ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އަތޮޅު ބުރުގެ ފުރަތަމަ މެޗުތައް، ހއ. ބާރަށާއި ކެލާގެ އިތުރުން ދިއްދޫން ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ފަށާފައިވާ އިރު، ފުރަތަމަ އޮތީ ހއ. އަތޮޅުގެ ދެ ގްރޫޕްގެ މެޗުތަކެވެ. ހއ. އަތޮޅުން ޖުމުލަ 10 ޓީމު މުބާރާތުގައި ވާދަކުރާ އިރު، އަތޮޅު ބުރު ކުޅެމުންދަނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ.
ހއ އަތޮޅު ގްރޫޕް އެކެއްގައި ރޭ ބާރަށުން ހޯރަފުށި ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އޭގެ އިތުރުން އެ ގްރޫޕްގައި ރޭ ކެލާއިން މާރަންދޫ ބަލިކުރި އިރު، އެ މެޗު ކެލައިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ބާރަށުން ހޯރަފުށި ބަލިކުރި މެޗުގައި ބާރަށުގެ މުހައްމަދު މާއިޒް ޔޫސުފް ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު ޝަޒީމާއި ހަސަން ސޮލާހް (ހައްޓެ) އެވެ. ހޯރަފުށީގެ އަބްދުﷲ ޔާމީން (ޔާނު) އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ކުޅެފައި ނުވާ އިރު، އެޓީމުން މެޗުގައި ޖެހި ދެގޯލުވެސް ކާމިޔާބުކުރީ މުހައްމަދު ރައްޔާން ބިން އަބްދުﷲ އާމިރެވެ.
ކެލައިން މާރަންދޫ ބަލިކުރި މެޗުގައި ކެލާގެ ގޯލުތައް ޖަހައިދިނީ އަހުމަދު ވަހީދާއި ގާސިމް އަތޫފެވެ.
ހއ އަތޮޅު ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުތަކަށް ބަލާ އިރު، އެންމެފަހުގެ ރަނަރަޕް އުތީމާއި ވަށަފަރު އެއްވަރުވީ 2-2 އިންނެވެ. އެމެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ވަށަފަރުން އެއްވަރުކުރީ ފަހުވަގުތުއެވެ. އެއީ ވަށަފަރުން ކުރީކޮޅުގައި ޖެހި ގޯލަކާއެކު ކުޅެމުން ދަނިކޮށް އުތީމުން ނަތީޖާ އަނބުރާލައިގެން ކުޅެމުން ދަނިކޮށެވެ.
އެމެޗުގައި އުތީމުގެ ދެ ގޯލުވެސް އަހުމަދު އައިހަމް (ފަތޯ) ޖެހި އިރު، ވަށަފަރުގެ ގޯލުތައް ޖެހީ އިބްރާހީމް އަތީގު ހަސަން (އިއްބެ) އާއި އިބްރާހީމް ސަނޫނެވެ.
ހއ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ދިއްދޫން ރޭ ކުޅުނު އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި 2-0 އިން މުރައިދޫ ބަލިކުރި އިރު، އެމެޗުގައި ދިއްދޫގެ ގޯލުތައް ޖެހީ ހުސައިން ޝިފާހާއި އަހްޒަމް ރަޝީދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.
20:00
ގްރައުންޑް 1: ށ. މަރޮށި - ށ. ކަނޑިތީމު
ގްރައުންޑް 2: ށ. ފޭދޫ - ށ. މިލަންދޫ
21:00
ގްރައުންޑް 1: ށ. ގޮއިދޫ - ށ. ބިލެއްފަހި
ގްރައުންޑް 2: ށ. ނަރުދޫ - ށ. ޅައިމަގު
22:00
ގްރައުންޑް 1: ތ. ވިލުފުށި - ތ. އޮމަދޫ
ގްރައުންޑް 2: ތ. ކިނބިދޫ - ތ. ތިމަރަފުށި
23:00
ގްރައުންޑް 1: ތ. ހިރިލަންދޫ - ތ. ވޭމަންޑޫ
ގްރައުންޑް 2: ތ. ބުރުނި - ތ. ކަނޑޫދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް