ނައިޖީރިއާގެ ފެޑެރަލް މިނިސްޓްރީ އޮފް ހެލްތު އެންޑް ސޯޝަލް ވެލްފެއާއިން އެ ގައުމުގެ ވެރިރަށް އަބޫޖާއިން، ބޭރުން އައި މީހެއްގެ ގައިން އެބޯލާ ބުންޑިބުގްޔޯ ވައިރަސް ބަލީގެ ކޭހެއް ކަށަވަރުކޮށްފިއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ދާދި ފަހުން ޔުގެންޑާއަށް ދަތުރުކޮށްފައިވާ އަންހެނެކެވެ. މިއީ މިހާރު ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމުގެ ތެރެއިން ނައިޖީރިއާއިން ރިޕޯޓުކުރި ފުރަތަމަ ކޭސް ކަމަށާއި، މިއާއެކު އެ ގައުމު ވެފައިވަނީ މި ވައިރަސް ފެނުނު ފަސްވަނަ ގައުމަށް ކަމަށް އެ އިދާރާއިން ބުންޏެވެ.

ފެޑެރަލް މިނިސްޓްރީ އޮފް ހެލްތު އެންޑް ސޯޝަލް ވެލްފެއާއިން ބުނި ގޮތުގައި، އެ އަންހެން މީހާގެ ފުށުން ބަލީގެ އަލާމާތްތައް ފެންނަން ފެށީ އޮކްޓޫބަރު 7 ގައެވެ. އަދި އަބޫޖާގެ އަމިއްލަ ސިއްހީ މަރުކަޒަކުން ފަރުވާ ހޯދުމަށްފަހު، ލެބޯޓަރީ ޓެސްޓުތަކުން ބުންޑިބުގްޔޯ ވައިރަސް ހުރިކަން ކަށަވަރުވުމުން މިހާރު އޭނާ ވަނީ އެކަހެރިކޮށް ފަރުވާ ދޭން ފަށާފައި ކަމަށް ހަބަރުތަައް ބުނެއެވެ.

ޔުގެންޑާގެ ހެލްތު މިނިސްޓްރީން ބުނީ އެ މީހާއަކީ ޓްރާންސިޓްވި މީހެއް ކަމަށެވެ. ނަމަވެސް އެ މީހާ ނައިޖީރިއާއަށް އެތެރެވި ސީދާ ތާރީހާއި، އިރުމަތީ އެފްރިކާއިން އޭނާއަށް ބަލި ޖެހުނު ސީދާ މަސްދަރާއި ތަން އަދި ކަށަވަރުވެފައި ނުވާ ކަމަށެވެ. ނައިޖީރިއާގެ ހެލްތު މިނިސްޓްރީން ބުނީ އޭނާއަށް ބަލި ޖެހުނު ގޮތާއި ދަތުރުފަތުރުގެ ފުރިހަމަ ތަފްސީލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނައިޖީރިއާގެ ހެލްތު މިނިސްޓަރު މުހައްމަދު ޕާޓޭ ވިދާޅުވީ، ބަލިމީހާއާ ބައްދަލުވި 44 މީހަކު ދެނެގަނެ، އެ މީހުންގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ. އަދި ބައްޔަށް ހުށަހެޅިފައިވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، މިކަމާ ގުޅިގެން އަޅާން ޖެހޭ ފިޔަވަޅުތައް ވިލަރެސްކުރުމަށްޓަކައި ނައިޖީރިއާ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެންސީޑީސީ) އިން ވަނީ އެ އިދާރާގެ އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް ހަރަކާތްތެރިކޮށްފައެވެ.