ރާއްޖެ މިދަނީ ވިރާސީ ވެރިކަމަކާ ދިމާލަށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ ނުރައްކާތެރި ސިގްނަލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް އެހެން ވިދާޅުވެފައި މިވަނީ، ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ވިސްނަވާ ކަމަށް ރައީސް ވިދާޅުވެފައިވަނިކޮށެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ކުރިން އޮންނަ ގޮތަށް ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށޭގޮތަށް ބަދަލުކުރުމަށާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް އަދި އެއްބުރުން ރިޔާސީ އިންތިހާބު ނިމޭގޮތަށް ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓަކަށް ދާން ވިސްނަވާ ކަމަށެވެ.

އެކަމަށް ރައްދުދެއްވަމުން ފައްޔާޒް ވިދާޅުވީ މިހާރު ފެނިގެން މިދަނީ މި ގައުމު ވަރަށް ނުބައި ދިމާލަކަށް ގެންދާ ތަން ކަމަށާއި އެއް އަހަރު ދުވަހު ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކޮށް، ސަރުކާރަށް ރައްޔިތުން ދިން މެންޑޭޓާ އެއްގޮތަށް ވެރިކަން ކުރުމަށް ޖާގަ ދީފައިވާނެ ކަމަށެވެ.

"އެހެންނަމަވެސް މިހާރު ވިރާސީ ވެރިކަމަކާ ދިމާލަށް ދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އިއުލާންކުރެވިގެން އެ ދިޔަ ރައްޔިތުންނާ ހިސާބަށް ގެންދާ ދެ ރިފަރެންޑަމް އަކީ މިކަން މުޅިން އެގޮތަށް ބަދަލުކުރުމަށް ޑރ. މުއިއްޒުގެ ނުބައި ރޭވުމުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށް އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް. ރައްޔިތުންނަށް ދެއްކި މެނިފެސްޓޯއެއް ނޫން، މުޅިން އާ މެނިފެސްޓޯއެއްގެ ވާހަކަ މިހާރު ދައްކަވަނީ. ރައްޔިތުންނަށް ވީ ވައުދުތައް ނޫން އެހެން ބައިވަރު ވައުދުތަކެއް ވާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ހަރަދު ކުޑަކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ވާހަކަދައްކަވަނީ ގާނޫނުއަސާސީގައި އޮތް ފާރަވެރި ދައުލަތެއްގެ ސިފަ ގެއްލުވާލުމަށް ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ސިގްނަލެއް ކަމަށެވެ. އަދި ވެރިކަމަށް ބަޔަކު ގެނެސްފައި، އެ ވެރިކަން އޮބަހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ނިންމާނެ ގޮތުގެ ހައްގު ދިވެހި ރައްޔިތުންނަށް އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހައްދަވަން އެ އުޅޭ ގޮތަކީ ފައިސާ އާއި ބާރާއި ނުފޫޒުގެ ތެރެއިން ވެރިކަމާއި މަޖިލީހާ އެއްކޮށް ނިގުޅައިގަތުމުގެ މަސައްކަތް. މިއީ އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދޫކޮށްލައިގެން ތިބެވޭނެ ކަންކަމެއް ނޫން. ރައީސް މުއިއްޒު މުޅިން އާ މެނިފެސްޓޯއެއް ރައްޔިތުންނާ ހަމައަށް އެ ގެންނަވަނީ،" އޭނާ ވިދާޅުވިއެވެ.

ހަރަދުކުޑަކުރާ ކަމަށްވަންޏާ 2026 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ އެއްކޮށް ރިޔާސީ އިންތިހާބު ބާއްވެވުމަށް ރައީސަށް ގޮވާލައްވާ ކަމަށާއި ކެރިވަޑައިގަންނަވާ ނަމަ، ލޯކަލް ކައުންސިލް އިންތިހާބާ އެއްކޮށް ރިޔާސީ އިންތިހާބު ބާއްވަވައި، އަލުން ރައްޔިތުންގެ ކުރިމައްޗަށް މިހާރު ގެންނަވާ މެނިފެސްޓޯ ހުށަހެޅުއްވުމަށް ގޮވާލައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ޕްރިފަރެންޝަލް ސިސްޓަމެއްގެ ތެރެއިން އެއްބުރުން ރިޔާސީ އިންތިހާބު ނަންގަވާ ވާހަކައަކީ ވެސް ދެއްވި ނުބައި ސިގްނަލެއް ކަމަށާއި އޭގެ ބޭނުމަކީ ވެރިކަމުގައި އޮވެ، ވޯޓު ފޮށިތައް އަނެއްކާވެސް މާލެއަށް ގެނެސް އޮޅުވާލަން ކުރީގެ ނިޒާމަށް އަނބުރާ ދިއުން ކަމަށެވެ. އަދި އެކަންކަމަށް ފުރުސަތު ދޭން އެމްޑީޕީ މަޑުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.