ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ހަތެއްގައި ކުޅުނު ފުރަތަމަ މެޗުތައް ދެއްވަދޫއާއި ފޭދޫން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފޯރިގަދަ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިހާރު ވަނީ ޒޯން ބުރުގެ ކުޅުން ފަށައިފައެވެ.

ރޭ ޒޯން ހަތެއްގެ ކުޅުން ފެށި އިރު، އެ ޒޯނު ކުރިއަށް ދަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގއ. އަތޮޅުގެ ޗެމްޕިއަން ދެއްވަދޫއާއި ރަނަރަޕް ވިލިނގިލީގެ އިތުރުން ފުވައްމުލަކު ދަޑިމަގާއި ގދ އަތޮޅުގެ ޗެމްޕިއަން ވާދޫ އެވެ.

އެ ޒޯންގެ ގްރޫޕް ބީގައި ހިމެނެނީ ގދ. އަތޮޅުގެ ރަނަރަޕް ގައްދޫއާއި އައްޑޫގެ ޗެމްޕިއަން ފޭދޫ އަދި ރަނަރަޕް ހިތަދޫއެވެ. ޒޯން ހަތެއްގެ ފައިނަލަށް ދާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ވާދަކުރާ ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ދެޓީމެވެ.

ރޭ ގްރޫޕް އޭގައި ދެއްވަދޫން ވިލިނގިލި ބަލިކުރީ 4-0 އިންނެވެ. އަތޮޅު ފައިނަލުގައިވެސް ވިލިނގިލީގެ މައްޗަށް ކުރި ހޯދި ދެއްވަދޫން ރޭ ފަސޭހަ މޮޅެއް ހޯދި އިރު، މުހައްމަދު އިމްރާން (އިންމި) ދެ ގޯލު ޖެހިއެވެ. އޭގެ އިތުރުން ގޯލުތައް ޖެހީ ހުޒައިފަތު ރަޝީދު (ހުޒޭ) އާއި އަހުމަދު އަހްނަފް ރަޝީދު (އަހުއްކޮ) އެވެ. އަހުއްކޮ އަކީ ގއ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

އެ ގްރޫޕުގައި ދެން ކުޅުނު މެޗުގައި ވާދުއާއި ދަޑިމަގު އެއްވަރުވީ ގޯލެއް ނުޖެހިއެވެ. ދަޑިމަގަކީ ފުވައްލުކުން ބައިވެރިވި ހަމައެކަނި ޓީމު ކަމަށްވުމާއެކު އެޓީމުން ފުރަތަމަވެސް ފެށީ ޒޯނުންނެވެ.

ރޭ 0-0 އިން އެއްވަރުވި މެޗާއެކު ދަޑިމަގުން ވާދޫ ހިފެހެއްޓީ ފޯރިގަދަ މެޗެއްގައެވެ. ވަރުގަދަ ހަމަލާތަކުގެ އިތުރުން ގިނަ ފައުލްތަކެއްވެސް ފެނިގެން ދިޔަ މެޗުގައި ވާދޫގެ އިބްރާހީމް ޝައުފް މުހައްމަދަށް ރަތް ކާޑުވެސް ދެއްކިއެވެ.

އެ ވަގުތުކޮޅުގެ ބޭނުން ދަޑިމަގަށް ނުހިފި މެޗު ނިމުނު އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީ ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) އެވެ.

ޒޯން ހަތެއްގެ ގްރޫޕް ބީގައި ރޭ އައްޑޫ ޗެމްޕިއަން ފޭދޫން ގައްދޫ ބަލިކުރީ 3-1 އިންނެވެ. ގައްދޫގެ ގޯލު، ފޭދޫ ވިޝާން އަބްދުލް މަޖީދު އަތުން ބައިކޮޅަށް ވަން އިރު، ފޭދޫގެ ގޯލެއް ގައްދޫގެ އައްނު އަބްދުﷲ އަތުންވެސް ބައިކޮޅަށް ވަނެވެ.

އޭގެ އިތުރުން ފޭދޫގެ ގޯލުތައް ޖެހީ އަލީ ނާފިއު (ކަޅޭ) އާއި ޔޫސުފް ސިދާމް އަލީއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ ދެ ފައިނަލެއްގެ އިތުރުން ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ދ. ކުޑަހުވަދޫ - މ. މުލައް (ޒޯން 5)

ގްރައުންޑް 2: ފ. ދަރަނބޫދޫ - މ. ދިއްގަރު (ޒޯން 5)

21:00

ގްރައުންޑް 1: ނ. މިލަދޫ - ށ. މިލަންދޫ (ޒޯން 2)

ގްރައުންޑް 2: ރ. އިނގުރައިދޫ - ށ. ކަނޑިތީމު (ޒޯން 2)