ވެމްކޯއަކީ މި ފަހަކަށް އައިސް އަންހެން ވޮލީގައި ފެނުނު އެންމެ ކާމިޔާބު ކްލަބެވެ. ކްލަބު ވެމްކޯއިން މިފަހަރުގެ ވޮލީ ސީޒަނުގެ އަންހެން ހުރިހާ ތަށްޓެއް ނެގިއެވެ. އެއީ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ އިތުރުން ގައުމީ މުބާރާތެވެ. އެ ތިން މުބާރާތްވެސް ވެމްކޯއިން ނެގީ މެޗަކުން ބަލިނުވެއެވެ. އެ ބޮޑު ކާމިޔާބުގެ އެންމެ ބޮޑު ހިއްސާދާރަކީ އެޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ)އެވެ.

"ތިން ތަށި ހޯދުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް. އެ ކާމިޔާބީ ހާއްސަވާ ސަބަބަކީ މި ސީޒަނަކީ ކުރިން ބެލިބެލުމުގައި ޓަފް ސީޒަނެއް. އެހެން އަހަރުތަކާ ބަލާފައި އުނދަގޫ ސީޒަނެއް. އަހަރެމެން ވާދަކުރަން ޖެހުނީ ވަރަށް ވާދަވެރި، ވަރަށް ހުނަވެރި، ވަރަށް ޕްރޮފެޝަނަލް ޓީމުތަކަކާ. އެއްވަރެއްގެ ހަތަރު ޓީމު މި ވާދަކުރީ. ކޮންމެ މެޗަކީވެސް ތައްޔާރުވެ، ފުރިހަމައަށް ފޯކަސްކޮށް، ކޮންސަންޓްރޭޓް ކުރަން ޖެހުނު މެޗަކަށްވި. އަދި ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައި، ވަރަށް ވިސްނައިގެން ކުޅެން ޖެހުނު މެޗެއް،" އަދީލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އަދީލް ބުނީ ކާމިޔާބު ހޯދުނީ މަސްތަކެއްގެ ބުރަ މަސައްކަތާއި ޑިސިޕްލިންގެ އިތުރުން ވަރަށް ގިނަ ގުރުބާނީތަކެއްވެސް ވެގެން ކަމަށެވެ. އޭގެ އިތުރުން އޭނާ ފާހަގަކޮށްފައި ވަނީ ހެޑް ކޯޗެއްގެ ގޮތުގައި އެންމެ ފަރުވެރުވާ އެއް ކަމަކީ ޓީމު ވަކި މެޗެއްގައި ދަށް ނުވެ ކުޅުނު ކުޅުމާއި، ހޭނެން ޖެހުނު ހާލަތަކަށް ހޭނެއް އެ ބަދަލު ގެނެސްގެން ކުރި މަސައްކަތަށް ކަމަށެވެ.

އަދީލް ފާހަގަކުރީ ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ ލީޑާޝިޕް އޭނާއަށް މުހިއްމުވި ކަމަށެވެ.

"ސީޒަން ތެރޭގައި ވަރަށް ގިނަ ބަދަލުތަކަށް ހޭނެން ޖެހުނު. އެއީ ކުޅުމަށްވެސް އެ ގެނައި ބަދަލުތަކެއް. ފާހަގަކޮށްލަން ބޭނުންވޭ ޖޫޒާންއާއި މާޖިދާގެ ލީޑާޝިޕް. އެ ދެކުޅުންތެރިންގެ ނުފޫޒު. ކޯޓު ތެރޭގައި ލީޑުކޮށް އެ ދެކުޅުންތެރިން ވަނީ އަހަރެންގެ ކޯޗިން ވިސްނުން، މެޗަށް ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކޮށްދީފައި،" އަދީލް ފާހަގަކޮށްފައިވެއެވެ.

އަދީލް ބުނީ ބޮޑު މަންޒަރު ސާފުވާ، ކުޅުންތެރިންނާއެކު ރޫހު ހިފަހައްޓައިގެން މަސައްކަތް ކުރާ ކުޅުންތެރިން ޓީމުގައި ތިބުމަކީ އަބަދުވެސް ކުރާ މަސައްކަތް ފަސޭހަވާނެ ކަމެއް ކަމަށެވެ. އޭގެ އިތުރުން ކޯޗު އަދީލް ވަނީ ވެމްކޯގެ އިސްވެރިންނާއި ހިންގާ ކޮމިޓީގެ އިތުރުން ކާމިޔާބީގައި އެކިއެކި ގޮތްގޮތުން ހިއްސާވި ވަކިވަކި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.