ކްލަބު ވެމްކޯއިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރުމުގެ ފަހަތުގައި ވަނީ ބަދަހި ގުޅުން ކަމަށް ކޯޗު، އަހުމަދު އަދީލް (ބޭބެ) ބުނެފިއެވެ.
މިއީ ވެމްކޯއިން ޖެހިޖެހިގެން މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. ވެމްކޯއިން 2021، 2022، 2023، 2024، 2025 އަދި 2026 ވަނަ އަހަރުވެސް ވީއޭއެމް ކަޕް ކާމިޔާބު ކޮށްފައިވާ އިރު، ހޯމަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ވެމްކޯއިން އެމްޓީސީސީ ބަލިކުރީ 3-1 ސެޓުންނެވެ. މިއީ އަދީލްގެ ކޯޗުކަމުގައިވެސް ވެމްކޯއިން އެސޯސިއޭޝަން ކަޕް ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.
"ވަރަށް ގުޅިގެން ކުރި މަސައްކަތެއްގެ ނަތީޖާ މިއީ. ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންގެ އިތުރުން މެނޭޖުމަންޓް އަދި ހުރިހާ މުއައްޒަފުންވެސް މިކަމުގައި ކުރި މަސައްކަތުގެ ނަތީޖާ މިއީ. ދެވަނަ ފަހަރަށް ތަށި މިލުކު ކުރުން މިއީ ފަސޭހަކަމެއް ނޫން. އަލްހަމްދުﷲ އެކަން ކުރެވުނީމަ،" މެޗަށްފަހު ކޯޗު އަދީލް ބުންޏެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަދި ކުރިން ގައުމީ އަންހެން ޓީމަަށްވެސް ކޯޗުކަން ކޮށްދިން އަދީލް ބުނީ މިފަހަރުގެ ފައިނަލް ވެގެންދިޔައީ ފަސޭހަ ފައިނަލަކަށް ނޫން ނަމަވެސް ކުޅުންތެރިން ކުރި ހިތްވަރުން ގިނަ ކަންތައްތަކެއް ރަނގަޅުވެގެން ދިޔަ ކަމަށެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރީ ދެން އޮތްތަނުގައިވެސް ވެމްކޯ ފެންނާނީ ވަރުގަދަކޮށް ކަމަށެވެ.
"ސީޒަނުގައި ދެން އަންނަ މުބާރާތަށްވެސް، ދެން އޮންނަ ސީޒަނަށްވެސް އަޅުގަނޑުމެން ނުކުންނާނީ ވަރުގަދަކޮށް. މީގައި ކާމިޔާބީގައި ވަރަށް ބޮޑަށް އެބަ ހިއްސާވޭ ބޭރުން އެ ލިބޭ ކުޅުންތެރިން. އެ ދެކުޅުންތެރިންގެ ތަފާތު ފެނުނު. އުންމީދަކީ ދެން އޮތް މުބާރާތަށްވެސް ހަމަ ރަނގަޅު ބިދޭސީ ކުޅުންތެރިން ލިބި، ދުރާލާ ތައްޔާރުވުން. އެއީ ޕްލޭނަކީ،" މިފަހަރު މުބާރާތުގެ އެންމެ މޮޅު ކޯޗު، އަދީލް ބުންޏެވެ.
އަދީލްގެ ޓީމު ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމުގައި ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާ (މާޖީ) ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީ ހޯދި އިރު، އޭނާގެ އެސިސްޓަންޓް ކޯޗަކަށް މިފަހަރު މަސައްކަތްކުރީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.
ވީއޭއެމް ކަޕް
ވީއޭއެމް ކަޕް
ވީއޭއެމް ކަޕް
ވީއޭއެމް ކަޕް
ކޮމެންޓް