ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް، މިއަހަރު މުބާރާތުގެ ގަދަ 8 ޓީމު ކަނޑައެޅިއްޖެއެވެ. ދެން އޮތީ އެ 8 ޓީމުން ރަށުގެ، އަތޮޅުގެ ޝަރަފަށްޓަކައި ވާދަކުރާ ކުއާޓާ ފައިނަލްގެ މެޗުތަކެވެ.

ރާއްޖޭ ފުޓްސަލްގެ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނުމަކީ ރަށަށް ހޯދައިދެވޭ ބޮޑު ޝަރަފެއް ކަމަށް ކުޅުންތެރީންނާއި ޓީމުތަކުން ފުރިހަމައަށް ގަބޫލުކުރެއެވެ. ހާއްސަކޮށް އެ ޝަރަފު ރަށްރަށުގެ ރައްޔިތުންވެސް އުފަލާއެކު، ފަހުރުވެރިކަމާއެކު ބަލައިގަނެއެވެ. ޒޯން ތަށްޓާއެކުވެސް ރަށްރަށުން ކުޅުންތެރިންނަށް ކިޔާފައި ވަނީ ރަތް ދޫލައިގެ މަރުހަބާއެވެ. ބޮލުގައި ތާޖު އަޅުވައި، ސަގާފީ ހަރަކާތްތަކުން އުފާފާޅުކުރިއެވެ.

އެ ޝަރަފުވެރިކަމާ ހަމައިން ހުއްޓާލަން އެއްވެސް ޓީމެއްގެ ވިސްނުމެއް ނުހުންނާނެކަން ޔަގީނެވެ. މުބާރާތުގައި ދެވުނު އެންމެ ދުރަކަށް ދާން ކުރެވުނު ހުރިހާ މަސައްކަތެއް، ހުރިހާ ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތާއެކު ކުއާޓާއަށް މިރޭ ޓީމުތައް ނުކުންނަ އިރު، ކ. ކާށިދޫއާއި އދ. މަހިބަދޫއަށްވެސް މިރޭގެ ކުއާޓާ މެޗުތައް ތާރީހީއެވެ. އެއީ މުޅިން އަލަށް ގަދަ އަށެއްގައި ވާދަކުރާތީއެވެ.

އަނެއްކޮޅުން ލެގަސީ ނުވަތަ ތާރީހު ބޮޑު ރަށްރަށުގެ ނަންތައް ފާހަގަކުރާ އިރު، މިދިޔަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށިން ނުކުންނާނީ ފައިނަލްގެ "ރި ޕްލޭ" އަކަށެވެ. ލ. ގަމާ ދެކޮޅަށެވެ. ކުރިއަށްދާނީ ކޮންމެވެސް އެއް ޓީމެއްކަން ޔަގީނެވެ.

ކުއާޓާ ފައިނަލުން ފެށިގެން ގަޑި ހުއްޓައިގެން ކުޅެން ނިންމާފައިވުމާއެކު، އެކަމަށް ޓީމުތަކުން ޓެކްޓިކަލީ އަދި މެންޓަލީ ތައްޔާރުވާ ގޮތްވެސް ތަފާތު ވާނެކަން ޔަގީނެވެ. ބައެއް ޓީމުތަކަށް އެއީ ޗެލެންޖެއް ނަމަވެސް، އަނެއްބައި ޓީމުތަކަށް އެއީ އުންމީދެކެވެ.

އިތުރު ސުވާލެއްވެސް އުފެއްދޭނެ ޖާގައެއް ނެތެވެ. ގަމާއި އޭދަފުށީގެ ކުރިމަތިލުމެއް ފޯރި ކުޑައެއް ނުވާނެއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނާއި ރަނަރަޕްގެ ކުރިމަތިލުމެކެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ގަމުގެ މައްޗަށް އޭދަފުށިން ކުރި ހޯދީ 4-2ގެ ނަތީޖާއަކުންނެވެ.

އެ ފައިނަލަށް ނުކުތް އިރު، ގަމަކީ އޭގެ ކުރީ އަހަރުގެ ޗެމްޕިއަނުންނެވެ. އެ ވާދަވެރިކަމުގައި މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ގަމުން އޭދަފުށި ބަލިކުރި އިރު، ދެޓީމުގައިވެސް މިފަހަރު މުހިއްމު ބައެއް ކުޅުންތެރީން މަދެވެ. އަނިޔާގެ މައްސަލަތަކާއި ރިލީސްގެ މައްސަލަތަކެވެ.

ގަމުން ހުސައިން ޝަރީފް (އޮންލީ) އާ ނުލައި ނުކުތް އިރު، އޭދަފުށީގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހައިޝަމް ހަސަން (ބިޑި) އަށް ނުކުޅެވުމަކީ ކަންބޮޑުވުމެކެވެ.

އޭދަފުށި ކުއާޓާއަށް ނުކުންނަނީ ވަރުގަދަ ދަޑިމަގު ބަލިކޮށްފައެވެ. ގަމުން ނުކުންނަނީ ރ. އިނގުރައިދުއާއި އަލީ ހާފިޒު (ހާއްޕެ)ގެ ހުވަފެންތަކެއް ނިމުން ގެނެސްފައެވެ. އެއީ ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

އދ. މަހިބަދޫއަކީ ފުޓުބޯޅައިގައި ރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ނަމެއް ނަމަވެސް، ފުޓްސަލްގައި ގައުމީ ފެންވަރުގެ ކާމިޔާބީއެއް މިހާތަނަށް އެރަށަށް ލިބިފައެއް ނުވެއެވެ. މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލުގައިވެސް އެޓީމު ކުޅޭ ފުރަތަމަ ފަހަރެވެ.

އަލަށް ފުޓްސަލްގެ ކާމިޔާބީއަކަށް އެޓީމުން ކުރަމުން އަންނަ ދަތުރުގައި އަތޮޅު ތަށި ގެއްލިފައި އޮތް ނަމަވެސް، ޒޯން ތަށި އެޓީމުން ހޯދިއެވެ. އެމެޗަށްފަހު ޓީމުގެ ތަރި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ބުނީ މުބާރާތުގެ ކޮންމެ ކާމިޔާބީއަކީވެސް ރަށުގައި އަރަމުން އަންނަ ފުޓްސަލް ޖީލަށް ފައިދާކުރާނެ ނަތީޖާއެއް ކަމަށެވެ. މަހިބަދޫން ގަދަ 16 ގައި ފ. ދަރަނބޫދޫ ކަޓުވާލީ، ރަނގަޅު ރޭވުންތެރިކަމަކާއެކުގައެވެ.

މަހިބަދޫގެ ހުވަފެނީ ދަތުރު މަޑުޖައްސައިލުމުގެ ވިސްނުމުގައި ނުކުންނާނީ 2023 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ކުއާޓާގައި ކުޅޭ ހދ. ނައިވާދޫއެވެ. މިއީ ނައިވާދޫން މުބާރާތުގެ ކުއާޓާގައި ކުޅޭ ތިންވަނަ ފަހަރެވެ. އަބަދުވެސް ޒޯނާއި އަތޮޅުގެ އެންމެ ޑޮމިނޭޓިން ޓީމުގެ ގޮތުގައި އޮންނަ ނައިވަދޫން ވަނީ ގަދަ 16 ގައި ތަފާތު ބޮޑުކޮށް، މާލޭގެ މައްޗަންގޯޅި ބަލިކޮށްފައެވެ.

އެ ޓީމު ކުއާޓާއަށް ނުކުންނަ އިރު، އޮތް އެންމެ ބޮޑު މާޔޫސްކަމަކީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަބްދުﷲ ޝާފިއު (ޝާއްޕެ)އަށް ނުކުޅެވޭނެކަން ޔަގީންވެފައި އޮތުމެވެ. މިއަހަރު މުބާރާތުގެ ހދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޝާއްޕެއަށް އަނިޔާވީ ޒޯން ފައިނަލް މެޗުގައެވެ.

މިފަހަރުގެ ކުއާޓާ ފައިނަލްތަކުގެ ނަތީޖާ އަންދާޒާ ކޮށްލަން ނޭނގޭނެ ކަމަށް އެތައް ބަޔަކު އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެ ބުނާ ބުނުމަށް ބަރޯސާ ވެ، މަތިވެރިއާއި ވާދޫގެ ކުރިމަތިލުމުން ސެމީ ފައިނަލަށް ދާނީ މިވެނި ޓީމެކޭ ބުނަން ވަރަށް އުނދަގޫ ވާނެއެވެ. ހާއްސަކޮށް "ނިއުޓްރަލް" ސަޕޯޓަރަކަށް ތަފާތު ޝައުގުވެރި މެޗަކަށް މެޗު ވެގެންދާނެއެވެ.

ދެޓީމުވެސް މިހާތަނަށް މުބާރާތުގައި ފޯމު ރަނގަޅުކޮށް އޮތް އިރު، މަތިވެރިއަށް ގެއްލުނީ ޒޯން ތަށްޓެވެ. ވާދޫން ކުއާޓާ ފައިނަލަށް ނުކުންނަނީ ޒޯނާއި އަތޮޅުވެސް ނަގައިގެންނެވެ.

މަތިވެރިން މިދިޔަ އަހަރުވެސް ގަދަ 16 ފަހަނައަޅައި ކުއާޓާއަށް ނުކުމެފައިވާ އިރު، ނައުފަލް މުހައްމަދުގެ ޓާގެޓަކީ ރާއްޖޭގެ ޗެމްޕިއަންކަމެވެ. އެހެންކަމުން އެ ހަރުފަތަށް ކުރިއަށް ޖެހިލަން މިރޭގެ މެޗު ވަރަށް މުހިއްމެވެ.

ދ. ކުޑަހުވަދޫ ކައިރިން ގަދަ 16 ގައި މަތިވެރި މޮޅުވީ ޕެނަލްޓީގައެވެ. ތަފާތު "އެމޯޝަނަލް" މެޗުގައި މަތިވެރިން މެޗު އެއްވަރުކުރީ ފަހު ވަގުތުއެވެ. އެ ޖަޒުބާތީ ތަޖުރިބާތަކާއެކު މަތިވެރި ނުކުންނަނީ ގަދަ 16 ގައި ހއ. ދިއްދޫ ކައިރިން ޕެނަލްޓީން މޮޅުވި ވާދޫ ޓީމާ ދެކޮޅަށެވެ.

އަޔާޒް އަހުމަދު (އަޔާ)ގެ ކޮންފިޑެންޓް، ފޯމު ރަނގަޅު މުބާރާތަކަށްވުން އެއީ މިހާތަނަށް ވާދޫގެ އެންމެ ބޮޑު ހިތްވަރެވެ. ކޯޗު އަހުމަދު ވިޝާލް (އަންދު) އާއެކު ވާދޫއަކީ މިހާރު ބަލިކުރަން އެންމެ އުނދަގޫ އެއް ޓީމެވެ. 2023 ވަނަ އަހަރު ގަމާ ދެކޮޅަށް މުބާރާތުގެ ފައިނަލުގައި ނުކުތް ވާދޫން ވިސްނަނީ މެޗަކަށްފަހު މެޗެއް ނަގަމުން، އެ ޝަރަފުވެރި ފައިނަލަށް އަލުން ދާށެވެ.

ވާދޫ އާއި މަތިވެރިއަކީ ސަޕޯޓަރުންގެވެސް ނަމޫނާ ދެރަށެކެވެ. ފޯރިގަދަވާނެކަން ޔަގީނެވެ.

މިހާތަނަށް އެންމެ "ސަޕްރައިޒިން" ޓީމަކީ ކ. ކާށިދުއެވެ. އެޓީމު ކުއާޓާ ފައިނަލަށް ނުކުންނަނީ ހީނުކުރާ ނަތީޖާތައް ނެރެ، ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ. ކޯޗު އަލީ ހައިސަމް (ޗުމްޕު)ގެ ރޭވުންތެރިކަމާއި މަސައްކަތު ރޭޓަކީ ކާށިދޫގެ ތަފާތެވެ.

ކާށިދޫން، ގަދަ 16 ގައި ތިން ފަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށި ކަޓުވާލީ ޕެނަލްޓީގައެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން މެޗު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ކާށިދޫން މުބާރާތުގެ އެންމެ ވަރުގަދަ ޓީމު ތިމަރަފުށި ކަޓުވާލީ 6-5 ގެނަތީޖާއަކުންނެވެ.

އަތޮޅު ފައިނަލާއި ޒޯން ފައިނަލުން ބަލިވެގެން ކުއާޓާއަށް ނުކުންނަ އިރުވެސް، ކާށިދޫ އަންޑައެސްޓިމޭޓް ކުރެވޭކަށް ނެތެވެ. އަތޮޅު ފައިނަލަށް ކާށިދޫ ދިޔައީ ވަރުގަދަ ކ. ގާފަރުވެސް ކަޓުވާލައިފައެވެ. އެ ނަތީޖާތަކުން ކާށިދޫ ފަސޭހަކޮށްލުން އެއީ ގޯހެކެވެ.

އަނެއްކޮޅުން ވިލިމާލެއިން ނުކުންނާނީ މިދިޔަ އަހަރުގެ ކާމިޔާބީ ތަކުރާރުކޮށް، އެ ހަރުފަތުން ކުރިއަށް ޖެހިލުމަށެވެ. ފުޓްސަލްގެ ތަރީންނާއެކު މިފަހަރުވެސް ނުކުތް ވިލިމާލެއިން ގަދަ 16 ގައި ރ. ދުވާފަރު ކަޓުވާލި އިރު، މިދިޔަ އަހަރު އެޓީމު ސެމީ ކުޅުނެވެ.

މިފަހަރު ސްކޮޑު އިތުރަށް ވަރުގަދަކުރި އިރު، އިތުރު ކުރި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)އަށް ގަދަ 16 ގެ މެޗުގައި އަނިޔާވުން އެއީ ވިލިމާލެއަށް އޮތް މާޔޫސްކަމެކެވެ. އެހެންނަމަވެސް، އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަލީ ޝިޔާހް (ޝިޔާ) ފަދަ ކުޅުންތެރިންގެ ފޯމާއެކު ވިލިމާލެއާ ދޭތެރޭ ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. އެޓީމުން މިފަހަރު ވަނީ ޒޯން އަށެއްގެ ތަށިވެސް، ފުރަތަމަ ފަހަރަށް ހޯދައިފައެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.