އާބާދީގެ ނިސްބަތުން މުސްކުޅިން އެންމެގިނައީ ސިނާއީ ކޮން ގައުމެއްގައި ބާވައެވެ. އެހެން އިބާރާތަކުން ދަންނަވަންޏާ އެންމެ މުސްކުޅި އާބާދީއެއް ލިބިގެންވަނީ ސިނާއީ ކޮން ގައުމަކަށް ބާވައެވެ. އެއީ ކޮންމެ ގައުމަކަށްވިޔަސް އެގައުމެއްގެ އިގްތިސާދަށް އާބާދީ މުސްކުޅިވުމުގެ ހިޔަނި އޮންނާނީ ވަރަށް ބޮޑަށް އެޅިފައެވެ. އުފެއްދުންތެރި ޒުވާން އާބާދީ ތުނިވެ ޚާއްސަ އެހީއަށް ބޭނުންވާ އާބާދީ ބޯވުމަކީ ކޮންމެ ގައުމެއްކަމަށްވިޔަސް އެ ގައުމެއްގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. މިވަގުތު މިކަން އެންމެ ބޮޑަށް ތަޖުރިބާކުރަމުންދާ ގައުމަކީ ޖަޕާނެވެ. ޖަޕާނުގެ އާބާދީއަކީ ގާތްގަނޑަކަށް 125 މިލިޔަން މީހުންނެވެ. އެގައުމުގެ ރަސްމީ ހިސާބުތައް ދައްކާގޮތުން އާބާދީގެ ތިރީސް އިންސައްތަޔަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އިސްރަށްވެހިންނެވެ. އަދަދުން ދަންނަވަންޏާ އެއީ 36.25 މިލިޔަން މުސްކުޅިންނެވެ. މީގެ މާނަޔަކީ ޖަޕާނުގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކީ 65 އަހަރުން މަތީގެ މީހަކަށް ވުމެވެ.

މިއީ ދުނިޔޭގެ ސިނާއީ އެއްވެސް ގައުމަކަށް ނުވަތަ ސަރަހައްދަކަށް ލިބިފައިވާ ރިކޯޑަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. ކުރިން ދެންނެވި އިސްރަށްވެހިންގެ ޖުމްލަ އަދަދުކަމަށްވާ 36.25 މިލިޔަން މީހުންގެ ތެރެއިން 21 މިލިޔަން މީހުންނަކީ އަންހެނުންނެވެ. ފިރިހެނުންގެ އަދަދަކީ 15 މިލިޔަނެވެ. މިއިން ދައްކައިދެނީ ޖަޕާނުގައި އެވްރެޖްކޮށް ފިރިހެނުންނަށްވުރެ ދިގު އުމުރެއް އަންހެނުންނަށް ލިބިފައިވާ ކަމެވެ. އެއީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް މިކަން އޮންނަ ގޮތެވެ. ހުރިހާ ތަނެއްގައިވެސް އެވްރެޖްކޮށް އުމުރު ދިގުކަމަށް ދައްކަނީ އަންހެނުންނެވެ. ކޮންމެއަކަސް ޖަޕާނުގައި މަސައްކަތްކުރާ އުމުރު ނުވަތަ ނޫކަށިފުރައިގެ ޒުވާނުން މަދުވެ މުސްކުޅިން ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން ރިޓަޔަރކުރާ އުމުރު ފަހަނަޅައިދާ ފަހުންވެސް ރިޓަޔަރނުކޮށް ވަޒީފާތަކުގައި ދެމިތިބޭ މީހުންގެ އަދަދު ދަނީ ގިނަވަމުން އިތުރުވަމުންނެވެ. މިއީ ކުންފުނިތަކާއި ސަރުކާރަށް ވަރަށްވެސް ބޮޑު މައްސަލައެކެވެ. ވިސްނައި ފިކުރުކުރާން ޖެހިފައިވާ މައްސަލައެކެވެ.

ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި 2023 ވަނަ އަހަރު އެކިއެކި ވަޒީފާތަކުގައި 65 އަހަރުން މަތީގެ 9.14 މިލިޔަން މީހުން ތިއްބެވެ. މިއީވެސް ރިކޯޑެކެވެ. އޭގެކުރީ އަހަރުތަކަށް ބަލާއިރުއެވެ. ޖަޕާނަކީ މުއްސަނދި ގައުމެކެވެ. އެކަމަކު އެ މުއްސަނދިކަމަކީ ގުދުރަތީ ވަސީލަތްތަކުން ލިބިފައިވާ މުއްސަނދިކަމެއް ނޫނެވެ. މުރާލިކަމާއި ހީވާގިކަމާއި ހުނަރުވެރިކަން ލިބިފައިވާ އާބާދީއެއްގެ މިންނެތް މަސައްކަތުން ލިބިފައިވާ މުއްސަނދި ކަމެކެވެ. ޖަޕާނަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. އަހަރަކު ގާތްގަނޑަކަށް ބާރަ ޓްރިލިއަން ޑޮލަރުގެ އިގްތިސާދެކެވެ. މުޅިދުނިޔޭގެ ޖީޑީޕީގެ ގާތްގަޑަކަށް 8.6 އިންސައްތަ ހިއްސާކުރަނީ ޖަޕާނެވެ. އެހެންވީމާ އާބާދީ މުސްކުޅިވުމަކީ ޖަޕާނަށް ނުހަނުބޮޑު މައްސަލައެކެވެ. މުސްކުޅިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނީގޮތުން ސަރުކާރަށް ލާޒިމުކަމެކެވެ. އެހެންވީމާ މުސްކުޅިންނަށް ކުރާ ހޭދައިގެ ބަޖެޓް ދަނީ ރޮކެޓް ސްޕީޑުގައި މަތިވަމުންނެވެ.

ޖުމްލަ އާބާދީއަށް އަންނަ ބަދަލުތަކަށް ބަލާއިރު ހުސްވި އަހަރު އެކަނިވެސް ޖުމްލަ އާބާދީގެ ތެރެއިން ހަލައްކަ ވަނީ އުނިވެފައެވެ. އާބާދީ އިތުރުނުވެ ދަށްވަމުންދާތާ މިހާރު ތޭރަ އަހަރުވެއްޖެއެވެ. ކޮންމެ އަހަރަކުވެސް އެތައް ލައްކައެއް އާބާދީގެ ޖުމްލަ އަދަދުން އުނިވެއެވެ. ޖަޕާނުގެ ރަސްމީ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި އަދި ފަނަރަ އަހަރު ފަހުން ޖަޕާނުގައި 65 އަހަރުން މަތީގެ އާބާދީ 35 އިންސައްތައަށް އުފުލޭނެއެވެ. ހަމަ އެހިސާބަށްދާއިރު މަދުވެގެން އެގާރަ މިލިޔަން މީހުންގެ ވަޒީފާ ހުސްވާނެއެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު އާބާދީ މުސްކުޅިވުމުގެ ނުތަނަވަސްކަން އަދަދުތަކުން އެންމެ މަތީގައިވާ ގައުމަކީ ޖަޕާނެއް ނޫނެވެ. އެގައުމަކީ މޮނާކޯއެވެ. އެކަމަކު މޮނާކޯއަކީ ވަރަށް ކުޑަކުޑަ ތަނެކެވެ. ޖަޕާނު ކަހަލަ ސިނާއީ ބޮޑު ބާރެއް ނޫނެވެ. އާބާދީއަކީ އެންމެ 36 ހާސް މީހުންނެވެ. އެތަނުގެ ޖުމްލަ އާބާދީގެ ތެރެއިން އުމުރުން 65 އަހަރަށްވުރެ މަތީ މީހުންގެ ނިސްބަތަކީ 36 އިންސައްތައެވެ. ޖަޕާނަށް ލިބެނީ މި ލިސްޓުގެ ދެވަނައެވެ.

ޖަޕާނަށްވުރެ ފަހަތުން މި ލިސްޓުގެ ތިންވަނަޔާއި ހަތަރުވަނަ ލިބެނީ ޔޫރަޕުގެ ބައްރުން ބަލްގޭރިޔާ އާއި ޕޯޗުގަލްއަށެވެ. އެ ދެގައުމުގައިވެސް ޖުމްލަ އާބާދީގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ އާބާދީގެ ނިސްބަތަކީ 24 އިންސައްތައެވެ. އެ ދެ ގައުމަކީ އިގްތިސާދީގޮތުން މާބޮޑެތި ބާރުތަކެއް ނޫނެވެ. ސިނާއީގޮތުން ފާހަގަކުރެވޭ ގައުމުތަކެއްވެސް ނޫނެވެ. އެހެންވީމާ އާބާދީ މުސްކުޅިވުމަކުން ދުނިޔޭގެ އިގްތިސާދަށް އެކަމުން އަރާނެ މާބޮޑު ލޮޅުންތަކެއް ނެތެވެ. ދުނިޔޭގެ އިގްތިސާދީ ބޮޑެތި ބާރުތަކުގެ ތެރެއިން ޖަޕާނު ނަގައިފައި ދެން އާބާދީ މުސްކުޅިވުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމަކީ ޖާރމަނީއެވެ. އެއީ ޔޫރަޕުގެ އިގްތިސާދީ އެންމެ ބޮޑު ބާރެވެ. ޖަރުމަނީގެ ޖުމްލަ އާބާދީގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ އާބާދީގެ ނިސްބަތަކީ 22 އިންސައްތައެވެ. މިއީ މުޅި ޔޫރަޕުގެ އެވްރެޖަށްވުރެ ގާތްގަނޑަކަށް ދެ އިންސައްތަ މަތީގެ މިންވަރެކެވެ. ޔޫރަޕުގެ ގިނަ ތަންތަނުގައި މި ނިސްބަތަކީ 20 އިންސައްތައެވެ.

ދުނިޔޭގެ އިގްތިސާދީ އެންމެ ބޮޑު ބާރުކަމަށްވާ އެމެރިކާގެ ހާލަތަކީ ކޮބައިހެއްޔެވެ. އެމެރިކާގައި މިވަގުތު އުމުރުން 65 އަހަރުން މަތީގެ 58 މިލިޔަން މީހުން އެބަތިއްބެވެ. އެއީ ޖުމްލަ އާބާދީގެ 17 އިންސައްތައެވެ. ސާރވޭތަކުން ދައްކާގޮތުގައި އަދި 25 އަހަރު ފަހުން މި ނިސްބަތް 23 އިންސައްތަޔަށް އަރާނެއެވެ. މިހާރުގެ ނިސްބަތަކީވެސް އެމެރިކާގެ ތާރީޚުގައި އައު ރިކޯޑެކެވެ. އިގްތިސާދީ ގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބާރުކަމަށްވާ ޗައިނާގެ ހާލަތު އެމެރިކާއަށްވުރެ ގޯހެވެ. ޗައިނާގައި މިވަގުތު 65 އަހަރުން މަތީގެ 176 މިލިޔަން މީހުން އެބަތިއްބެވެ. އަންދާޒާކުރެވިފައިވާ ގޮތުން އަދި 15 އަހަރު ފަހުން މިއަދަދު އިތުރުވެ ޖުމްލަ އާބާދީގެ 28 އިންސައްތަޔަކީ އުމުރުން 65 އަހަރުން މަތީގެ މީހުންކަމަށް ވާނެއެވެ. އިންޑިޔާގައި މިވަގުތު އުމުރުން 60 އަހަރުން މަތީގެ 153 މިލިޔަން މީހުން ތިބިކަމަށްވެއެވެ. އަދި 25 އަހަރު ފަހުން މިއަދަދު 347 މިލިޔަނަށް އުފުލޭނެކަމަށް އަންދާޒާ ކުރެވިފައިވެއެވެ.