ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026 ގެ ބީޗްވޮލީ އަންހެން އިވެންޓްގެ ޕްރިލިމިނަރީ ފޭސްގައި ރާއްޖޭގެ ފާތިމަތު އަނާލްއާއި އައިމިނަތު އަރީޝާ ކުޅުނު ފަހު މެޗުގައި މޮންގޯލިއާގެ ޕެއާ ބަލިކޮށްފިއެވެ.
ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްގެ ހަތް ކުޅިވަރެއްގައި ވާދަކުރަމުންދާ އިރު، އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ.
ބީޗްވޮލީގައި މިފަހަރު ރާއްޖެއަށް ވަރުގަދަ މެޗުތަކެއް ކުޅެން ޖެހިފައިވާ އިރު، އަންހެން ޕެއާއިން ވާދަކުރީ ޕޫލް ޖީގައެވެ. އެ ޕޫލްގައި ކުޅުނު ފުރަތަމަ މެޗުގައި އަރީޝާއާއި އަނާލްގެ ޕެއާއިން ފިލިޕީންސްގެ ޕްރޮގެއްލާ ހާލާއި ސޯފިއާ ޝެނީން ޕަގާރާގެ ޕެއާ ކައިރިން ސީދާ ދެ ސެޓުން ބަލިވި އިރު، އޭގެފަހުން ހޮންކޮންގެ ވިން މޭން ޓޫއާއި ވިންގް ޓުން އަތުން ބަލިވީވެސް 2-0 ސެޓުންނެވެ.
އަރީޝާއާއި އަނާލްގެ ޕެއާއިން މިއަދު ކުޅުނު ފަހު މެޗުގައި މޮންގޯލިއާގެ ސޮއިމޮން ބަޓްޖާގަލްއާއި ހަންޑްސުރެން ގަންޓޮގްޓޮހް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ސެޓުތައް އަރީޝާއާއި އަނާލްގެ ޕެއާއިން ގެންދިޔައީ 21-14 އަދި 21-15 އިންނެވެ.
މިފަހަރު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ބީޗްވޮލީ ޕެއާއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އާދަމް ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކާއްޓޭ) ފުރަތަމަ މެޗުގައި އިރާނުގެ އަބުލްހަސަން ކާކީޒާދޭއާއި އާމިރް އަލިން ގަލެނޯވީ އަތުން 2-0 ސެޓުން ބަލިވި އިރު، ޖަޕާނުގެ ކޯޓާ ކުރޮސާވާއާއި ޓައިޓޯ މިޒުމަންޗީ އަތުންވެސް ބަލިވީ ސީދާ ދެސެޓުންނެވެ.
އެންމެ ފަހު މެޗުގައި ކާއްޓޭ އަދި އެޑަމްގެ ޕެއާ ބަންގްލަދޭޝްގެ އަލީ އަލް މުނައްވަރު ރާކޭޝްއާއި ރަތުލް އަހުމަދާ ދެކޮޅަށް ނުކުތީ އުންމީދުގައެވެ. އެހެން ނަމަވެސް އެމެޗުންވެސް ވީ ބައްޔެވެ. އެއީ 2-1 ސެޓުންނެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް