ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކ. އަތޮޅުގެ ފުރަތަމަ މެޗުތައް ދިއްފުއްޓާއި ގުޅިން ކާމިޔާބުކުރި އިރު، މާފުށިން އެންމެފަހުގެ އަތޮޅު ޗެމްޕިއަން ގާފަރު ހިފަހައްޓައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗަކީ ކ. އަތޮޅުގެ މެޗުތަކެވެ. މިފަހަރު ކ. އަތޮޅުން އަށް ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ކ. އަތޮޅުގެ ކުޅުން ރޭ ފަށާފައިވާ އިރު، ގްރޫޕް އޭގައި ދިއްފުށިން ވަނީ ތަފާތު ބޮޑު މޮޅެއް ހޯދައިފައެވެ. އެޓީމުން ހިންމަފުށި ކޮޅަށް 18 ގޯލު ޖަހައި، 18-2 އިން މެޗު ކާމިޔާބުކުރި އިރު، މެޗުގައި ދިއްފުށީގެ ކެޕްޓަން ޒައިން ޒަފަރު ވަނީ ހަ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މުހައްމަދު ޝަމީމާއި އަހުމަދު ރިޒުވާން، ކޮންމެ ކުޅުންތެރިޔަކު ހެޓްރިކް ފުރިހަމަ ކި އިރު، އަހުމަދު މާޒިންވެސް ދެ ގޯލު ޖެހިއެވެ.
ހިންމަފުށީގެ އަތުޝަން އިބްރާހީމް އަތުން ބައިކޮޅަށްވެސް ދެ ގޯލު ވަދެފައިވާ އިރު، ދިއްފުށީގެ އިބްރާހީމް މައިޝްވެސް ގޯލެއް ޖެހިއެވެ. އެ މެޗުގައި ހިންމަފުށީގެ އިންހާލް އާސިމް އަތުންވެސް ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.
ހިންމަފުށިން މެޗުގައި ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ހުސައިން ނާފިޒެވެ.
އެ އަތޮޅުގެ ގްރޫޕް އޭގައި ދެން ކުޅުނު މެޗުގައި މާފުށިން އެންމެފަހުގެ އަތޮޅު ޗެމްޕިއަން ގާފަރު ހިފެހެއްޓީ 1-1 އިންނެވެ. ގާފަރަކީ 2022 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައިވެސް ވާދަކުރި ފެވަރިޓެކެވެ. އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު، އަޒްޔާން އިބްރާހީމް ޖެހި އިރު، މާފުށިން އެއްވަރުކުރި ގޯލު ޖެހީ އަހުމަދު ޝަމާލެވެ.
ކ. އަތޮޅު ގްރޫޕް ބީގައި ގުޅިންވެސް ރޭ މުހިއްމު މޮޅަކާއެކު ފެށި އިރު، އެޓީމުން ތުލުސްދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގުޅީގެ ގޯލުތައް ޖެހީ ހުސައިން ފަހުދާއި މުހައްމަދު އަނޫފް އަހުމަދެވެ. ތުލުސްދޫގެ ގޯލު ޖެހީ އާދަމް އަޒްމީނެވެ.
އެ ގްރޫޕުގައިވެސް ދެން ކުޅުނު މެޗުވީ އެއްވަރެވެ. ކާށިދުއާއި ގުރައިދޫ 2-2 އިން އެއްވަރުވި އިރު، މެޗުގެ ކުރީކޮޅުގައި ކާށިދޫގެ ދެ ގޯލުވެސް ޖެހީ އަބްދުﷲ ސުޒައިރެވެ. ފަހަތުން އަރާ ގުރައިދޫން އެއްވަރުކުރީ އަހުމަދު ރިފްޝާނާއި މުހައްމަދު މުއްސަފް އިބްރާހީމް ޖެހި ގޯލުތަކުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ށ. ކަނޑިތީމު - ށ. މިލަންދޫ
ގްރައުންޑް 2: ށ. މަރޮށި - ށ. ފޭދޫ
21:00
ގްރައުންޑް 1: ށ. ނަރުދޫ - ށ. ގޮއިދޫ
ގްރައުންޑް 2: ށ. ބިލެއްފަހި - ށ. ޅައިމަގު
22:00
ގްރައުންޑް 1: އއ. ތޮއްޑޫ - އއ. އުކުޅަސް
ގްރައުންޑް 2: އއ. މަތިވެރި - އއ. ހިމަންދޫ
23:00
ގްރައުންޑް 1: އއ. ރަސްދޫ - އއ. ބޮޑުފޮޅުދޫ
ގްރައުންޑް 2: އއ. ފެރިދޫ - އއ. މާޅޮސް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް