އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 20 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ޖަލަށް ލައިފައިވަނީ ހުސައިން އަލީފް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ 2018 ވަނަ އަހަރުގެ ތެރެއިގައެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލައިގައި އިއްޔެކުރި ހުކުމުގައި ބުނީ ސައިން އަލީފްގެ މައްޗަށް ދައުލަތުން ކުރި "މީހަކު އޭނާގެ އާއިލާގެ ކުޑަ ކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގުމުގެ" ކުށުގެ ދައުވާ ޝަރީއަތުން ބެލި ބެލުމުންނާއި ހުސައިން އަލީފުގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިގަރީނާއަށް ބަލާއިރު، ޝައްކެއް ނެތް މިންވަރަށް ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެހެންވެ "ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހަކު އޭނާގެ އާއިލާގެ ކުޑަ ކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން، ހުސައިން އަލީފު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުގައި އޭނާ 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.