ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަންހެން ޑިވިޝަން ލީގުގައި އިއްޔެއާއި ރޭ ކުޅުނު މެޗުތަކުން ސިޓީ ފްރެންޑްސް ކްލަބާއި ފްލެކްސާ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ވީއޭއެމް ކަޕްގެ ގަދަ ހަ ޓީމު ވާދަކުރާ ވޮލީ ލީގުގައި ކްލަބު ވެމްކޯއިން ފުރަތަމަ މެޗުގައި ހުރާ ބަލިކޮށްފައި އޮވެގެން ރޭ ނުކުތީ، ފުރަތަމަ މެޗުގައި ޕޮލިސް ކްލަބު ކައިރިން ބަލިވެފައި އޮތް ފްލެކްސާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ފްލެކްސާ ވެމްކޯ ކައިރިން ރޭ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ފްލެކްސާއިން ގެންގޮސްފައިވާ އިރު، އެ ސެޓުތައް ފްލެކްސާއިން ގެންދިޔައީ 18-25 އަދި 18-25 އިންނެވެ. ތިންވަނަ ސެޓު ވެމްކޯއިން 27-25 އިން ގެންގޮސްފައިވާ އިރު، ފެލްކްސާއިން މެޗު ކާމިޔާބުކުރީ ފަހު ސެޓު 25-22 އިން ކާމިޔާބު ކޮށްގެންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ސިޓީ ފްރެންޑްސް ކްލަބުން ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-19 އިން ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީން ގެންދިޔަ ނަމަވެސް، ފަހަތުން އަރައި ސިޓީ ފްރެންޑްސް ކްލަބުން ސެޓުތައް ގެންދިޔައީ 20-25، 17-25 އަދި 18-25 އިންނެވެ.

ވޮލީބޯލް ލީގުގެ މެޗުތައް މިއަދާއި މިރޭވެސް އޮންނާނެއެވެ.