ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމުގައާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގާ ކޮމިޓީގައި ކުރިން ހުރި ސޮފްވާން އަހުމަދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަތަކެއްގެ ތުހުމަތުގައި އޭނާ އުމުރަށް ސަސްޕެންޑް ކޮށްފައި ހުއްޓައި، ދާދިފަހުން މީޑިއާއާ ހިއްސާ ކުރީ ދޮގު މައުލޫމާތުތަކެއް ކަމަށް ވީއޭއެމްއިން ބުނެފިއެވެ.

ދެހާސް ސައުވީސް ވަނަ އަހަރު ބޭއްވި ކާވާ މުބާރާތުގައި އަންހެން ޓީމަށް އިރުޝާދު ދިން ސޮފްވާންގެ މައްސަލައެއް މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ވީއޭއެމްއިން ވަނީ ބަލަން ފަށައިފައެވެ. އެ މައްސަލަ ވީއޭއެމްއިން ބެލީ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. މައްސަލަ ބެލުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގައި، ވީއޭއެމް އެތެރޭގެ މައްސަލައެއްގެ ގޮތުގައި ބަލާފައިވާ އިރު، އެ ކޮމިޓީގެ ރިޕޯޓަށް ބިނާކޮށް ވީއޭއެމްއިން ވަނީ މާޗު މަހު ކުރިންވެސް ސޮފްވާނަށް ފިޔަވަޅު އަޅައިފައެވެ. އެގޮތުން ހެޑް ކޯޗުކަމުގެ މަގާމުން ސޮފްވާން ވަކި ކުރުމަށާއި އެފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އޭނާ އައްޔަން ނުކުރެވޭނެ ގޮތަށް ސަސްޕެންޑް ކޮށްފައިވެއެވެ.

އެ މައްސަލަ ފަހުން އެޑްހޮކް ކޮމިޝަނަކުން ބަލައި ރިޕޯޓް އެކުލަވާފައިވާ އިރު، ވީއޭއެމްގެ ހާއްސަ އާއްމު ޖަލްސާގައި އެ ރިޕޯޓް ބަލައިގަނެ، އެކަމާ ގުޅޭގޮތުން ފިޔަވަޅު އަޅަން ނިންމީ މާޗު މަހުއެވެ.

ވީއޭއެމްއިން އެފަހަރު އެޅި ފިޔަވަޅުގައި އެ އިދާރާގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް ކުލަބެއްގެ ހިންގާ ކޮމިޓީގައި ސޮފްވާން ހިމެނިފައިވާނަމަ، އެ ކުލަބެއްގެ ހިންގާ ކޮމިޓީން ސޮފްވާން ވަކި ކުރުމަށް ވަނީ 60 ދުވަހުގެ މުހުލަތެއް ދީފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެފަދަ ކުލަބެއްގެ ހިންގާ ކޮމިޓީން ސޮފްވާން ވަކިކޮށް، އޭނާ އެ ކުލަބުގެ ހިންގާ ކޮމިޓީން ވަކިކުރިކަން ބަޔާންކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް ދޫކޮށްފައިވާ ލިޔުން ވީއޭއެމްއަށް ހުށަހެޅުމަށް ވަނީ އަންގައިފައެވެ.

އެ ލިޔުން ބަޔާންކޮށްފައިވާ މުއްދަތުގައި ވީއޭއެމްއަށް ހުށަނާޅައިފި ނަމަ، އެ ކުލަބެއް ވީއޭއެމްގެ ދަފްތަރުން އުނިކުރާ ގޮތަށް ނިންމާފައިވާ އިރު، މިފަދަ ގޮތަކަށް އުނިކުރެވޭ ކުލަބަކަށް ވީއޭއެމްގެ މެމްބަރުކަން ލިބޭނީ މީލާދީ ދެ އަހަރު ފަހުން ކަމަށްވެސް ވަނީ ނިންމައިފައެވެ.

އެ މައްސަލަ ފުލުހުން ބެލުމަށްފަހު އެކަމުގައި ދައުވާ ކުރަން ބޭނުންވާ ހެކި ލިބިފައިނުވާތީ، އެ މައްސަލަ ފުލުހުން ވަނީ ފައިލް ކޮށްފައެވެ. އެކަން އަންގައި މައްސަލަ ނިމުނު ގޮތުގެ ލިޔުން 18 ވަނަ ދުވަހު ސޮފްވާނަށް ހިއްސާކޮށްފައިވެއެވެ.

އެ ލިޔުމާއެކު ސޮފްވާން މީޑިއާއަށް ހިއްސާ ކުރި ބަޔާނުގައި ވަނީ ވީއޭއެމްއިން މައްސަލަ ބަލަން ހެދި ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ބަލަން ވީއޭއެމްގެ އަސާސީ ގަވާއިދުގެ 43 ވަނަ މާއްދާއިން ލީގަލް ކޮމިޝަނެއް އުފައްދާ މަސްއޫލިއްޔަތާ ޒިންމާ ދީފައި އޮއްވައި މި މައްސަލަ ބަލާފައިވަނީ ފަސޭހައިން "ފްރޭމް" ކުރެވޭނެ ގޮތަކަށް ކަމަށެވެ.

އޭގެ އިތުރުންވެސް ސޮފްވާން ވަނީ ބައެއް އިތުރު ތަފުސީލުތައް ވެސް މީޑިއާއާ ހިއްސާ ކޮށްފައެވެ.

https://web.facebook.com/photo.php?fbid=1577457507751846&set=pb.100064628354455.-2207520000&type=3

އެ ވާހަކަތަކަށް މިއަދު ވީއޭއެމްއިން ރައްދު ދީފައިވާ އިރު، ވީއޭއެމްއިން ބުނީ ސޮފްވާން ފަތުރަނީ ސައްހަނޫން މައުލޫމާތު ކަމަށެވެ.

"ސަފްވާން އަހުމަދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަ އިދާރީގޮތުން ބަލާފައިވާ ގޮތަށާއި އޭނާގެ މައްޗަށް އަޅާފައިވާ އިދާރީ ފިޔަވަޅާއި ބެހޭގޮތުން ސައްހަ ނޫން މައުލޫމާތު، މީޑިއާގެ ތަފާތު ވަސީލަތްތަކާ ހިއްސާކުރަމުންގެންދާކަން މި އެސޯސިއޭޝަނަށް ފާހަގަ ކުރެވިފައިވެއެވެ. މި ދެންނެވި ސައްހަ ނޫން މައުލޫމާތުގެ ތެރޭގައި، މި އެސޯސިއޭޝަނުގެ ފަރާތުން ސަފްވާން އަހުމަދު "ފްރޭމް" ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި މި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން އޭނާއާ ޒާތީގޮތުން ޖައްސާލައި، އަނިޔާ ދޭން މަސައްކަތް ކުރާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ އިދާރީ ގޮތުން ބެލިއިރު، ސައްހަ ނޫން ބަޔާނެއްގައި ސޮއިކުރުވަން މަސައްކަތް ކުރި ކަމަށް، ސަފްވާން އަހުމަދު މީޑިއާގެ ފަރާތްތަކަށް މައުލޫމާތު ދެމުންގެންދާކަން ފާހަގަ ކުރަމެވެ." ވީއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.

ވީއޭއެމްއިން ބުނީ އެ އިދާރާއިން ހެދި އެޑްހޮކް ކޮމިޓީއަށް ޖިންސީ ގޯނާގެ މައްސަލައިގެ މައުލޫމާތު ހުރި ފަރާތްތަކުގެ ބަޔާންތައް ނަގާފައިވާނެ ކަމަށެވެ. އަދި ފަރާތުން ދޭ ބަޔާން ރެކޯޑު ކުރެވޭނެކަން އަންގައި، އެ ފަރާތުގެ އަޑު ރެކޯޑު ކޮށްފައިވާނެ ކަމަށާއި އަނިޔާ ލިބުނު ފަރާތުން އެވާހަކަ ހިއްސާކޮށްފައިވާ ދެ ފަރާތެއްގެ ބަޔާން ވެސް އޭގައި ހިމެނޭ ކަމަށެވެ. ވީއޭއެމްއިން ވަނީ އެ ދެ ފަރާތުގެ ބަޔާނުގައި ހިމެނޭ ވާހަކަތަކެއް ވެސް ބަޔާނުގައި އާންމުކޮށްފައެވެ.

އެގޮތުން އޭގެ ތެރެއިން އެއް ފަރާތަކުން ދީފައިވާ މައުލޫމާތުގެ ގޮތުގައި ވީއޭއެމްއިން ބަޔާނުގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، ބަޔާނުގައި ބުނެފައި ވަނީ އޭނާ 2021 ވަނަ އަހަރު، ޔޫތު ނިއު ޖެނެރޭޝަންގެ ކުޅުންތެރިންނާ އެކު ވޮލީ ކުޅެން ދިޔައިރު ކޯޗަކަށް ހުރީ ކޯޗު ސޮފްވާން ކަމަށާއި 2025 ވަނަ އަހަރު، ގައުމީ ޓީމަށް ކުޅެން ބޭނުންތޯ އަހައި، ވައިބާއިން ކޯޗު މެސެޖު ކުރި ކަމަށެވެ.

އަދި ގައުމީ ޓީމަށް ކުޅެން ބޭނުން ކަމަށް ބުނުމުން، ގައުމީ ޓީމުގެ ޕްރެކްޓިކްސްތަކަށް ދާން އެންގި ކަމަށާއި އަރުތަ ޖިމަށް ދިއުމަށްވެސް އެންގި ކަމަށް ބުނެފައިވެއެވެ. އަދި އަރުތަ ޖިމަށް ދާއިރު ދަނީ ބަޔާން ދިން މީހާ އާއި ކޯޗު ސޮފްވާން އެކަނި ކަމަށާއި އަރުތަ ޖިމަށް ގޮސްއުޅޭ އިރު، ކޯޗު އޭނާއާ ވަރަށް ޕާސަނަލް ވާހަކަ ދައްކާ ކަމަށް ބަޔާނުގައި ބުނި ކަމަށް ވީއޭއެމްއިން ބުނެފައިވެއެވެ.

އޭގެ އިތުރުން ދަންވަރު 12 ގެ ފަހުން ވެސް މެސެޖު ކުރާ ކަމަށް ބަޔާން ދިން މީހާ ބުނެފައިވާ ކަމަށް ވީއޭއެމްއިން ނެރުނު ބަޔާނުގައިވެއެވެ. އަދި ބަޔާން ދިން މީހާ އަތޮޅު ތެރޭގެ ރަށެއްގައި ރެފްރީކަން ކުރަން އަރަން ވެގެން އޭނާގެ ފޯނު ސްކޯ މޭޒުމަތީގައި ބާއްވާފައި އޮއްވައި، އެ ފޯނު ނަގައިގެން ކޯޗު ސޮފްވާން އުޅުނުތަން ފެނިފައި ވާ ކަމަށާއި ކޯޗު ސޮފްވާން އެރަށަށް ދިޔައީ ކީއްކުރަންކަން ނޭނގޭ ކަމަށްވެސް އޭނާ ދިން ބަޔާނާ ހަވާލާ ދީ ވީއޭއެމްއިން ބުންޏެވެ.

އޭގެ އިތުރުން އިތުރު ފަރާތެއްގެ ބަޔާނަކާ ހަވާލާ ދީ ވީއޭއެމްއިން ބުނީ، ބަޔާން ދިން ދެވަނަ ފަރާތުގެ ރައްޓެއްސަކާ އެކު ގެސްޓް ހައުސްއެއްގައި ތިއްބައި، ކޯޗު ސޮފްވާން އެ ކޮޓަރިއަށް ވަން ކަމަށާއި ކޯޗު އެކޮޓަރިއަށް ވަނީ ފޯނުން ވީޑިއޯ ކުރަމުން ކަމަށެވެ. ކޮޓަރިއަށް ވަދެ، ކޯޗު ސޮފްވާން އޭނާގެ ފޯނު އަތުލި ކަމަށާއި އަދި "ޔޫ ޑޯންޓް ހޭވް އަ ޗޮއިސް" އޭ ބުނެ، ކޯޗާ އެކު އައުމަށް އަންގައި، އެ ގެސްޓް ހައުސްއިން ނެރެގެން އެހެން ގެސްޓް ހައުސްއަކަށް ގެންދިޔަ ކަމަށެވެ.

އަދި އެ ވީޑިއޯ އާއިލާގެ މީހުންނަށް ދައްކާނެ ކަމަށާއި ސޮފްވާން ކޯޗުގެ ފޯނުގައި އޭނާގެ ޗެޓްލޮގެއް އެބައޮތް ކަމަށާއި އެ ޗެޓްލޮގް އާއިލާއަށް ދައްކާނެކަމުގެ ބިރު ދައްކައިގެން، ކޯޗު ސޮފްވާން ބަޔާން ދިން ދެވަނަ މީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވާ ކަމަށް ވީއޭއެމްގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ކޯޗު ސޮފްވާން ބަޔާން ދިން ދެވަނަ މީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގާ ވާހަކަ ވީއޭއެމްއަށް ހުށަހެޅިއަސް ނުބެލޭނެ ކަމަށް ބުނެ، އޭނާއަށް ބިރު ދައްކައިގެން، ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް، ސޮފްވާން އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގާ ކަމަށް އެ މީހާ ބުނެފައިވާ ކަމަށެވެ.

ވީއޭއެމްއިން އިތުރަށް ބުނެފައި ވަނީ ސޮފްވާންގެ ފަރާތުން އަނިޔާ ލިބުނު ފަރާތް އެއްހާޒިރެއްގައި ވެސް ބަޔާނެއް ނަގާފައިވާނެ ކަމަށެވެ. އެގޮތުން ކޯޗު ސޮފްވާންގެ ހާޒިރުގައި އަނިޔާ ލިބިފައިވާ ފަރާތުން، އޭނާގެ ޗެޓްލޮގެއް އޭނާގެ މަންމައަށް ދައްކާނެކަމުގެ ބިރު ދައްކައިގެން، ސޮފްވާން ތަކުރާރުކޮށް އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ބުނެފައިވާ ކަމަށް ވީއޭއެމްއިން ބުނެއެވެ. އަދި އެޑްހޮކް ކޮމިޝަނަށް ބަޔާންދީފައިވާ ފަރާތްތަކުން ވެސް، ކޯޗު ސޮފްވާންގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތަށް ބިރު ދައްކައިގެން ގަދަކަމުން ޖިންސީ ގުޅުން ހިންގާ ކަމަށް ބުނެފައިވެއެވެ.

ވީއޭއެމްއިން ބުނީ ސޮފްވާން ކޯޗަށް އެޅި ފިޔަވަޅުތަކުގައި އެސޯސިއޭޝަނުގެ އެޕީލްސް ކޮމިޝަނުގައި އޭނާ އިސްތިއުނާފު ކުރި ކަމަށާއި އެ ކޮމިޓީން ނިންމީ އެޑްހޮކް ކޮމިޝަނުގެ ނިންމުން ބާތިލު ކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަމަށެވެ. އެހެން ނަމަވެސް، އެކްސްކޯއިން ކަނޑައަޅާ ކައުންސިލިން ނުވަތަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފި ނަމަ، މައްސަލައިގައި ކަނޑައެޅުނު އަދަބަށް ލުއިއެއް ދެވިދާނެ ކަމަށް މައްސަލަ ބެލި މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމަށް ވީއޭއެމްއިން ބުނެފައިިވެއެވެ.

ވީއޭއެމްއިން ބުނީ ކޯޗު ސޮފްވާނަކީ ތަރުކާރުކޮށް އެފަދަ ކަންކަން ކުރާ މީހެއްކަން ވޮލީ އާއިލާއަށް އެނގޭ ކަމަށާއި އެޑްހޮކް ކޮމިޝަނުގެ ފަރާތުން ނަގާފައިވާ ބަޔާންތައް ނަގާފައިވަނީ އަޑު ރެކޯޑު ކޮށްގެން ކަމަށްވީ އިރު، ބަޔާންތައް ބަދަލުކޮށް، ނުދައްކާ ވާހަކަ ހިމަނައިގެން އެއްވެސް ފަރާތެއްގެ ބަޔާނުގައި ސޮއިކުރުވާފައި ނުވާނެ ކަމަށެވެ.

އަދި އެފަދަ ކަމެއް ކުރުމަށް މަސައްކަތް ކޮށްފައިވެސް ނުވާނެ ކަމަށް ވީއޭއެމްއިން ބުނެފައިވާ އިރު، އެޑްހޮކް ކޮމިޝަނަށް ބަޔާން ދިން ހުރިހާ ފަރާތްތަކުން ވެސް ބަޔާންތަކުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވަނީ، އެޑްހޮކް ކޮމިޝަނުގެ ފަސް މެމްބަރުންގެ ކުރިމަތީގައި އެ ފަރާތްތަކުގެ އަމިއްލަ އިހުތިޔާރުގައި ކަމަށް ވީއޭއެމްއިން ބުންޏެވެ.

އެހެންކަމުން، ބަޔާންތަކަށް ބަދަލު ގެނައުމަށް އެޑްހޮކް ކޮމިޝަނުގެ ބައެއް މެމްބަރުން މަސައްކަތް ކުރި ކަމަށް، ކޯޗު ސޮފްވާން ފާހަގަކޮށްފައިވާ ވާހަކައަކީ އެއްވެސް އަސްލެއް ނެތް، އޭނާގެ ސިކުޑީގައި އުފައްދާފައިވާ ވަސްވާހެއް ކަމަށް ވީއޭއެމްއިން ދެކޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ވީއޭއެމްއިން ބުނީ އެ މައްސަލައިގައި އެ އިދާރާއިން ފުލުހަށް ނުދާ ކަމަށާއި އެ މައްސަލަ ފުލުހުން އަމިއްލައަށް ބެލި ކަމަށެވެ. އަދި އެ މައްސަލަ ބަލަން ފުލުހުން ބޭނުންވާ ލިޔުންތައް ފޮނުވައިދޭން އެދުމުން އެކަން ކޮށްފައިވާ ކަމަށްވެސް އެސޯސިއޭޝަނުން ބުންޏެވެ. އަދި ސޮފްވާން ކޯޗު "ފްރޭމް" ކުރި ކަމަށް ބުނެފައިވާތީ، ވީއޭއެމްއިން އެކަން ކުރި ކަމަށް މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަށް ވީއޭއެމްއިން މަރުހަބާ ކިޔާނެ ކަމަށް ބަޔާނުގައި ބުންޏެވެ.