ޔޫއެފާ ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގްރޫޕް ތިނެއްގައި ރޭ ނެދަލޭންޑްސްއާއި ޖަރުމަނު އެއްވަރުވި އިރު، ގްރޫޕް ދޭއްގައި އިންގްލެންޑުން ފިންލެންޑް ބަލިކޮށްފިއެވެ.

ނެދަލޭންޑްސްއާއި ޖަރުމަނުންވެސް ނޭޝަންސް ލީގު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން މޮޅުވެފައި އޮވެ ރޭގެ މެޗަށް ނުކުތް އިރު، ނެދަލޭންޑްސްގައި ކުޅުނު މެޗުގައި ދެޓީމު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ނެދަލޭންޑްސް ތިޖާނީ ރެއިންޑާސް ގޯލު ޖަހައި އެޓީމަށް ލީޑު ނަގައިދިނެވެ. ދެވަނަ މިނެޓުގައި ޖެހި އެ ގޯލަށް އެސިސްޓްކޮށްދިނީ ރަޔަން ގްރަވެންބާޗެވެ. ހާފު ނިމުމުގެ ކުރިން ޖަރުމަނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު ޖެހީ 38 ވަނަ މިނެޓުގައި، ޑެނިޒް އުންޑޭވްއެވެ. އެ ގޯލާއެކު ޖަރުމަނުން ކުޅުން ރަނގަޅުކޮށްލައި، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް މެޗުގެ ލީޑުވެސް ނެގިއެވެ. އެ ގޯލު ޖެހީ ޖޯޝުއާ ކިމިޗެވެ.

މެޗުގެ ފޯރިގަދަ ފުރަތަމަ ހާފު، ޖަރުމަނު ކުރީގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން ފަސް މިނެޓް ތެރޭގައި އަނެއްކާވެސް ނެދަލޭންޑްސްއިން އެއްވަރުކުރިއެވެ. އެގޯލު ޖެހީ ޑެންޒެލް ޑަމްފްރީސްއެވެެ. އިތުރު ހަމަލާތައް މެޗުގައި ފެނުނު ނަމަވެސް، އިތުރު ގޯލެއް ދެން ފެނިގެން ނުދިޔައެވެ.

ރޭ އިންގްލެންޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފިންލެންޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއީ އިންގްލެންޑްވެސް މިފަހަރުގެ ނޭޝަންސް ލީގު ގްރޫޕް ސްޓޭޖުގައި ހޯދި ދެވަނަ މޮޅެވެ. އެޓީމުގެ ކޯޗުކަމާ ވަގުތީ ގޮތުން، ލީ ކާސަން ހަވާލުވެ، މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ ފުރިހަމަ މޮޅުތައް ހޯދައިފައެވެ.

ރޭ އިންގްލެންޑުން ކުޅުނު މެޗު އެންމެ ބޮޑަށް ހާއްސަވީ އެޓީމުގެ ކެޕްޓަން ހެރީ ކޭންއަށެވެ. އޭނާ ގައުމީ ޖާޒީގައި 100 ވަނަ މެޗު ރޭ ކުޅުނު އިރު، މެޗުގެ ކުރިން އެކަމުގެ އަގުވެސް ވަޒަން ކޮށްފައިވެއެވެ. ފުރަތަމަ ހާފުގައި އިންގްލެންޑަށް ގޯލެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން 57 ވަނަ މިނެޓު އަދި 76 ވަނަ މިނެޓުގައި ގޯލުތައް ޖަހައި، ކޭން ވަނީ އިންގްލެންޑް މޮޅުވެސް ކޮށްދީފައެވެ.