ޔޫއެފާ ނޭޝަންސް ލީގު ގްރޫޕް އެކެއްގައި ފްރާންސުން ރޭ ކުޅުނު މެޗުގައި ފަހުވަގުތު ގޯލްތައް ޖަހައިގެން ބެލްޖިއަމް ބަލިކޮށްފިއެވެ.
ފްރާންސުން މިފަހަރު ނޭޝަންސް ލީގުގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން އެ ގްރޫޕްގެ އެއްވަނައިގައި އޮތް އިރު، އެ ގްރޫޕްގެ ދެވަނައިގައި އޮތީ އިޓަލީއެވެ. އެއީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ރޭ އިޓަލީން އަމިއްލަ ދަނޑުގައި 3-1 އިން ތުރުކީ ބަލިކުރި އިރު، އެ ގްރޫޕްގެ ތިންވަނައިގައި އޮތީ ބެލްޖިއަމެވެ. އެއީ ހަތަރު މެޗުން ހަ ޕޮއިންޓާއެކުގައެވެ.
އެ ގްރޫޕްގެ ފުލުގައި އޮތީ ތުރުކީއެވެ.
ކިލިއަން އެމްބާޕޭ އަނިޔާގައި ހުރުމާއެކު އޭނާ ނުލައި ފްރާންސުން މެޗަށް ނުކުތް އިރު، ލިބުނު ފުރުސަތުތައް ނިންމާލުމުގައި އެޓީމަށް މައްސަލަތައް ދިމާވިއެވެ. އުސްމާން ޑެމްބެލޭއާއި މަގްނޭސް އަކްލިއޫޗޭއާއި އެޑުއާޑޯ ކަމަވިންގާއަށް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ފުރަތަމަ ހާފުގައި ޑޮޑީ ލުކެބާކިއޯ ވަނީ ބެލްޖިއަމަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފުގައިވެސް ފްރާންސުން ނުރައްކާ ކުރި އިރު، އެސްޓެބެން ލެޕައުލް ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބަދަލަކަށް މައިކަލް އޮލީސޭއާއި ރަޔަން ޗާކީއާއި ލޫކަސް ޑަ ކޫންޏާ ބަދަލަކަށް ނެރެފައެވެ. އޭގެ އިތުރުން ޑިސައިރޭ ޑޫއޭވެސް ބަދަލަކަށް ކުޅެން ނުކުމެފައިވެއެވެ.
އެ ބަދަލުތަކާއެކު ފްރާންސުން މެޗު އަނބުރާލަން ކުރި މަސައްކަތް ކާމިޔާބުވީ 77 ވަނަ މިނެޓުގައި ޖެހި ގޯލާ ހިސާބުންނެވެ. ޑޫއޭ ފްރާންސަށް ފުރަތަމަ ގޯލް ޖަހައިދިން އިރު، ޗާކާ ވަނީ އޭގެ ފަސް މިނެޓު ފަހުން އިތުރު ގޯލެއް ޖަހައިފައެވެ.
އޭގެފަހުން މެޗު ނިމެން ދަނިކޮށް އޮލީސޭ ވަނީ ފުލުފުލުގައި ދެ ގޯލް ޖަހައި މެޗު ޔަގީން ކޮށްދީފައެވެ.
އިޓަލީއާއި ތުރުކީ ވާދަކުރި މެޗުގައި އިޓަލީގެ ގޯލްތައް ޖަހައިދިނީ ޖިއާންލޫކާ ސްކަމަކާއާއި ރިކާޑޯ ކަލަފިއޯރީގެ އިތުރުން ފްރަންސެސްކޯ ޕިއޯ އެސްޕޮސީޓޯއެވެ. ތުރުކީގެ ގޯލް ޖަހައިދިނީ އަރާލް ސިމްސީރެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ކޮމެންޓް