ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތު ފައިނަލުގެ ފުރަތަމަ ޖާގަ، ލ. ގަމު ގޯޅި ސްޕޯޓްސްއިން ހޯދައިފިއެވެ.
ގޯޅިން ފައިނަލުގެ ޖާގަ ޔަގީންކުރީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މަތިމަރަދޫ ޔޫތު ބަލިކޮށްގެންނެވެ.
ފޯރިގަދަކޮށް ފެނިގެން ދިޔަ މެޗުގެ ކުރީކޮޅުގައި ފުރަތަމަ ގޯލު ޖެހީ މަތިމަރަދޫ ޔޫތުންނެވެ. އޭރިއާ ބޭރުން ގޯލުގެ ކަނަަށް ފޮނުވާލި ބޯޅައާއެކު އެ ގޯލު ޖެހީ މުހައްމަދު ޖިނާހެވެ.
އެ ގޯލާއެކު މަތަމަރަދޫން ޑިފެންސް ވަރުގަކޮށް، ފަހަތަށް ފައިބައިގެން ކުޅުނު އިރު، ގޯޅިން ދިޔައީ ހަމަލާތައް ގިނަ ކުރަމުންނެވެ. އެޓީމުން ނަތީޖާ ހަމަހަމަ ކުރީ ހާފު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއެއްގައެވެ.
އޭރިއާ ތެރެއިން މުހައްމަދު ރަޒާން، ގޯޅީގެ ހުސައިން ނާޝިދަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީގައި މެޗު އެއްވަރުކުރީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
އެ ގޯލާއެކު ރަނގަޅު ފޯމެއްގައި ދެވަނަ ހާފަށް ނުކުމެ، އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ގޯލުން ގޯޅި މެޗު އަނބުރާލިއެވެ. އެޓީމުން ލީޑު ދަމަހައްޓަން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، އަހުމަދު ނާސިހަށް ދެއްކި ރަތް ކާޑާއެކު މަތިމަރަދޫ ޔޫތުން ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ.
މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
ސެމީ ފައިނަލް ދެވަނަ މެޗު މިއަދު ހަވީރު 4:00 ގައި އޮންނަ އިރު، އެމެޗުގައި ވާދަކުރާނީ ދަނބިދޫ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް (ޑައިސް) އަދި މާހިންނަ ޔުނައިޓެޑެވެ.
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް