ގައުމީ އަންހެން ވޯލީ ލީގުގެ ފުރަތަމަ މެޗުތަކުން އަސްދިގަ ސްޕޯޓްސް ކްލަބު، ޕޮލިސް ކްލަބުގެ އިތުރުން ކްލަބު ވެމްކޯ މޮޅުވެއްޖެއެވެ.

މިފަހަރު އަންހެން ވޮލީ ލީގު އިއްޔެ ފަށާފައިވާ އިރު، އަންހެން ޑިވިޝަނުގެ ލީގު ބާއްވަމުން މިދަނީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 2017 ވަނަ އަހަރު ބޭއްވި ގޮތަށް އަންހެން ވޮލީ ލީގު މެދުކެނޑިފައި އޮތް އިރު، މިދިޔަ އަހަރު ވެސް ބޭއްވީ އަންހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ދަނީ ވާދަކުރަމުންނެވެ. އެއީ ވެމްކޯގެ އިތުރުން، ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބެވެ.

މުބާރާތް ލީގު އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ފަހު މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އިއްޔެ މެންދުރު ވޮލީ ލީގުގެ ފުރަތަމަ މެޗުގައި އަސްދިގަ ސްޕޯޓްސް ކްލަބުން ގުޑީސް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އަސްދިގައިން ގެންދިޔައީ 25-12، 25-21 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އަސްދިގައިގެ ފާތިމަތު ނާސިހާ (ނާއްކޮ) އެވެ.

ދެވަނަ މެޗުގައި ވަރުގަދަ ޕޮލިސް ކްލަބުން ފަސޭހަ ކަމާ އެކު ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ބަލިކުރީ ވެސް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-11، 25-02 އަދި 25-02 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން އަދި ޕޮލިސް ޓީމުގެ ވެސް ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އެވެ.

ރޭ ވެމްކޯއިން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކުރީ ވެސް ސީދާ ތިން ސެޓުންނެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވެމްކޯއިން ސެޓުތައް ގެންދިޔައީ 25-22، 25-07 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޔަކޯވްލޭވާ އިނާއެވެ.