ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ކ. އަތޮޅު އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ މާފުށިން ދިއްފުށި ބަލިކުރި އިރު، ގާފަރުން ހިންމަފުށި ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، އިއްޔެ ހަވީރު ކ. އަތޮޅުގެ ހަތަރު މެޗެއް ކުޅެފައިވެއެވެ. އެންމެ ފޯރިގަދަކޮށް ފެނުނީ ގްރޫޕް އޭގެ މެޗުތަކެވެ.
ދިއްފުއްޓާއި މާފުށި ބައްދަލުކުރި މެޗު ތަފާތު ފޯރިގަދަކޮށް ފެނުނު އިރު، އެމެޗު މާފުށިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މާފުށީގެ ގޯލުތައް އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި އިސްމާއީލް މަފާޒް އިބްރާހީމް އަދި އަހުމަދު ޝަމާލް ޖެހި އިރު، ދިއްފުށީގެ ގޯލުތައް ޖެހީ އަހުމަދު މާޒިންނާއި އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
އެ ގްރޫޕުގައި ގާފަރުން ހިންމަފުށި ބަލިކުރީ 11-2 އިންނެވެ. އެމެޗުގައި ގާފަރުގެ ޝަނާން ރަޝާދާއި ސަމީމް ޝަމާއިލް ،ކޮންމެ ކުޅުންތެރިޔަކު ހެޓްރިކެއް ހެދި އިރު، ސާމިން މުހައްމަދު ނަސީރުވެސް ދެ ގޯލު ޖެހިއެވެ. އޭގެ އިތުރުން އަލީ މާއިސް (މައްޓު) އާއި އިބްރާހީމް ރިމާހް (ރިމޭ) ގޯލުތައް ޖެހި އިރު، ހިންމަފުށީގެ ނިހާލް ރަގީބު އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.
ހިންމަފުށީގެ ދެ ގޯލުގެ ތެރެއިން އެއް ގޯލު، ގާފަރުގެ އަޒްޔާން އިބްރާހީމް އަތުން ބައިކޮޅަށް ވަން އިރު، ދެން އެޓީމުގެ ގޯލު ޖެހީ ހުސައިން ނާފިޒެވެ.
އިއްޔެެގެ ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނައިގައި އޮތް ގާފަރާއި ދެވަނައިގައި އޮތް މާފުށްޓަށް ވަނީ ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ދިއްފުށްޓަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް ހިންމަފުށްޓަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މާފުށިން ދެން ހިންމަފުއްޓާ ދެކޮޅަށް ކުޅެން ޖެހޭ އިރު، ހިންމަފުށި މިހާރުވެސް އޮތީ ކަޓައިފައެވެ. ދެން އަނެއް މެޗުގައި ގާފަރާއި ދިއްފުށި ވަރުގަދަ މެޗަކަށް ނުކުންނަ އިރު، ގާފަރުން ދިއްފުށްޓާއި އެއްވަރުކޮށްލައިގެންވެސް އަތޮޅު ސެމީއަށް ދާނެއެވެ.
ކ. އަތޮޅު ގްރޫޕް ބީގައިވެސް ދެން ހުރީ ވަރުގަދަ މެޗުތަކެކެވެ. އެއީ އިއްޔެގެ ނަތީޖާތަކާއެކު ގްރޫޕް ފޯރިގަދަވުމުންނެވެ. ކާށިދޫން އިއްޔެ 5-1 އިން ތުލުސްދޫ ބަލިކޮށްފައިވާ އިރު، ގުރައިދޫން ވަނީ ގުޅި ކައިރިން 3-2 އިން މޮޅުވެފައެވެ.
ކާށިދުއަށް ގޯލުތައް ޖެހީ ޝައްފާން ހަކީމާއި އަބްދުﷲ ސުޒައިރު އަދި އިސްމާއީލް ރަޔާނެވެ. ސުޒައިރާއި ޝައްފާން، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ. ތުލުސްދޫގެ ހަމައެކަނި ގޯލު ޖެހީ އާދަމް އަޒްމީނެވެ.
ގުރައިދޫން ގުޅި ކޮޅަށް ޖެހި ގޯލުތަކަށް ބަލާ އިރު، އޭގެ ތެރެއިން ދެ ގޯލު ޖެހީ އަހުމަދު ރިޝްފާނެވެ. އަދި އަނެއް ގޯލު އަބްދުﷲ ޝަޔަމް ޖެހި އިރު، ގުޅީގެ ގޯލުތައް ޖެހީ އާދަމް ނަސީރާއި މުހައްމަދު ނަވީނެވެ.
އެ ގްރޫޕުގައި މިހާތަނަށް ކުޅުނު މެވުތަކުން އެއްވަނައިގައި އޮތް ކާށިދުއާއި ދެވަނައިގައި އޮތް ގުރައިދުއަށް ދެމެޗުން ހަަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ގުޅިއަށް ވަނީ ދެމެޗުން ތިން ޕޮއިންޓް ލިބިފައެެވެ. އަދި ފުލުގައި އޮތް ތުލުސްދުއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
16:00
ގްރައުންޑް 1: ށ. މިލަންދޫ - ށ. ނަރުދޫ (ސެމީ ފައިނަލް)
ގްރައުންޑް 2: ށ. ބިލެއްފަހި - ށ. ކަނޑިތީމު (ސެމީ ފައިނަލް)
17:00
ގްރައުންޑް 1: ނ. ހޮޅުދޫ - ނ. މިލަންދޫ
20:00
ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ
21:00
ގްރައުންޑް 1: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ
ގްރައުންޑް 2: ގދ. ގައްދޫ - ގދ. ފިޔޯރީ
22:00
ގްރައުންޑް 1: ސ. ހުޅުދޫ - ސ. ފޭދޫ
ގްރައުންޑް 2: ސ. މީދޫ - ސ. ހިތަދޫ
23:00
ގްރައުންޑް 1: ފ. ފީއަލި - ފ. ނިލަންދޫ
ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. ބިލެއްދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް