ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ލިވަޕޫލުން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ރެއާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރެއާލާއި ލިވަޕޫލްގެ ކުރިމަތިލުންތައް ފަހަކަށް އައިސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗަށް ނުކުތުމުގެ ކުރިން ކުޅުނު 8 މެޗުންވެސް ލިވަޕޫލަށް ރެއާލް ބަލިކުރެވިފައެއް ނުވެއެވެ. އެ ސިލްސިލާއަށް ނިމުން ގެނެސް ލިވަޕޫލުން ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.

ޗެމްޕިއަންސް ލީގު މުޅިން އާ ފޯމެޓަކަށް ކުޅެމުން އަންނައިރު، ރޭގެ މެޗުން ހޯދި މޮޅާއެކު ލިވަޕޫލް ލީގު ބުރުގެ އެއްވަނައިގައި އޮތީ ފަސް މެޗުން މޮޅުވެ، 15 ޕޮއިންޓާއެކުގައެވެ. އަނިޔާގެ އެތައް މައްސަލައެއް ކުރިމަތިވެފައި އޮތް ރެއާލުން މިހާތަނަށް ކުޅުނު ފަސް މެޗުން އެޓީމަށް ލިބުނީ އެންމެ ހަ ޕޮއިންޓެވެ. މިވަގުތު ރެއާލް އޮތީ ތާވަލުގެ 24 ވަނައިގައެވެ.

ރޭގެ މެޗަށް ވިނީޝިއަސް ޖޫނިއާއާ ނުލައި ނުކުތް ރެއާލުން ފުރަތަމަ ހާފުގައި ބޮޑަށް ވިސްނީ ޑިފެންސް ކުރުމަށެވެ. ޑިފެންސްކޮށް ކައުންޓާގައި ނުރައްކާކުރަން ރެއާލުން ކުރި މަސައްކަތަށް މާ ބޮޑު ކާމިޔާބީއެއް ނުލިބި ފުރަތަމަ ހާފު ނިމިގެން ދިޔައިރު، ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި ނުރައްކާ ކޮށްފައެވެ. އެގޮތުން ޑާވިން ނުނިއޭޒަށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ރެއާލްގެ ކީޕަރު ތީބޯ ކޯޓުއާއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ރެއާލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑުއާޑޯ ކަމަވިންގާއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، 52 ވަނަ މިނެޓުގައި އެލެކްސިސް މެކް އަލިސްޓާ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.

އޭގެ އިރުކޮޅެއްފަހުން އެންޑީ ރޮބަޓްސަން، އޭރިއާ ތެރެއިން ލޫކަސް ވަޒްކޭޒްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި ރެއާލަށް މެޗު އެއްވަރުކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެ ޕެނަލްޓީ ކިލިއަން އެމްބާޕޭ ފޮނުވާލުމުން މަތަކުރީ ލިވަޕޫލްގެ ގޯލު ބެލެހެއްޓި ކާއޯއިންހިން ކެލެހާއެވެ.

އޭގެފަހުން ލިވަޕޫލަށް ޕެނަލްޓީއެއް ލިބި، މުހައްމަދު ސަލާހް އަތުން ޕެނަލްޓީ ނާކާމިޔާބުވި އިރު، މެޗުގެ ފަހުކޮޅު ފެނުނީ ފޯރިގަދަ ކޮށެވެ. ލިވަޕޫލުން ދެވަނަ ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި އިރު، އެޓީމުގެ މަސައްކަތް ކާމިޔާބުވީ 76 ވަނަ މިނެޓުގައި ރޮބަޓްސަންގެ ހުރަހަކުން ބަދަލަކަށް ނުކުތް ކޯޑީ ގަކްޕޯ ޖެހި ގޯލާއެކުގައެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ އިތުރު މެޗުތައްވެސް ކުޅެފައިވާ އިރު، ޑޯޓްމުންޑުން ވަނީ ޑައިނަމޯ ޒަގްރެބް ކައިރިން 3-0 އިން މޮޅުވެފައެވެ. އަދި މިފަހަރު ޗެމްޕިއަންސް ލީގުގައި ތަފާތު ރަނގަޅު ފޯމެއް ދައްކަމުން އަންނަ އެސްޓަން ވިލާއިން ވަނީ އަމިއްލަ ދަނޑުގައި ޔުވެންޓަސް ހިފަައްޓާފައެވެ. އެ މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.