ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ގއ. އަތޮޅުގެ ސެމީ ފައިނަލަށް ދާންދޫއާއި ނިލަންދޫގެ އިތުރުން ދެއްވަދޫއާއި ވިލިނގިލިން ދަތުރުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ގއ އަތޮޅު ދެ ގްރޫޕުގެވެސް އެންމެފަހު މެޗުތައް ކުޅެފައެވެ. ޖުމުލަ އަށް ޓީމު އެ އަތޮޅުން ވާދަކުރަމުންދާ އިރު، ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ.
ގްރޫޕް އޭގެ އެއްވަނަ ދާންދޫ ކަށަވަރުކުރީ ރޭ 2-1 އިން ގެމަނަފުށި ބަލިކޮށްގެންނެވެ. އެމެޗުގައި ދާންދޫން ތަފާތު ދެއްކީ އަހުމަދު ހަސަން (އަންމަޑޭ)އެވެ. އޭނާ ދެ ގޯލު ޖެހި އިރު، ގެމަނަފުށީގެ ގޯލު މެޗުގެ ފަހު ވަގުތު ޖެހީ އަލްތޯފު ރަޝާދެވެ.
އެ ގްރޫޕްގެ ދެވަނަ ހޯދީ ނިލަންދޫ އެވެ. ނިލަންދޫން ކަނޑުހުޅުދޫ ބަލިކޮށް ދެވަނަ ހޯދީ 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަކޮށް ފެނިގެން ދިޔަ މެޗުގެ ފަހުކޮޅުގައި ކަނޑުހުޅުދޫގެ އައްޒާމް އަލީ ދީދީއަށް ރަތްކާޑު ދައްކާފައިވާ އިރު، އޭގެ ފައިދާ ނަގައި، މެޗު ނިމިނިމި އޮއްވާ ގޯލު ޖެހީ މައުފޫޒް އާދަމެވެ.
ގއ. އަތޮޅު ގްރޫޕް ބީގެ އެއްވަނަ ހޯދި ދެއްވަދޫން ތިން މެޗުން ހަތް ޕޮއިންޓް ހަމަކުރީ ރޭ މާމެންދުއާ 3-3 އިން އެއްވަރުކޮށްގެންނެވެ. ދެއްވަދޫގެ ގޯލުތައް އަހްނަފް ރަޝީދާ (އަހުއްކޮ) އާއި ހުޒައިފަތު ރަޝީދު (ހުޒޭ)ގެ އިތުރުން މުހައްމަދު އިމްރާން (އިއްމި) ޖެހި އިރު، މާމެންދޫގެ ގޯލުތައް ޖެހީ ރައުހާން ރިއްފަތާއި ޝަމްވީލް މުހައްމަދު އަދި އަލީ މައްސޫދު ސައީދެވެ.
އެ ގްރޫޕްގެ ދެވަނަ ވިލިނގިލިން ހޯދީ ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށްގެންނެވެ. ރޭ ވިލިނގިލިން ކުޅުނު ފޯރިގަދަ މެޗުގައި ކޮލަމާފުށި ކައިރިން މޮޅުވީ 4-3 އިންނެވެ.
ވިލިނގިލީގެ އައުޝަމް ރަޝާދާއި އިސްމާއީލް އަޒީޒް، މުހައްމަދު ޝުހާމް ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެހި އިރު، އަނެއް ގޯލަކީ ކޮލަމާފުށީގެ މުހައްމަދު ޝައްފާފް ޝިހާބު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކޮލަމާފުށީގެ ޝައްފާފް އެޓީމަށްވެސް ގޯލެއް ޖަހައިދިން އިރު، ވިލިނގިލީގެ ޝަޒްމީން މުހައްމަދު ރާޝިދު އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ. ކޮލަމާފުށީގެ އަނެއް ގޯލު ޖެހީ އާސިފް ހަނީފެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
16:00
ގްރައުންޑް 1: ކ. ދިއްފުށި - ކ. މާފުށި
ގްރައުންޑް 2: ކ. ގާފަރު - ކ. ހިންމަފުށި
17:00
ގްރައުންޑް 1: ކ. ގުޅި - ކ. ގުރައިދޫ
ގްރައުންޑް 2: ކ. ކާށިދޫ - ކ. ތުލުސްދޫ
20:00
ގްރައުންޑް 1: އއ. މަތިވެރި - އއ. ރަސްދޫ (ސެމީ ފައިނަލް)
ގްރައުންޑް 2: އއ. ބޮޑުފޮޅުދޫ - އއ. ތޮއްޑޫ (ސެމީ ފައިނަލް)
21:00
ގްރައުންޑް 1: އދ. ހަންޏާމީދޫ - އދ. ކުނބުރުދޫ
ގްރައުންޑް 2: އދ. މަހިބަދޫ - އދ. އޮމަދޫ
22:00
ގްރައުންޑް 1: ޅ. ނައިފަރު - ޅ. ހިންނަވަރު
ގްރައުންޑް 2: ޅ. އޮޅުވެލިފުށި - ޅ. ކުރެންދޫ
23:00
ގްރައުންޑް 1: ވ. ފުލިދޫ - ވ. ކެޔޮދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް