ގައުމީ އަންހެން ވޮލީ ލީގު 2024 ގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފިއެވެ.
މިރޭ ވެމްކޯއިން ލީގު ޔަގީން ކުރީ، ލީގުގެ ފަހު މެޗުގައި ވާދަވެރި ޕޮލިސް 3-2 ސެޓުން ބަލިކޮށްގެންނެވެ. މިއަހަރުގެ އަންހެން ޑިވިޝަނުގެ ލީގު ބާއްވާފައި ވަނީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 2017 ވަނަ އަހަރު ބޭއްވި ގޮތަށް އަންހެން ވޮލީ ލީގު މެދުކެނޑިފައި އޮތް އިރު، މިދިޔަ އަހަރު ވެސް ބޭއްވީ އަންހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތެވެ.
މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ދަނީ ވާދަކުރަމުންނެވެ. އެއީ ވެމްކޯގެ އިތުރުން، ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބެވެ.
ފަހު މެޗާ ހަމައަށް ދިޔައިރު، ވެމްކޯ އާއި ޕޮލިސް ވެސް ކުޅުނު ހުރިހާ މެޗެއް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައި އޮތުމުން، މިރޭގެ މެޗު ވެގެން ދިޔައީ ލީގު ޗެމްޕިއަނުން ކަނޑައަޅާ މެޗަށެވެ. މެޗުގެ ފުރަތަމަ ސެޓު، 25-23 އިން ޕޮލިސް ކާމިޔާބު ކޮށްފައިވާ އިރު، ދެވަނަ ސެޓު ވެމްކޯއިން ގެންދިޔައީ 25-17 އިންނެވެ. އެ ސެޓު ވެމްކޯއިން ތަފާތު ބޮޑުކޮށް ގެންދިޔަ ނަމަވެސް، ތިންވަނަ ސެޓު އަނެއްކާ ވެސް ޕޮލިހުން ގެންދިޔައީ 25-22 އިންނެވެ. މެޗު ފަސް ސެޓަށް ދިޔައީ ވެމްކޯއިން 25-21 އިން ހަތަރުވަނަ ސެޓު ގެންގޮސްފައެވެ. ފަސްވަނަ ސެޓުގައި ވެމްކީއިން ޕޮލިސް ބަލި ކުރީ 15-13 އިންނެވެ.
މިރޭގެ މެޗު ފެށިގެން ފުރަތަމަ ސެޓުގައި ވަރުގަދަކޮށް ފެނިގެން ގޮސްފައި ވަނީ ޕޮލިސް ކްލަބެވެ. އެ ސެޓުގައި ޕޮލިހުގެ އެޓޭކްތައް ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ ޓީމުން އެޓޭކްތައް ކުރީ ވެސް ވަރަށް ރަނގަޅަށް ބަހާލައިގެންނެވެ. ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިމިނަތު ޝަހާ ޝާމިންގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ޓަންޔަޕްރޯން ސީސޯގެ ބާރު އެޓޭކްތައް ފެނިގެން ގޮސްފައިވާ އިރު، ވެމްކޯއަށް އަމިއްލަ ގޯސްތަކުން މުހިއްމު ވަގުތުގައި ޕޮއިންޓް ގެއްލިގެން ގޮސްފައިވެއެވެ.
ހާއްސަކޮށް ފަހުކޮޅުގައި ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޔަކޮވްލެވާ އިނާ އަތުން ގޯސްތައް ހެދުނު އިރު، ވެމްކޯގެ ކެޕްޓަން އައިޝަތު މާޖިދާގެ ފަރާތުން ވެސް އެ ސެޓުގައި ރަނގަޅު ޕޮއިންޓްތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
ދެވަނަ ސެޓުގައި ވެމްކޯއިން ތަފާތު ހިތްވަރެއް ނެރެ، އެޓީމުން އެ ސެޓު ގެންދިޔައެވެ. އެ ސެޓުގައި ފާތިމަތު ޖޫޒާން ޒަރީރާއި މާޔާ ހުސައިން ސޯލިހް އަދި ބިދޭސީ ކުޅުންތެރިޔާ އިނާގެ ކުޅުން ފާހަގަވިއެވެ. ހާއްސަކޮށް އިނާގެ ބާރު އެޓޭކްތަކާ އެކު ދެން އެންމެ ބޮޑު ތަފާތަކަށްވީ މާޔާގެ ވަރުގަދަ ސާވިސްތަކެވެ. އެ ތަފާތާ އެކު ވެމްކޯއިން ދެވަނަ ސެޓު ގެންދިޔައީ 25-17 އިންނެވެ.
މިރޭގެ ސެޓު އިތުރަށް ފޯރިގަދަވެގެން ދިޔައީ ދެން ޖެހިގެން އައި ސެޓު އަނެއްކާ ވެސް ޕޮލިހުން ގެންދިޔުމުންނެވެ. އެ ސެޓުގައި ވެސް ހައްވަ އާއި ބިދޭސީ ކުޅުންތެރިޔާގެ ވަރުގަދަ އެޓޭކްތައް ފެނިގެން ގޮސްފައިވާ އިރު، ފަހަތުން އައިމިނަތު އަރީޝާގެ ކުޅުމާއި މަރިޔަމް އަޒުމާގެ ރަނގަޅު ދެ ބްލޮކެއް ވެސް ފެނިގެން ދިޔައެވެ. ޕޮލިހުން މެޗުގެ ތިންވަނަ ސެޓު ގެންދިޔައީ 25-22ގެ ސްކޯ އަކުންނެވެ.
ހަތަރު ވަނަ ސެޓުގެ ވެސް ކުރީކޮޅުގައި ރަނގަޅަށް ކުޅެމުން ދިޔައީ ޕޮލިހުންނެވެ. ޝަހާ އާއި ހައްވަގެ ރަނގަޅު އެޓޭކްތަކުގެ އިތުރުން ސީސޯގެ ބާރު އެޓޭކްތަކުން ހަތް ވަރަކަށް ޕޮއިންޓްގެ ލީޑެއްގައި އޮތް ނަމަވެސް، ވެމްކޯއިން ވަނީ ތަފާތު ހިތްވަރެއްކޮށް ފަހަތުން އަރައި ސެޓު ގެންގޮސްފައެވެ. އެގޮތުން މާޔާގެ ރަނގަޅު ސާވިސްތަކެއްގެ އިތުރުން އިނާގެ ރަނގަޅު އެޓޭކްތަކަކާ އެކު ވެމްކޯއިން ސެޓު ގެންދިޔައީ 25-21 އިންނެވެ.
މެޗު ޓައި ބްރޭކް ސެޓަކަށް ގޮސް، ވެމްކޯއިން ފުރަތަމަ ބޮޑު ލީޑެއް ނެގިއެވެ. އެ ލީޑުގައި މެޗު ގާތްގަނޑަކަށް ނިމުމާ ހަމައަށް ގޮސް، ވެމްކޯއަށް ދެ ޕޮއިންޓް ބޭނުންވެފައި ވަނިކޮށް، އަނެއްކާ ވެސް ޕޮލިހުން ފަހަތުން އަރައި ޕޮއިންޓަކަށް ގާތް ކުރިއެވެ. ސީސޯގެ އެޓޭކްތައް ޕޮލިހުން ފެނުނު އިރު، އެންމެފަހު ވަގުތު ވެމްކޯއިން ތަށި ނެގީ އައިމިނަތު ރިޔާސާގެ ރަނގަޅު ދެ ބްލޮކެއް އެޅުމުގެ އިތުރުން އިނާގެ ބާރު އެޓޭކަކުންނެވެ. އެ ސެޓު ވެމްކޯއިން ގެންދިޔައީ 15-13 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އިނާއެވެ. ޑްރީމް ޓީމުގައި ހިމެނުނީ ވެމްކޯގެ މާޖިދާ އާއި ޖޫޒާންގެ އިތުރުން ރިޔާސާ އާއި ޕޮލިހުގެ ޝަހާ ޝާމިން، އަޒުމާގެ އިތުރުން ކެޕްޓަން ހައްވައެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ވެމްކޯގެ އިނާއެވެ. އެންމެ މޮޅު ލިބަރޯއަކީ ޕޮލިހުގެ ލިބަރޯ މައިހާ އަލީއެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ)އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ވެމްކޯގެ މާޔާއެވެ.
ގައުމީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ސެޓަރު ޖޫޒާނެވެ.
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު