ރޭ ކުޅުނު މާކެންޓައިލް އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފޯރިގަދަ ފައިނަލުގައި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބަލިކޮށްފިއެވެ.
އެޗްޑީސީގެ ކޯޓުގައި ރޭ ކުޅުނު ފައިނަލުގައި އެޗްޑީސީން އޮފީސް-ކޮމްޕެނީ މުބާރާތުން ތަށި ދިފާއުކުރީ 3-2 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓު، 25-16 އިން އެޗްޑީސީން ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ސެޓު، ސިފައިން ވަނީ 25-18 އިން ގެންގޮސްފައެވެ. އޭގެފަހުން ކުޅެވުނު ދެ ސެޓުވެސް ދިޔައީ ގާތްގާތުގައެވެ. އެޗްޑީސީން ތިންވަނަ ސެޓު 27-25 އިން ގެންގޮސްފައިވާ އިރު، ހަތަރު ވަނަ ސެޓުގައި ސިފައިން ވަނީ ހިތްވަރާއެކު ކުޅެ، 29-27 އިން ސެޓު ކާމިޔާބު ކޮށްފައެވެ.
މެޗު ފަސްވަނަ ސެޓަކަށް ގޮސްގެން ނަތީޖާ ކަނޑައަޅަން ޖެހިފައިވާ އިރު، ފަސްވަނަ ސެޓުގެ ކުރީކޮޅުގައިވެސް ފެނުނީ ދާދި ހަމަހަމަ ކޮށެވެ. އެހެން ނަމަވެސް ސެޓުގެ ފަހުކޮޅަށް ގޮސް، އެޗްޑީސީން ވަނީ އެޓޭކްތައް ވަރުގަދަކޮށް، 15-10 އިން ސެޓު ގެންގޮސް ތަށި ދިފާއުކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ދީފައިވާ އިރު، މުބާރާތުގެ އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ ޓްރޮފީ ދީފައެވެ. އެންމެ މޮޅު ކޯޗަކަށް އެޗްޑީސީގެ ހުސައިން ޝަރީފް ހޮވުނު އިރު، މުޅި މުބާރާޓުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްޑީސީގެ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓެ) އެވެ. އޭގެ އިތުރުން ޑްރީމް ޓީމުވެސް ވަނީ ހޮވައިފައެވެ.
- އިސްމާއީލް ސާޖިދު/ އެޗްޑީސީ - ބެސްޓް އައުޓްސައިޑް އެޓޭކާ
- އަލީ ހުޒާމް/ ވެމްކޯ - ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކާ
- އަލީ ނިމާލް/ އެޗްޑީސީ - ސެޓަރު
- ހުސައިން ޔޫސުފް/ އެމްއެންޑީއެފް - ބެސްޓް މިޑްލް ބްލޮކާ
- މުހައްމަދު އަހުސަން/ އެޗްޑީސީ - ސެކަންޑް ބެސްޓް މިޑްލް ބްލޮކާ
- ހުސައިން ރަޒާން/ އެމްއެންޑީއެފް - އޮޕޮސިޓް ޕްލޭޔާ
- މުހައްމަދު ނައީމް/ ޕޮލްކޯ - ލިބަރޯ
މިއަހަރުގެ އޮފީސް/ ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމުލަ ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ޓީމުތައް ފެންނަނީ ވަރުގަދަ ކޮށެވެ. ލީގު ބުރެއް ނިންމައި، އެއްވަނައިގައި އޮންނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށް މުބާރާތް ރޭވިގެން ކުރިއަށް ގެންގޮސްފައިވާ އިރު، ދެން ފައިނަލަށް ދިޔައީ ދެވަނަ އާއި ތިންވަނަ ޓީމު ކުރިމަތިލި ސެމީ ފައިނަލް މެޗަން މޮޅުވި ޓީމެވެ. އެމެޗުގައި ސިފައިން ވަނީ ވެމްކޯ ބަލިކޮށްފައެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް އާއި އެޗްޑީސީގެ އިތުރުން ސްޓެލްކޯ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެވެ.
އެޗްޑީސީން މުބާރާތް ކާމިޔާބުކުރީ ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް