ޔޫއެފާ ނޭޝަންސް ލީގުގެ، އޭ ޑިވިޝަނުގެ ގްރޫޕް އެކެއްގައި ރޭ ކުޅުނު މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް، ޕޯޗުގަލުން ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފިއެވެ.
ޕޯޓޯގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލް ގައުމީ ޓީމުން ޕޮލެންޑް ބަލިކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕް އެކެއްގެ އެއްވަނަ ޕޯޗުގަލް ޔަގީންކުރީ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ. ކްރޮއޭޝިއާއިން ފަސް މެޗުން ހަތް ޕޮއިންޓް ހޯދައި ދެވަނައިގައި އޮތް އިރު، ޕޮލެންޑަ އޮތީ ތިންވަނައިގައެވެ. އެއީ ފަސް މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ފުލުގައި އޮތީ ސްކޮޓްލޭންޑެވެ. އެއީވެސް ފަސް މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ދާދި ހަމަހަމަކޮށް ފެނުނު އިރު، މެޗުގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ ގަޑިއިރެއްހާއިރު ކުޅުނު ފަހުންނެވެ. ރަފޭލް ލެއާއޯ ޕޯޗުގަލަށް ލީޑު ނަގައިދީފައިވާ އިރު، 72 ވަނަ މިނެޓުގައި އުމުރުން 39 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕެނަލްޓީއެއްގައި ޕޯޗުގަލް ލީޑު ފުޅާކޮށްދީފައެވެ.
ދެން ޖެހިގެން އައި 8 މިނެޓް ތެރޭގައި ޕޯޗުގަލްއިން ވަނީ ތިން ގޯލު ޖަހައިފައެވެ. އެއީ ބްރޫނޯ ފެނާޏްޑޭޒާއި ޕެޑްރޯ ނެޓޯ އަދި ރެކޯޑު ގޯލު ޖެހުންތެރިތާ ރޮނާލްޑޯ ޖެހި ގޯލުތަކެކެވެ. އޭގެ ތެރެއިން ރޮނާލްޑޯގެ ގޯލު ތަފާތު މޮޅެވެ. އަރިމަތިން ހުރަސްވެގެން ދިޔަ ބޯޅަ ރޮނާލްޑޯ ގޯލަށް ވައްދާލީ އޯވަހެޑަކުން ޖަހައެވެ.
މެޗުގައި ޕޮލެންޑްގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ޑޮމިނިކް މާކްޒަކެވެ.
ސްޕެއިނުން ރޭ ރަށުން ބޭރުގައި 2-1 އިން ޑެންމާކު ބަލިކުރުމުގެ ކުރިންވެސް އެޓީމަށް އޮތީ ކުއާޓާގެ ފުރުސަތު ޔަގީންވެފައެވެ. އެހެން ނަމަވެސް ޑެންމާކް ހިފަހައްޓައިގެން ނޫނީ އެޓީމަށް ގްރޫޕްގެ އެއްވަނަ ނެގޭކަށް ނެތެވެ.
ރޭ ސްޕެއިނުން ޑެންމާކު ބަލިކުރުމާއެކު ލީގު އޭގެ ގްރޫޕް ހަތަރެއްގެ އެއްވަނަ ސްޕެއިނަށް ޔަގީންވީ މެޗެއް އޮއްވާ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޑެންމާކު އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ސާބިއާއަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބި ތިންވަނައިގައި އޮތް އިރު، ސްވިޒަލޭންޑް ފުލުގައި އޮތީ ފަސް މެޗުން ދެ ޕޮއިންޓާއެކުގައެވެ.
ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ރޭގެ މެޗަށް ނުކުތް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނުން ވަނީ 15 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެއީ މިކޭލް އޮޔަރުޒަބަލް ޖެހި ގޯލުންނެވެ. ދެވަނަ ހާފު ފެށިގެން 10 ވަރަކަށް މިނެޓް ކުޅެވުނުތަނާ އަޔޯޒޭ ޕެރޭޒް ދެވަނަ ގޯލެއް ޖަހައި ސްޕެއިންނަށް ލީޑު ފުޅާކޮށްދިން އިރު، މެޗުގައި ޑެންމާކުގެ ގޯލު ޖެހީ ގުސްޓާވް އިސާކްސަންއެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު