ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަންހެން ޑިވިޝަން ލީގު ތަށި ޕޮލިސް ކްލަބުން އުުފުލައިލައިފިއެވެ.

މިދިޔަ ދެތިން އަހަރުވެެސް އަންހެން ވޮލީގައި އެންމެ ވާދަވެރިކޮށް ފެނިގެން ދިޔަ ޕޮލިހާއި ވެމްކޯ ވަނީ މި އަހަރު ވީއޭއެމް ކަޕްގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެ ފަހަރު ފައިނަލުގައި ވެމްކޯ އިން ވަނީ ޕޮލިސް ބަލިކޮށްފައެވެ.

އެ ބަލީގެ ބަދަލު ހިފައި ޕޮލިސް ކްލަބުން ރޭ ލީގު ޔަގީންކުރީ، ލީގުގެ ފަހު މެޗުގައި ވެމްކޯ ކައިރިން 3-2 ސެޓުން މޮޅުވެގެންނެވެ.

ޕޮލިހުން ހުރިހާ މެޗަކުންވެސް މޮޅުވެގެން ލީގު ޔަގީން ކޮށްފައިވާ އިރު، ރޭގެ މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ 24-26 އިންނެވެ. ފޯރިގަދަކޮށް ފެނިގެން ދިޔަ އެ ސެޓަށްފަހު ދެވަނަ ސެޓުގައި ޕޮލިސް ފެނުނީ މާ ވަރުގަދަކޮށެވެ. އެ ސެޓުގައި ވެމްކޯ ފަހަތަށް ޖައްސާލީ 25-17 އިންނެވެ.

27 އޭޕްރިލް 2025، މާލެ، ގައުމީ ވޮލީބޯލް ލީގު 2025ގެ ތަށި ހޯދައި ޕޮލިހުން ތަށި އުފުލައިލުމުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ރޭގެ ލީގު ޗެމްޕިއަނުން ކަނޑައެޅިގެން ދިޔަ މެޗު އިތުރަށް ވަރުގަދަ ވެގެން ދިޔައީ ދެން ޖެހިގެން އައި ދެ ސެޓު ވެމްކޯއިން ގެންދިޔަ ހިސާބުންނެވެ. އެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-23 އަދި 25-19 އިންނެވެ.

މެޗު ފަސްވަނަ ސެޓަކަށް ގޮސް، ފޯރިގަދަވެގެން ދިޔަ އިރު، ފަހު ސެޓު ޕޮލިސް ނެގީ ފަސޭހަކޮށް 15-05 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ ސޯފިއާ ގްރަޒީލޭ އެވެ.

27 އޭޕްރިލް 2025، މާލެ، ގައުމީ ވޮލީބޯލް ލީގު 2025ގެ ތަށި ހޯދައި ޕޮލިހުން ތަށި އުފުލައިލުމުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިއަހަރު ލީގުގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޕޮލިހުގެ އައުޓް ސައިޑް އެޓޭކަރު އައިމިނަތު އަރީޝާ، މިޑްލް ބްލޮކަރު މަރިޔަމް އަޒުމާގެ އިތުރުން ވެމްކޯގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު، ލިބަރޯ ނުހާ ވަހީދު، މިޑްލް ބްލޮކަރު ނަރީމާ އިދުރީސް އަދި އައުޓް ސައިޑް އެޓޭކަރު އައިޝަތު މާޖިދާ އާއި ފްލެކްސާގެ އޮޕޮސިޓް އެޓޭކަރު ފާތިމަތު ސަމްހާ އެވެ.

އެންމެ އުންމީދީ ކުޅުންތެރިޔަކީ ހުރާގެ މަރިޔަމް ރިޝްފާ އެވެ. އެންމެ މޮޅު ކޯޗަކަށް ޕޮލިސް ކޯޗު މުނާ މުނީރު ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ އަރީޝާ އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ޕޮލިހުގެ ގްރަޒީލޭ އެވެ.