ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަންހެން ޑިވިޝަން ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހުރާ ސީސީން ސިޓީ ފްރެންޑްސް ކްލަބު ބަލިކޮށް، ދެވަނައަށް ޖެހިލި އިރު، ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީން ފްލެކްސާ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ހުރައިން މިހާތަަށް ކުޅުނު ފަސް މެޗުން ދެމެޗުން މޮޅުވެފައިވާ އިރު، އެޓީމު އޮތީ ދެވަނައިގައެވެ. އެއީ ހަތް ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ޕޮލިސް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.
ތިންވަނައިގައި އެފްއެސްސީ އޮތް އިރު، ދެން ގަދަ ހަތަރެއްގައި އޮތީ ކްލަބު ވެމްކޯއެވެ. ޖީޖީއެސްސީއާއި ސިޓީ ފްރެންޑްސް ކްލަބު އޮތީ އޭގެ ފަހަތުގައެވެ.
ވެމްކޯ އަދި ތިން މެޗު ކުޅެފައިވާ އިރު، އެޓީމަށް ތާވަލުގެ ކުރިއަށް ޖެހުމަށް ބޮޑު ފުރުސަތެއް އެބައޮތެވެ. އަދި ޖީޖީއަށް ގަދަ ހަތަރަކަށް ދެން އޮތީ ޕޮލިސް ކައިރިން ސީދާ ތިން ސެޓުން މޮޅުވުމެވެ.
އިއްޔެ ހަވީރު ހުރައިން ސީއެފްސީ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 25-18، 25-11 އަދި 25-13 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހުރާގެ ކްރިސްޓީނާ މެޑްވެޑޭވްއެވެ.
ޖީޖީ ރޭ ފްލެކްސާ ބަލިކުރީ 3-2 ސެޓުންނެވެ. ފްލެކްސާއިން 25-20 އިން ފުރަތަމަ ސެޓު ގެންގޮސްފައިވާ އިރު، ދެން ޖެހިގެން އައި ދެ ސެޓު ޖީޖީން 25-16 އަދި 26-24 އިން ގެންދިޔަ އިރު، ހަތަރުވަނަ ސެތު އަނެއްކާވެސް ފްލެކްސާއިން ގެންދިޔައީ 25-20 އިންނެވެ. އަދި ފަހު ސެޓު ޖީޖީން ގެންދިޔައީ 16-14 އިންނެވެ.
ވީއޭއެމް ކަޕްގެ ގަދަ ހަ ޓީމު ވާދަކުރާ ވޮލީ ލީގުގައި ވާދަކުރާ އިރު، ޓީމުތައް ވާދަކުރަމުންދަނީ ލީގުގެ ގަދަ ހަތަރަކަށެވެ.
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު