ޔޫއެފާ ނޭޝަންސް ލީގު، އޭ ލީގުގެ ގްރޫޕް ސްޓޭޖުގައި ބާކީ މެޗެއް އޮއްވައި، ބެލްޖިއަމާއި އިޓަލީން ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ ޑިވިޝަން ކަމަށްވާ އޭ ލީގުގައި އިޓަލީ އާއި ފްރާންސް ހިމެނެނީ ގްރޫޕް ދޭއްގައެވެ. މިހާތަނަށް އިޓަލީން ކުޅުނު ފަސް މެޗުން އެ ޓީމަށް 13 ޕޮއިންޓް ލިބިފައިވާ އިރު، ފްރާންސް ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
އެ ގްރޫޕްގެ ތިންވަނައިގައި އޮތް ބެލްޖިއަމަށް ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތީ އިޒްރޭލެވެ. އެއީ ފަސް މެޗުން އެއް ޕޮއިންޓަކާއެކުގައެވެ. ބެލްޖިއަމާ އިޒްރޭލަކަށްވެސް ދެން ކުއާޓާގެ ފުރުސަތެއް ނެތެވެ. ބާކީ ކޮންމެ ޓީމަކަށްވެސް ދެން އޮތީ މެޗެކެވެ.
އިޓަލީން ރޭ ކުއާޓާ ޔަގީންކުރީ ބެލްޖިއަމް 1-0 އިން ބަލިކޮށްގެންނެވެ. ބެލްޖިއަމް ދަނޑުގައި ކުޅުނު މެޗުގައި އިޓަލީގެ ހަަމައެކަނި ގޯލު ޖަހައިދިނީ ސާންޑްރޯ ޓޮނާލީއެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޓޮނާލީ އިޓަލީއަށް ޖަހައިދިން ފުރަތަމަ ގޯލު ޖެހީ ޖިއޮވާނީ ޑި ލޮރެންޒޯގެ ބާހަކުންނެވެ.
މެޗުގައި ބެލްޖިއަމުން ނުރައްކާ ކުރި އިރު، ލެއާންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ ވަނީ ދަނޑިއަށްވެސް އަމާޒުވެފައެވެ.
ފްރާންސުން ރޭ ގޯލެއް ނުޖެހި އިޒްރޭލާ އެއްވަރުވި އިރު، އެ މެޗު ކުޅުނީ ފްރާންސްގެ ސްޓޭޑް ޑި ފްރާންސްގައެވެ. މެޗުގެ ކުރިން އިޒްރޭލާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލާފައިވާ އިރު، އެ މެޗު ކުޅުނީ ވެސް ވަރަށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށެވެ.
އިޒްރޭލުން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެ ޓީމު ފުޓުބޯޅައިން ބޭރުކުރަން ފަލަސްތީނުން ހުށަހަޅާފައިވާ ނަމަވެސް އަދިވެސް އެކަމަށް އެއްވެސް މަސައްކަތެއް ކުރިތަން ފެނިފައެއް ނުވެއެވެ.
ރޭ ފްރާންސުން ކުޅުނު މެޗުގައި އެ ޓީމުން 24 ހަމަލާއެއް އިޒްރޭލުގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައިވާ އިރު، އިޒްރޭލުގެ ގޯލްކީޕަރު ޑެނިއަލް ޕެރެޓްޒް ވަނީ އަށް ހަމަލާއެއް ދިފާއުކޮށްފައެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު