ގައުމީ އަންހެން ވޮލީ ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ވެމްކޯއިން ތަށި އުފުލާލައިފިއެވެ.

ވެމްކޯއިން އަންހެން ލީގު ޗެމްޕިއަންކަން ޔަގީންކުރީ ރޭ ޕޮލިސް ކްލަބު ކައިރިން ފަހު މެޗުންވެސް 3-1 ސެޓުން މޮޅުވެގެންނެވެ. އެމެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކްލަބުން 22-25 އިން ގެންދިޔަ ނަމަވެސް، ވެމްކޯއިން ވަނީ ދެން ކުޅުނު ސެޓުތައް 25-19، 25-22 އަދި 25-16 އިން ގެންގޮސްފައެވެ.

ވެމްކޯއިން ތަށި ހޯދުމަށް ކުރި ދަތުރުގައި ކްލަބު އެމްޓީސީސީވެސް ބަލިކުރީ 3-1 ސެޓުންނެވެ. އެމެޗުގައި ވެމްކޯއިން ފުރަތަމަ ސެޓު، 25-17 އިން ގެންދިޔަ ނަމަވެސް، އެމްޓީސީސީން 25-25 އިން ސެޓު ގެންދިޔައެވެ. އެހެން ނަމަވެސް، ދެން ކުޅުނު ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-16 އަދި 25-16 އިންނެވެ.

ވެމްކޯއިން ސިޓީ ފްރެންޑްސް ކްލަބު ކައިރިން ސީދާ ތިން ސެޓުން މޮޅުވި އިރު، ހުރާ ކޮމިއުނިޓީ ކްލަބު ކައިރިން މޮޅުވީ 3-1 ސެޓުންނެވެ. ސިޓީ ފްރެންޑްސް ކައިރިން ވެމްކޯ ސެޓުތައް ގެންދިޔައީ 25-18، 25-21 އަދި 25-16 އިންނެވެ. ހުރާ ކައިރިން ވެމްކޯ ފުރަތަމަ ސެޓު، 25-18 އިން ގެންދިޔަ ނަމަވެސް ހުރައިން ދެވަނަ ސެޓު 25-22 އިން ގެންދިޔައެވެ. އެހެން ނަމަވެސް ވެމްކޯއިން ވަނީ ފަހު ދެ ސެޓު، 25-10 އަދި 25-22 އިން ގެންގޮސްފައެވެ.

އަންހެން ލީގު ތާވަލުގެ ދެވަނައިގައި އެމްޓީސީސީ ނިންމާލި އިރު، ތިންވަނައަކީ ޕޮލިސް ކްލަބެވެ. ހަތަރު ވަނަ ހުރައަށް ލިބުނު އިރު، ލީގުގެ ފުލުގައި ނިންމާލީ ސިޓީ ފްރެންޑްސްއެވެ.

ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު ބޭރު ކުޅުންތެރިޔަކީ ވެމްކޯގެ ވަރަންޔާ ސްރިލައޫންނެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް އެމްޓީސީސީގެ ފާތިމަތު އަމާނީ އަހުމަދު ޝިޔާމް ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ)އެވެ. ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ) އާއި އައިމިނަތު ޝަހާ ޝާމިންގެ އިތުރުން ވެމްކޯގެ ނަރޯމާ އިދުރީސް، ޖޫޒާން އަދި ލިބަރޯ މައިހާ އަލީއާއި އެމްޓީސީސީގެ މާޔާ ހުސައިން ސޮލާހް އަދި އައިމިނަތު ރިޔާޝާއެވެ.