ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވޮލީ ކޯޓުގައި ކުރިއަށްދާ މާކެންޓައިލް އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އެޗްޑީސީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކުރިމަތިލާން ޖެހިއްޖެއެވެ.

މިއަހަރުގެ އޮފީސް/ ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމުލަ ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ޓީމުތައް ފެންނަނީ ވަރުގަދަ ކޮށެވެ. ލީގު ބުރެއް ނިންމައި، އެއްވަނައިގައި އޮންނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށް މުބާރާތް ރާވާފައިވާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ އާއި ތިންވަނަ ޓީމު ކުރިމަތިލާ ސެމީ ފައިނަލް މެޗަން މޮޅުވާ ޓީމެވެ.

މުބާރާތުގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް އާއި އެޗްޑީސީގެ އިތުރުން ސްޓެލްކޯ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެވެ.

އެޗްޑީސީން ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ އިރު، އެންމެފަހުން ލީގު ބުރުގައި ކުޅުނު މެޗުގައި އެމްއެންޑީއެފް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 35-18، 25-17 އަދި 30-28 އިން ސެޓުތައް ގެންގޮސްގެންނެވެ. އެމެޗުން މޮޅުވެ އެޗްޑީސީ އޮތީ ފައިނަލުގެ ސީދާ ޖާގައެއް ޔަގީން ކޮށްފައެވެ.

އެޓީމާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަނޑައަޅަން އިއްޔެ ކުޅުނު ސެމީ މެޗުގައި ސިފައިން، ވެމްކޯ ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރަނގަޅު ލީޑެއްގައި އޮވެ ސިފައިން ގެންދިޔައީ 25-23 އިންނެވެ. ދެވަނަ ސެޓުގައި ވެމްކޯއިން ކުޅުން ރަނގަޅުކޮށް، ރަނގަޅު ވާދައެއް ކޮށްގެން 25-23 އިން ގެންދިޔުމުން މެޗު ފޯރިގަދަވެގެން ދިޔައެވެ.

އެހެން ނަމަވެސް، ދެން ޖެހިގެން އައި ދެ ސެޓު ސިފައިން ވަނީ 26-24 އަދި 25-14 އިން ގެންގޮސްފައެވެ. ތިންވަނަ ސެޓުގައި ވެމްކޯއިން ގިނަ ވަގުތު ލީޑުގައިވެސް އޮތެވެ. އެހެން ނަމަވެސް ސިފައިން ސެޓުގެ ފަހުކޮޅުގައި ތަފާތު ދެއްކިއެވެ.

މާކެންޓައިލް އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު އޮންނާނީ މިރޭ 8:30 ގައެވެ.