ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި މާހިންނަ ޔުނައިޓެޑުން މަތިމަރަދޫ ޔޫތު ބަލިކޮށްފިއެވެ.
އިއްޔެ ހަވީރު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗަކީ މަތިމަރަދޫ ޔޫތުން ކުޅުނު ދެވަނަ މެޗެވެ. ގްރޫޕް ބީގައި ތިން ޓީމު ހިމެނޭ އިރު، މަތިމަރަދޫ ޔޫތު އޮތީ ފުރަތަމަ މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާ ބަލިކޮށްފައެވެ.
އެ ގްރޫޕުގެ ތިން ޓީމަށްވެސް ސެމީގެ ފުރުސަތު އޮތް އިރު، މާހިންނަށް މުންޑޫ ބަލިކޮށްގެން އެއްވަނަ ޔަގީން ކުރެވޭނެއެވެ. އެއީ ގްރޫޕުގައި ދެން ބާކީ އޮތް މެޗެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި މާހިންނަ ޔުނައިޓެޑުން 2-0 އިން މަތިމަރަދޫ ޔޫތު ބަލިކުރި އިރު، އެ ޓީމުގެ ދެ ގޯލުވެސް ފުރަތަމަ ހާފުގައި ޖަހައިދިނީ މުހައްމަދު ސާބިގު (އުއްކު) އެވެ.
ދެވަނަ ހާފުގައި މަތިމަރަދޫ ޔޫތުން ކޮންމެވެސް ވަރަކަށް ނުރައްކާ ކޮށްފައިވާ އިރު، މުޒްދާން ހަސަން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ މަތަކުރީ މާހިންނަގެ ކީޕަރު މުހައްމަދު ފައިސަލްއެވެ. މެޗު މަތިމަރަދޫ ޔޫތަށް އުނދަގޫވީ ފަހަތަށް ކުޅެމުންދިޔަ ހުސައިން ސަންމާހަށް ދެއްކި ރަތް ކާޑާއެކު، ކުޅުންތެރިޔަކު މަދުކޮށް ނިންމާލަން ޖެހުމުންނެވެ.
މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
ގްރޫޕް ސްޓޭޖުގެ އިތުރު މެޗެއް މިއަދު އޮންނަ އިރު، މިއަދު ހަވީރު މެޗުގައި ގްރޫޕް އޭގެ ކިއުއެމް ސްޕޯޓްސް ނުކުންނާނީ ގޯޅި ސްޕޯޓްސްއާ ދެކޮޅަށެވެ.
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް