މިރޭ ކުޅުނު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބު އެމްޓީސީސީ ބަލިކޮށް، ކްލަބު ވެމްކޯއިން ޖެހިޖެހިގެން ހަވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފިއެވެ.

ވެމްކޯއިން 2021، 2022، 2023، 2024، 2025 އަދި 2026 ވަނަ އަހަރުވެސް ވީއޭއެމް ކަޕް ކާމިޔާބު ކޮށްފައިވާ އިރު، މިރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ވެމްކޯއިން އެމްޓީސީސީ ބަލިކުރީ 3-1 ސެޓުންނެވެ. މިފަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ވެމްކޯއާއި އެމްޓީސީސީ ވާދަކޮށްފައިވާ އިރު، އެމެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުން ކުޅުނު ވެމްކޯއިން މިރޭ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 20-25 އިންނެވެ. އެހެން ނަމަވެސް ނިޒާރު އިބްރާހިމް (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅުނު އެމްޓީސީސީން ވަނީ ދެވަނަ ސެޓު، 25-20 އިން ގެންގޮސްފައެވެ. އެ ސެޓު ގެންގޮސް އެމްޓީސީސީން އުންމީދެއް ހޯދި ނަމަވެސް، ދެން ކުޅުނު ދެސެޓު ވެމްކޯއިން ގެންދިޔައީ 13-25 އަދި 18-25 އިންނެވެ.

https://www.facebook.com/permalink.php?story_fbid=pfbid0scxsiBGPH2dWHj1RE5CCwgUQNykFG3BptufTFK84ZxWJMdBLkzVjEf61qDqppBHzl&id=61567318384297

މުބާރާތުގެ އެންމެ މޮޅުކުޅުންތެރިއަކީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ކުތިކާ ކަވްޕިނެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކްލަބްގެ މިންހަތު އަހުމަދެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަދީލެވެ.

އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ ޖޫޒާން، އައިޝަތު މާޖިދާ، ނަރީމާ އިދުރީސް (ނަންނި)، ހުރާ ކޮމިއުނިޓީ ކްލަބްގެ ފާތިމަތު ލިވާ ހުސެއިން، މަނާލް އިސްމާއިލް ރަޝީދު އަދި އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހެވެ.

މިއަދު ހަވީރު ކުޅުނު މުބާރާތުގެ ތިންވަނަ ހޮވި މެޗުން މިދިޔަ އަހަރުގެ ރަނަރަޕް، ޕޮލިސް ކްލަބުން ވަނީ ހުރާ ކޮމިއުނިޓީ ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފައެވެ. ތިން ވަނަ ހޮވި މެޗުގައި ހުރާގެ މައްޗަށް ޕޮލިހުން ކުރިހޯދީ 25-13، 25-17 އަދި 25-20 އިން ސެޓުތައް ގެންގޮސްގެންނެވެ.