޓީމުން މެޗުގެ 12 ވަނަ މިނެޓުގައި ލީޑު ނަގާފައިވެސް ވެއެވެ. އެއީ އުސްމާން ޑެމްބެލޭ ޖެހި ގޯލުންނެވެ. ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އާއި ކީޕަރު އެލިސަން ބެކާއާ ދެމެދު ރަނގަޅަށް ވާހަކަ ނުދެކެވިގެން ތަނަވަސްވި ފުރުސަތުގައި ޕީއެސްޖީ ލީޑު ނެގި އިރު، ފުރަތަމަ ހާފުގައި ލިވަޕޫލްވެސް ނުރައްކާ ކުރިއެވެ.
މުހައްމަދު ސަލާހްގެ ދެ ހަމަލާއެއް ނާކާމިޔާބުވެފައިވާ އިރު، ދެވަނަ ހާފުގައި ވެސް އެގްރިގޭޓް ލީޑެއް ނަގަން ލިވަޕޫލް ނުރައްކާ ކުރިއެވެ. އެެގޮތުން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ ވެސް މަތަކުރީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއެވެ.
ޕީއެސްޖީގެ ކަވީޗާ ކަވަރަޓްސްޝޭލިއާ އާއި ޑެމްބެލޭގެ އިތުރު ހަމަލާތައް ފެނިގެން ދިޔަ އިރު، ޕެނަލްޓީގައި ޕީއެސްޖީގެ ހީރޯއަކީ ޑޮނަރޫމާއެވެ. އޭނާ ވަނީ ޑާވިން ނުނިއޭޒާއި ކާޓަސް ޖޯންސް ޖެހި ޕެނަލްޓީތައް މަތަކޮށްފައެވެ.
ބަޔާނުން ރޭ ބަޔާން ލެވަކޫސަން ކަޓުވާލީ ރަށުން ބޭރުގައި ވެސް 2-0 އިން މޮޅުވެ، އެގްރިގޭޓް 5-0 ގެ ނަތީޖާއަކުންނެވެ. ރޭ ގޯލުތައް ޖެހީ ހެރީ ކޭންއާއި އަލްފޮންސޯ ޑޭވިސްއެވެ.
އިންޓައިން ވެސް ދެ ލެގު ކާމިޔާބު ކުރި އިރު، ރޭ އަމިއްލަ ދަނޑުގައި ފެޔަނޫޑް ބަލިކުރީ 2-1 އިންނެވެ. އެގްރިގޭޓް 4-1 ގެ ނަތީޖާއަކުން އިންޓަ ކުއާޓާއަށް ދިޔަ އިރު، އިންޓައަށް ގޯލުތައް ޖަހައިދިނީ ހަކާން ޗަލަނޯލޫ އާއި މާކަސް ތުރާމެވެ. ފެޔަނޫޑްގެ ގޯލު ރޭ ޖެހީ ޔަކޫމް މޯޑާއެވެ.
ބާސާއިން ރޭ ބެންފިކާ ކައިރިން 3-1 އިން މޮޅުވެ، އެގްރިގޭޓް 4-1 ގެ ނަތީޖާއަކުން ކުއާޓާއަށް ދިޔަ އިރު، ގޯލުތައް ޖެހީ ރަފީނިއާއާއި ލެމީން ޔަމާލެވެ. ރަފީނިއާ މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއްކޮޅުން ބެންފިކާގެ ގޯލު ޖެހީ ނިކޮލަސް އޮޓަމެންޑީއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު