ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލްއާއި ސްޕެއިނުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
ނޭޝަންސް ލީގު، ލީގު އޭގެ އެއްވަނަ ގްރޫޕްގައި ޕޯޗުގަލްއިން ރޭ ރަށުން ބޭރުގައި ޕޮލެންޑް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއިން ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ތިން މެޗުން ނުވަ ޕޮއިންޓާއެކު އެޓީމު އޮތީ އެއްވަނައިގައެވެ. އެ ގްރޫޕްގެ ދެވަނައިގައި ކްރޮއޭޝިއާ، ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް އިރު، ޕޮލެންޑް އޮތީ ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތީ ސްކޮޓްލޭންޑެވެ.
ޕޯޗުގަލްއިން ޑޮމިނޭޓްކޮށް ކުޅުނު މެޗުގެ ކުރީކޮޅުގައި އަލް ނަސްރުގެ ފޯވަޑް، ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، އެޓީމުން ލީޑު ނެގީ ބަނާޑޯ ސިލްވާ ޖެހި ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.
ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ލީޑު ފުޅާކޮށްދީފައެވެ. ރަފޭލް ލެއާއޯގެ ހަމަލާއަކުން ލިބުނު ރީބައުންސް ފުރުސަތު ރޮނާލްޑޯ ގޯލަށް ވައްދާލީ ފަސޭހަކޮށެވެ. އެއީ މިހާތަނަށް މިއަހަރުގެ ނޭޝަންސް ލީގުގައި ރޮނާލްޑޯ ޖެހި ތިންވަނަ ގޯލެވެ.
ރޮނާލްޑޯ ކެރިއަރުގައި ރެކޯޑު 906 ގޯލު މިހާތަނަށް ޖަހާފައިވާ އިރު، އޭނާ ރޭ ޖެހި ގޯލަކީ ގައުމީ ޓީމަށް ޖެހި ރެކޯޑު 133 ވަނަ ގޯލެވެ.
ފަހު ހާފުގެ ތެރެއިން ރޮނާލްޑޯގެ ބަދަލުގައި ޑިއޭގޯ ޖޮޓާ ކުޅުމަށް ނެރެފައިވާ އިރު، ޕޮލެންޑުން ދެވަނަ ހާފުގައި ވަނީ އުންމީދެއް ހޯދައިފައެވެ. އެއި ޕިއޮޓޯ ޒިއެލިންސްކީ ޖެހި ގޯލުންނެވެ. އެހެން ނަމަވެސް ޕޯޗުގަލްއިން މޮޅު ޔަގީންކުރީ ޖޭން ބެޑްނަރެކް އަތުން ބައިކޮޅަށް ވަން ގޯލާއެކުގައެވެ.
ޔޫރަޕްގެ ޗެމްޕިއަން އަމިއްލަ ގައުމުގައި ކުޅުނު ލީގު އޭގެ ހަތަރުވަނަ ގްރޫޕްގެ މެޗުގައި ޑެންމާކު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ސްޕެއިން ވަނީ އެއްވަނައަށް އަރައިފައެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ޑެންމާކު ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ސާބިއާ ތިންވަނައިގައި އޮތް އިރު، އެ ގްރޫޕްގެ ފުލުގައި އޮތީ ސްވިޒަލޭންޑެވެ.
ރޭގެ މެޗުގައި ސްޕެއިނުން ހަމަލާތައް ގިނަކޮށް ފެނިގެން ގޮސްފައިވާ އިރު، އަލްވާރޯ މޮރާޓާގެ ދެ ހަމަލާއެއް ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން ލަމީން ޔަމާލްގެ ހަމަލާއެއްވެސް މަތަކުރި އިރު، އެއްވަރުވާން ދަނިކޮށް މާޓިން ޒުބިމެންޑީ ގޯލު ޖެހީ ލިބުނު ބޯޅައެއް އެއްފަހަރުން ގޯލަށް ވައްދާލައިގެންނެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު