ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކު ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީ ލީގު 2026 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި ފަހަރު ގައުމީ ވޮލީ ލީގުގެ ފިރިހެން ޑިވިޝަނުގައި ފަސް ޓީމަކުން ވާދަކޮށްފައިވެއެވެ. އެއީ ސިފައިން ކްލަބާއި ޕޮލިސް ކްލަބުގެ އިތުރުން 2024 ވަނަ އަހަރު ލީގު ޗެމްޕިއަން ކްލަބު އެޗްޑީސީއާއި ކްލަބު އެމްޓީސީސީ އަދި ލަޔަންސް ރެކްރިއޭޝަން ކްލަބެވެ.

ސިފައިން ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި އެޗްޑީސީއާ ދެކޮޅަށެވެ. މިދިޔަ އަހަރުވެސް ލީގު ކާމިޔާބުކުރި ސިފައިން ރޭގެ ފަހު މެޗުން މޮޅުވީ 3-1 ސެޓުންނެވެ.

އެޗްްޑީސީން 26-24 އިން ފުރަތަމަ ސެޓު ގެންދިޔަ ނަމަވެސް، ސިފައިން މޮޅުވީ ފަހަތުން އަރައި، 16-25، 24-26 އަދި 21-25 އިން ސެޓުތައް ގެންގޮސްގެންނެވެ.

ސިފައިން ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިފައެވެ. އެޓީމުން ލަޔަންސް ރެކްރިއޭޝަން ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވި އިރު، ދެވަނަ މެޗުގައި ކްލަބް އެމްޓީސީސީ އަތުން މޮޅުވީ 3-1 ސެޓުންނެވެ. އަދި ތިންވަނަ މެޗުގައި ޕޮލިސް ކްލަބް އަތުންވެސް މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ގައުމީ ލީގުގެ ގަދަ ހަތަރެއް ދެން ނުކުންނާނީ ގައުމީ މުބާރާތަށެވެ.

ގައުމީ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ހުސައިން ރައްޒާން އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ ފަހަދު ރާޒާއެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ޕޮލިހުގެ ލިބަރޯ އަހުމަދު އިލްހާމް އަލީއެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ޓީމުގެ ޖުނައިދު އަބްދުﷲ (މާމަ) އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް)، އާދަމް ފައިރޫޒް، ހުސެއިން ޝާހިދު (ޝާޑު)، ރައްޒާންގެ އިތުރުން، ޕޮލިހުގެ މުހައްމަދު ނައީމް، އަހުމަދު ނާފިއު އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.