އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ގޯލްޑް ކަޕްގައި ކުޅެމުންދާ ބ. އޭދަފުށީ ފުޓުބޯޅަ ޓީމަށް ކްލަބު އީގަލްސްއަށް ކުޅެމުންދާ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ރިލީސް ކޮށްދޭން އެދުމުން، އަގު ކިޔައިފިއެވެ.
ގޯލްޑް ކަޕަކީ ރާއްޖޭގެ ރަށްތަކާއި ސިޓީ ތަކަށް ހުޅުވާލައިގެން ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ރަޖިސްޓްރީ ކުރާ ޓީމުތަކަކީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްފައިވާ ކްލަބުތަކެއް ނޫނެވެ. އެހެންކަމުން އެ ޓީމުތަކަށް ކުޅުންތެރިން ކުޅެމުންދަނީ އެގްރީމެންޓެއް ނެތިއެވެ. ރަށު ޓީމަށް ކުޅުމަށެވެ.
ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ފުޓުބޯޅައަށް ބުރު އަރައި، ރަސްމީ ސީޒަނުގެ ފުޓުބޯޅަ ނުކުޅެ، މިހާތަނަށް ވަނީ އަހަރެއްހާ ދުވަސް ވެފައެވެ. އެއީ އެފްއޭއެމްގެ ހާލަތު އޮތް ގޮތުންނެވެ. ކްލަބުތަކަށް އެފްއޭއެމްއިން ދޭން ވައުދުވެފައިވާ ފައިސާ ނުދީ އޮތުމުން، ގިނަ ކްލަބުތަކަށް ކުޅުންތެރިންނަށް މުސާރަ ވެސް ދެވިފައިނުވާ އިރު، ރާއްޖޭގައި މިދިޔަ އަހަރެއްހާ ދުވަހު ކްލަބު ފުޓުބޯޅަ ކުޅުނު ހަމައެކަނި ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
އެ ކްލަބުން ޗެލެންޖާސް ކަޕަށް ނިންމައި އަލުން ސީޒަނަށް ފަރިތަކުރުންތައް ވެސް ފަށާފައިވާ އިރު، ގޯލްޑް ކަޕްގައި އެ ކްލަބުގެ ކުޅުންތެރިޔަކު ފެނިގެން ނުދެއެވެ. އޭދަފުށީ ކައުންސިލުން މާޒިޔާއަށް ވެސް ކުޅުންތެރިންގެ ރިލީސްއަށް އެދިފައިވެއެވެ. އެއީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހައިޝަން ހަސަންގެ ރިލީސްއަށެވެ.
ކައުންސިލުން ބުނީ އެ ކުޅުންތެރިން ސްކޮޑުގައި ހިމެނީ ރަށް ތަމްސީލުކުރުމަށް ފުރުސަތު ދިނުމަށް ކަމަށާއި މިވަގުތު ލީގު ސީޒަން ހުއްޓިފައި އޮތުމުން މުބާރާތުން އެކުޅުންތެރިންނަށް ފައިދާ ކުރާނެތީ ވެސް ކަމަށެވެ.
މާޒިޔާއިން ބުނީ އެ ކްލަބުގެ ފަރިތަކުރުންތައް އިއްޔެ ފަށަން އޮތުމާ އެކު އެ ކްލަބުގެ ކުޅުންތެރިންނަށް މުބާރާތްތައް ނުކުޅުމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓްތަކަކީ ފީފާ އާއި އޭއެފްސީގެ މިންގަނޑަށް ހަދާފައިވާ ކޮންޓްރެކްޓް ކަމަށާއި އެ ކުޅުންތެރިންގެ ކޮންޓްރެކްޓަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
މާޒިޔާއިން ބުނީ ކުރިން ކުޅުންތެރިންނަށް ރިލީސް ދިން ނަމަވެސް ސީޒަން ފަށަން ގާތްވެފައި އޮތުމުން ރިލީސް ދެވެން ނެތް ކަމަށެވެ.
ކްލަބު އީގަލްސްގެ އެއްބަސްވުމުގައި ހުރި ނިޝާމްގެ ރިލީސް ހޯދުމަށް ވެސް ކައުންސިލުން ވަނީ އެ ކްލަބަށް ލިޔެފައެވެ. ކައުންސިލުން ބުނީ ނިޝާމް ރަށު ޓީމުގެ ޖާޒީގައި ގައުމީ ދަނޑުގައި ކުޅުމަކީ ރަށުގެ ވަރަށް ބޮޑު އުންމީދެއް ނަމަވެސް، ކްލަބުގެ ރިލީސް ނުލިބުމާ އެކު އޭނާ މިވަގުތު ހުރީ ތަމްރީނުތަކުގައި ވެސް ބައިވެރިނުވެ، މެޗުތަކަށް ވެސް ނުނުކުމެ ކަމަށެވެ.
ކައުންސިލުން ބުނީ އީގަލްސްއިން އެންގި އެންގުމަށް އިހުތިރާމް ކުރުމާ އެކު، މިވަގުތު އެގޮތަށް އަމަލުކުރަމުން ދިޔަ ނަމަވެސް، ކުރިއަށް ހުރި މެޗުތަކަށް ހުއްދަ ދިނުމަށް އެދޭ ކަމަށެވެ.
އެ ސިޓީގެ ޖަވާބުގައި އީގަލްސްއިން ބުނީ އޭދަފުއްޓަކީ އަބަދުވެސް ފުޓުބޯޅައިގައި އެ ކްލަބުން އިހުތިރާމް ކުރާ ރަށެއް ކަމަށާއި ކުޅުންތެރިން ދޫ ނުކުރާ އެއް ސަބަބަކީ މުބާރާތްތަކުގައި ގަވާއިދާ ހިލާފަށް ކަންކަން ކުރަމުން ދިޔުމާއި ކުޅުންތެރިންނަށް ކުރާ ހަރަދާ އެފަދަ ކަންކަން ނުބައްދަލުވުމުން ކަަށެވެ. މީގެ ކުރިން ވެސް ރަށަށް ކްލަބުގެ ކުޅުންތެރިން ދޫކޮށްފައިވާނެ ކަމަށް އީގަލްސްއިން ބުނެފައިވާ އިރު، ނިޝާމަށް އެ ކްލަބުން ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިވާނެ ކަމަށްވެސް އީގަލްސްއިން ބުނެފައިވެއެވެ.
އީގަލްސްއިން ބުނީ ގޯލްޑް ކަޕަކީ ފުޓުބޯޅައަށް އެއްވެސް ފައިދާއެއް ނުވާ މުބާރާތެއް ކަމަށް ދެކޭ ކަމަށާއި ނިޝާމް ރަށު ޓީމަށް ދޫކުރެވެން އޮތީ ދެލައްކަ ރުފިޔާގެ ރިލީސް ފީއެއް ދެއްކުމުން ކަމަށެވެ.
އޭގެ އިތުރުން އަނިޔާއެއް ވެއްޖެ ހާލަތެއްގައި އަނިޔާގެ ކަންކަމަށް ޒިންމާ ނަގަން ޖެހޭނެ ކަމަށްވެސް އީގަލްސްގެ ސިޓީގައި ބުނެފައިވެއެވެ.
އެކަމުގައި އޭދަފުށީގެ އެކިއެކި ފަރާތްތަކުން އީގަލްސްއާ ދެކޮޅަށް ހިޔާލު ފާޅުކޮށްފައިވެއެވެ. ގޯލްޑް ކަޕްގައި ރަށްރަށު ކައުންސިލުން ޓީމު ބައިވެރިކޮށްފައިވާ އިރު، ކްލަބު މުބާރާތަކަށް މުބާރާތް ނުވާތީ އެފްއޭއެމްއަށް ވެސް މުބާރާތް އެންޑޯސް ކުރުމުގެ އިހުތިޔާރެއް ނެތް ކަމަށް އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ބުނެފައިވެއެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް