ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ޕޮލިސް ކްލަބުން އުފުލާލައިފިއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިހުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބު ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މިފަހަރުގެ ގައުމީ ލީގާއި ގައުމީ މުބާރާތުގެ ސެމީ ފައިނަލް މެޗުގައިވެސް ސިފައިން ވަނީ ޕޮލިހުން ބަލިކޮށްފައެވެ. އެހެން ނަމަވެސް ރޭ ސިފައިންނަށް ކުޅެން ޖެހުނީ ބިދޭސީ ދެކުޅުންތެރިން ނުލައެވެ. އެއީ ޝެޑިއުލަށް ގެނައި ބަދަލާއެކުގައެވެ.

ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން އިއްޔެ ރާއްޖޭން ފުރީ ކުރިން ތާވަލުކުރި ތާރީހަށްވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހިފައި އޮތުމުންނެވެ. މިފަހަރުގެ ގައުމީ ލީގުވެސް ސިފައިން ކާމިޔާބުކުރި އިރު، ލީގު ހޯދުމުގައިވެސް ޕާކިސްތާން ދެ ކުޅުންތެރިން ކަމަށްވާ ހަމަދު މުހައްމަދާއި ފަހަދު ރަޒާ މުހިއްމު ދައުރެއް އަދާކުރިއެވެ.

ރޭ ކުޅުނު ގައުމީ ފައިނަލްގައި ޕޮލިހުން ސިފައިން ކައިރިން ސެޓުތައް ގެންދިޔައީ، 25-11، 25-18 އަދި 25-20 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ޕޮލިހުގެ ސެޓަރު، އަލީ މައުރޫފް (މާއްޓޭ) އާއި ސިފައިންގެ ޓީމުގެ ލިބަރޯ، އަހުމަދު ނަބީލް (ނައްބަ) އަދި ޕޮލިހުގެ އަހުމަދު ނާފިއުއެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ސިފައިންގެ ޓީމުގެ އިޔާން އަލީ އަށެވެ. އަދި، އެންމެ މޮޅު ކޯޗަކީ، ޕޮލިހުގެ ނަސްރުﷲ ތޯހާއެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ޕޮލިހަށް ކުޅުނު ރަޝިއާގެ އަންދްރެއި ވަސިލެންކޯއެވެ.

މިދިޔަ އަހަރުގެ ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތް ވެސް ކާމިޔާބުކުރި ސިފައިންނެވެ. އެކަމަކު، މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށްފައިވަނީ ތިން ޓީމަކުންނެވެ. އެ ގޮތުން، ސިފައިން ބަލިކޮށް، އެސޯސިއޭަޝަން ކަޕް ޗެމްޕިއަންކަން ކްލަބް އެމްޓީސީސީން ހޯދިއިރު، ސިފައިން ވަނީ ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ގައުމީ މުބާރާތުގެ ފައިނަލުން ސިފައިން މި ވަނީ ޕޮލިސް އަތުން ބަލިވެފަ އެވެ.