ޗެލްސީގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒަށް ރޭގެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއެއް ކުރަން ޖެހުނު ކަމަށާއި، މިހާރު އަންނަނީ ރިކަވަރީ ފުރިހަމަ ކުރަމުން ކަމަށް އޭނާ ބުނެފިއެވެ.
ޗެލްސީން ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ގޯލްވެސް ޖަހައިދިނީ ޕެޑްރޯ ނެޓޯއެވެ. ރޭގެ މެޗަށް ނުކުތް އިރު އެވަޓަން އޮތީ މި ސީޒަނުގައި ބަލިނުވެ ނަމަވެސް، ޗެލްސީން ވަނީ އެޓީމު ބަލިކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ކީރެން ޑިއުސްބަރީ-ހޯލް ނަގައިދިން ހުރަހަކަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ޗެލްސީގެ ކީޕަރު މާޓިނޭޒް ވަނީ އެވަޓަންގެ ޖަރަޑް ބްރެންތުވައިޓް ގައިގައި ޖެހިފައެވެ. ދެކުޅުންތެރިން ޖެހުމާއެކު ބްރެންތުވައިޓަށްވެސް ފަރުވާ ދޭން ޖެހުނު އިރު، އޭނާ ވަނީ މާބޮޑު ކަމެއް ނުވެ ތެދުވެފައެވެ. އެހެންނަމަވެސް މާޓިނޭޒްގެ ހޭވެރިކަން ނެތުމާއެކު ޕެރަމެޑިކްސް ދަނޑަށް އަރައި ފަރުވާ ދީފައިވެއެވެ.
މާޓިނޭޒް ދަނޑުން ބޭލީ 10 ވަރަކަށް މިނެޓް ފަރުވާ ދިނުމަށްފަހުއެވެ. މެޗުގެ ބާކީ ބައިގައި ޗެލްސީގެ ގޯލް ބެލެހެއްޓީ އެޓީމުގެ ޒުވާން ކީޕަރު، ބެލްޖިއަމްގެ މައިކް ޕެންޑާސްއެވެ. އެއީ 21 އަހަރުގެ ކީޕަރެވެ.
މެޗަށްފަހު އެލޯންސޯ ބުނީ މާޓިނޭޒް ހޮސްޕިޓަލަށް ގެންދިޔައިރު ހޭހުރި ކަމަށާއި، އޭރު އެއްވެސް އިތުރު މައުލޫމާތެއް ނެތް ކަމަށެވެ. މާޓިނޭޒް ފަހުން ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އަނިޔާގެ ސަބަބުން ސާޖަރީއެއް ކުރަން ޖެހުނު ކަމަށާއި، މިހާރު ރިކަވަރީގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހުރިހާ އެންމެން ދިން ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށްވެސް މާޓިނޭޒް ބުނެފައިވެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ
ކޮމެންޓް