ހަތް ދުވަހުގެ އެއްބަސްވުމާއި އީރާންގެ ޝަރުތުތައް އެމެރިކާއިން ގަބޫލު ނުކުރާހާ ހިނދަކު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމުގެ އިންޒާރު އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ، އިއްޔެ ދެއްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕާކިސްތާން އަދި ގަތަރު މެދުވެރިކޮށް އީރާނާއި އެމެރިކާއާ ދެމެދު ނުރަސްމީ މަޝްވަރާތައް ދަނީ ކުރިއަށެވެ.
އިރާގުގެ އަލް އިހްބާރިއްޔާ ޓީވީއާ ވާހަކަދައްކަވަމުން އައްބާސް އަރާގްޗީ ވިދާޅުވީ، އިތުބާރު އުފެއްދުމުގެ ފިޔަވަޅުތައް އެމެރިކާއިން ނާޅަނީސް އެ ގައުމާއެކު ސީދާ މަޝްވަރާއެއް ވެސް ނުކުރައްވާނެ ކަމަށާއި، އޭގެ ފުރަތަމަ ކަމަކީ އީރާނުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމައަށް ތަންފީޒުކުރުން ކަމަށެވެ.
ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޝަރުތުތަކުގެ ތެރޭގައި އެމެރިކާގެ ބްލޮކޭޑް ނިމުމަކަށް ގެނައުމާއި، ތެލުގެ ދާއިރާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ސަރަހައްދީ ހަމަލާތައް ހުއްޓާލުން ހިމެނެއެވެ.
ނަމަވެސް، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލަންދެން އިގްތިސާދީ ފިއްތުންތައް ކުރިއަށްގެންދާނެ ކަމަށެވެ.
މި ދަނޑިވަޅުގައި، ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން އޮކްޓޫބަރު 10 އަދި އޮކްޓޫބަރު 11 ގައި ނެރުނު ބަޔާންތަކެއްގައިވާ ގޮތުން، ހޮރްމުޒް ކަނޑުއޮޅިން ބޭރަށް ދަތުރުކުރި ދެ ޓޭންކަރެއްގެ ވާތްފަރާތަށް ވަނީ ހަމަލާތަކެއް އަމާޒުވެފައެވެ. ފުރަތަމަ ޓޭންކަރުގައި އަލިފާން ރޯވިއިރު، ދެވަނަ އުޅަނދަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މި ދެ ހާދިސާގައިވެސް ފަޅުވެރިން ރައްކާތެރިކަމާއެކު ތިބިކަން ކަށަވަރުވެފައިވީ ނަމަވެސް، ހަމަލާދިނީ ކޮން އެއްޗަކުން ކަމާއި ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ކަށަވަރު ނުވާ ކަމަށާއި، ކަމާބެހޭ ފަރާތްތަކުން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށް ޔޫކޭއެމްޓީއޯއިން ބުންޏެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް