އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ވުލްވްސް ބަލިކުރި އިރު، ލިވަޕޫލުން ކުޅުނު މެޗުގައި ޗެލްސީ ބަލިކޮށްފިއެވެ.
ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ޗެލްސީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ސިޓީން ފަހަތުން އަރައި ވުލްވްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ސިޓީ، އަށް މެޗުން 20 ޕޮއިންޓާ އެކު އޮތް އިރު، ބައްޔާ އެކު ޗެލްސީ ވަނީ ހަވަނައަށް ސޮއްސާލައިފައެވެ. އެއީ އަށް މެޗު 14 ޕޮއިންޓާއެކުގައެވެ. ބްރައިޓަން ފަސްވަނައިގައި އޮތް އިރު، އެސްޓަން ވިލާ މިވަގުތު އޮތީ ހަތަރު ވަނައިގައެވެ.
ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން ރޭ ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ޗެލްސީން މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ރީސް ޖޭމްސް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އެއީ އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ޖޭމްސް ކުޅުނު ފުރަތަމަ މެޗެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް މެޗުގެ ކުރީކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، ގިނަ އެޓޭކްތަކެއް ފެނިގެން ނުދެއެވެ. މަޑު އޮއެވަރެއްގައި މެޗު ދަނިކޮށް ލިވަޕޫލުން ލީޑު ނެގީ ލިބުނު ޕެނަލްޓީއެއްގައެވެ. މެޗުހެ 29 ވަނަ މިނެޓުގައި ލިވަޕޫލަށް ޕެނަލްޓީ ލިބުނީ ލީވާއި ކޮލްވިލް، ކާޓިސް ޖޯންސްއަށް ކުރި ފައުލަކަށެވެ. އެ ޕެނަލްޓީގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހެވެ.
ދެވަނަ ހާފަށް ނުކުމެ، ޗެލްސީން މެޗު އެއްވަރު ކުރިއެވެ. އެއީ މެދުތެރެއިން މޮއިސަސް ކައިސޭޑޯ ދުއްވާލި ބޯޅައެއްގައި ނިކޮލަސް ޖެކްސަން ޖެހި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖެކްސަންގެ ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.
ޗެލްސީ މެޗު އެއްވަރުކުރިތާ މާގިނައިރެއް ނުވެ، އަނެއްކާ ވެސް ލިވަޕޫލުން މެޗުގެ ލީޑު ނެގިއެވެ. އަރިމަތިން ސަލާހް ނެގި ހިތްގައިމު ހުރަސް ގޯލަށް ވައްދާލީ ވެސް މެޗުގައި މޮޅަށް ކުޅުނު ކާޓިސް ޖޯންސްއެވެ.
ރޭ ސިޓީން ކުޅުނު މެޗުގެ ކުރީކޮޅުގައި ވުލްވްސްއިން ވަނީ ލީޑު ނަގައިފައެވެ. އެއީ ޖޯގެން ސްޓްރޭންޑް ލާސެން ޖެހި ގޯލެކެވެ. އެ ގޯލާއެކު ސިޓީއަށް ހާސްކަން ކުރިމަތިވި ނަމަވެސް، ހާފު ނިމުމުގެ ކުރިން ޖޮސްކޯ ގްވާޑިއޯލް ވަނީ މެޗު އެއްވަރުކޮށްފައެވެ.
ދެވަނަ ހާފުގައި ވެސް ސިޓީން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ގޮސް، މެޗުން މޮޅުވީ 95 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ޖޯން ސްޓޯންސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު