ޔޫއެފޭ ނޭޝަންސް ލީގު އޭގެ ގްރޫޕް ދޭއްގައި ޖަރުމަނުން ގްރީސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު، ނެދަލޭންޑްސްއިން ސާބިއާ ބަލިކޮށްގެން އެ ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ޖަރުމަނުން އާ ކޯޗު ޔާގަން ކްލޮޕް މަގާމާ ހަވާލުވިފަހުން ކުޅުނު ފުރަތަމަ ހަތަރު މެޗަކީ މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ކުޅުނު ނޭޝަންސް ލީގު ހަތަރު މެޗެވެ. އެ ހަތަރު މެޗުގެ ތެރެއިން ދެމެޗަކީ ގްރީސްއާ ދެކޮޅަށް ކުޅުނު ދެމެޗެވެ.
ގްރީސްއާ ދެކޮޅަށް ޖަރުމަނުން އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ބަލިވި އިރު، ރޭ ރަށުން ބޭރުގައި އެއްވަރުވީ ގޯލެއް ނުޖެހި 0-0 އިންނެވެ. ކްލޮޕާއެކު ކުޅުނު ހަތަރު މެޗުގެ ތެރެއިން ޖަރުމަނުން ހަމައެކަނި މޮޅުވީ ސާބިއާ ކައިރިންނެވެ. ދެން ނެދަލޭންޑްސް ކައިރިންވެސްވީ އެއްވަރެވެ.
ފުރަތަމަ ހާފުގައި މާގިނަ ހަމަލާތަކެއް ނުފެނުނު ނަމަވެސް މެޗުގެ ބައިގަޑިއިރު ހިނގިތަނާ ޖަރުމަނުގެ ޖޮނަތަން ބާކާޓް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލިއެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ ގޯލް ޖެހުމުގެ ކުރިން އަތުގައި ޖެހުނު ކަމަށެވެ.
ކްލޮޕް، ހަތަރު މެޗަށް 44 ކުޅުންތެރިންގެ ސްކޮޑަކާއެކު ތައްޔާރުވެފައިވުމާއެކު ރޭގެ މެޗަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. މެޗަށް ނުކުތް ޑެރީ ޝާހަންޓްގެ ފަރާތުންވެސް ރަނގަޅު ހަމަލާއެއް ފުރަތަމަ ހާފުގައި ފެނުނު އިރު، ދެވަނަ ހާފުގައި ގްރީސްއިންވެސް ގޯލަކާ ގާތަށް ޖެހިލިއެވެ. އެ ފުރުސަތު ލިބުނީ ޖޯޖިއޯސް މަސޫރަސްއަށެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ޒަވީ ހެނާންޑޭޒްގެ ނެދަލޭންޑްސްއިން އަދި މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން ބަލިވެފައި ނުވާ އިރު، ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ގިނައެވެ. ކުރީކޮޅުގައި ސާބިއާގެ ވަންޖާ މިލިންކޮވިޗް-ސަވިޗް އަތުން ހެދުނު ގޯހެއްގައި މެކްސް މީޑިންކަށް ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
އޭގެ ފަހުން ނެދަލޭންޑްސްގެ ނޯއާ ލޭންގެ ހަމަލާ ގޯލާ އަމާޒުނުވެ ދިޔަ އިރު، 31 ވަނަ މިނެޓުގައި ނެދަލޭންޑްސްއިން ލީޑު ނެގިއެވެ. އެގޯލް ޖެހީ ޓެއުން ކޫޕްމެއިނާސްއެވެ. އެއީ ހިލޭ ޖެހުމަކުން އޭނާ ޖަހައިދިން ގޯލެކެވެ.
ނެދަލޭންޑްސްގެ އެ ލީޑު ހިފެހެއްޓުނީ އެންމެ ހަތަރު މިނެޓަށެވެ. މިހައިލޯ ވެޓްކޮވިިޗް ޖެހި ގޯލާއެކު ސާބިއާ މެޗު ހަމަހަމަ ކޮށްފައިވާ އިރު، އޭނާއަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނަގަންވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ދެވަނަ ހާފުގެ ތެރެއިން ނެދަލޭންޑްސްގެ ޓިޖާނީ ރެއިންޑާސްއަށްވެސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެ ފުރުސަތު އޭނާ އަތުން ބޭކާރުވި ނަމަވެސް، ޖޯޝުއާ ޒިރްކްޒީ ނެދަލޭންޑްސް މޮޅުކޮށްދޭން ޖެހި ގޯލްގައި ރެއިންޑާސްގެ ދައުރު ބޮޑެވެ.
ރޭގެ މެޗަކީ ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ.
ނެދަލޭންޑްސް ނޭޝަންސް ލީގު ގްރޫޕްގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުގައެވެ. އެ އަދަދަށް ގްރީސްއަށްވެސް ޕޮއިންޓް ލިބި، އެ ދެޓީމު ފައިދާ ގޯލްވެސް އެއްވަރުވެފައިވާ އިރު، ނެދަލޭންޑްސް އެއްވަނައިގައި އޮތީ ޖެހި ގޯލުންނެވެ. ޖަރުމަނު ތިންވަނައިގައި ހަތަރު މެޗުން ފަސް ޕޮއިންޓާއެކު އޮތް އިރު، ސާބިއާ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ކޮމެންޓް